ގެެވެށި އަނިޔާގެ ސަބަބުން މުޖުތަމައުގެ އަފްރާދުންގެ މެދުގައި އަރައިރުންތައް އުފެދި އާއިލާތައް ރޫޅިގެންދޭ : ޚުތުބާ
އަޅުގަނޑުމެން އެންމެން ވެސްް ދުނިޔެއަށް އުފަންވާއިރު ގާތުގައި ލޯތްބާއި އަޅާލުން ދޭނެ ބަޔަކު ތިބެއެވެ. އަޅުގަނޑުމެން ދުނިޔެއަށް އުފަންވުމުގެ ކުރިން އެ ދުވަސް އަންނާނެ ދުވަހަކަށް އިންތިޒާރު ކޮށްގެން ތިބޭ ބަޔަކު ވެސް އުޅެއެވެ. އަޅުގަނޑުމެންނަށް ކަމެއް ވެއްޖެ ނަަމަ އެކަމާ ދެރަވެ ހިތާމަކުރާ ބަޔަކު އުޅެއެވެެ. އަބަދުވެސް އަޅާލާ ލޯބިން ވާހަކަ ދައްކާ ބަޔަކު އުޅެއެވެ. އެއީ އާއިލާއެވެ. ނަމަވެސް މިއަދު އެކި ކަހަލަ ކަންތައްތަކާ ހުރެ އަޅުގަނޑުމެންގެ ތެރެއިން ގިނަ ބަޔަކު އާއިލީ ގުޅުންތައް ކަނޑައެވެ.
މިއަދުގެ ހުކުރު ޚުތުބާގައި އަލިއަޅުވާލައިފައިވާ މައުޟޫއު އަކީ "އާއިލީ ގުޅުން ހަރުދަނާ ކުރުން" މިއެވެ.
އާއިލީ ގުޅުންތައް ހަރުދަނާ ކުރެވޭނީ އެބައެއްގެ ތެރޭގައި އޯގާވެރިކަމާއި ކުލުނު އޮވެގެން އަދި ރުޅިވެރިކަމާއި އަނިޔާވެރިކަން ނައްތާލެވިގެން ކަމަށް ހުތުބާގައި ފާހަގަ ކުރިއެެވެ. އަދި މިއަދު ބައިނަލްއަގްވާމީ ބައްދަލުވުންތަކުގައި އަޑުގަދަކޮށް ދެެކެވޭ ވާހަކަ އަކީ ގެވެށި އަނިޔާގެ ވާހަކަކަން ހުތުބާގައި ފާހަގަ ކުރިއެވެ. އެކަން ހުއްޓުވުމަށް ޓަކައި އަޑުއުފުލެމުންދާ އެއް ކަމަކީ ވެސް ގެވެށި އަނިޔާ ކަަމަށް ހުތުބާގައި ބުންޏެވެ.
ޝަރްއީ ނައްޞުތައް ދަލީލު ކުރާ ގޮތުގައި ފިރިހެނަކަށް ވިޔަސް އަންހެނަކަށް ވިޔަސް އެއްވެސް ބާވަތެއްގެ ގޯނާއެއް އަނިޔާއެއް ކުރުން ހަރާމް ކަމުގައި ހުތުބާގައި އިތުރަށް ފާހަގަ ކުރިއެވެ. އަދި ހުތުބާގައި ވަނީ އަޅުގަނޑުމެންގެ މާތް ނަބިއްޔާ މުހައްމަދު ޞައްލަﷲ އަލައިހި ވަޞައްލަމްގެ ހަޔާތްޕުޅުން ނަމޫނާ ލިބިގަތުމަށް އެދިފައެވެ. އެކަލޭގެފާނަކީ އެންމެ ހެޔޮ ބައްޕަ ކަމަށާއި އެންމެ ހެޔޮ ފިރިކަލުން ކަމަށް ވެސް ހުތުބާގައި ފާހަގަ ކޮށްފައިވެއެވެ.
"ޖާހިލީ ޒަމާނުގައި އަންހެނުން ވީ ފަދައިން އެކަނބަލުން މިއަދު ވެސް ދަނީީ ބޮޑެތި އަނިޔާތަކާ ކުރިމަތި ލަމުންނެވެ. ބޮޑެތި ތުރާތަކެއް ތަހައްމަލު ކުރަމުންނެވެ. މީހަކާ އިނުމުގެ ކުރިންނާއި މީހަކާ އިނުމަށް ފަހުގައި ވެސް އިސްލާމީ ޝަރީއަތުގެ ހަގީގަތާއި އޭގެ ހަރުދަނާ އުސޫލުތައް ނުދަންނަ މީހުންގެ ސަބަބުން އެކަނބަލުންނަށް ކުރިމަތިވާ ވޭންތަކާއި ކެކުޅުންތައް ގިނައެވެ." ޚުތުބާގައި އިތުރަށް ފާހަގަ ކޮށްފައިވެއެވެ.
އަނިޔާ ކުރުމަކީ އިސްލާމްދީން މަނާ ކުރާ ކަމެއް ކަމަށާއި އެއީ އެކަމުގައި މީހުންނަށް ގޯނާ ކުރުން ހިމެނޭތީ ކަމުގައި ހުތުބާގައި ފާހަގަ ކޮށްފައިވެއެވެ. ގެވެށި އަނިޔާގެ ސަބަބުން އިޖުތިމާއީ ފޭރާން ވީދި މުޖުތަމައު ހަލާކުގެ ތެރެއަށް ވެއްޓިގެން ހިނގައިދާނެ ކަމަށް ވެސް ހުތުބާގައި ބަޔާން ކުރިއެވެ. އަނިޔާގެ ސަބަބުން މުޖުތަމައުގެ އަފްރާދުންގެ މެދުގައި އަރާރުންތައް އުފެދި އާއިލާތައް ރޫޅިގެންދާ ކަމަށް ވެސް ހުތުބާގައި ފާހަގަ ކޮށްފައިވެއެވެ.
އަނިޔާވެރިވުމާއި ގޯނާ ކުރުމަކީ މުޖުތަމައައާއި އާއިލާތަކަށް ގެއްލުން ހުރި ހަޑި ހުތުރު އަމަލެއް ކަމަށް ވެސް ހުތުބާގައި ފާހަގަ ކޮށްފައިވެއެވެ. އެހެންކަމުން މިފަދަ ކަންތައްތަކާއި ދުރުހެލިވެ ދީނުގައި އަންގަވާފައި ގޮތަށް ކަންތައްތައް ކުރުމަށް ހުތުބާގައި އިލްތިމާސް ކޮށްފައިވެއެވެ.
އަނބިން ފިރިންނައް ދޭ އަނިޔާ އަށް ފިރިންނައް ކެއްކުރޭނެބާ..
ފިރިހެނަކައްވިއްޔާ ގެވެށީ އަނިޔާނެތީޠޯ