ރ.އެއްތިނގިލި ސާފުކޮށް އަލިފުށި ފިނިފެންމާ ގުރޫޕުން ދެއްކީ ނަމޫނާއެއް، އައްސަރިބަހާ ސާބަސް!

ރ. އަތޮޅު އަލިފުށްޓަށް ނިސްބަތްވާ ފިނިފެންމާ ގުރޫޕުން އިސްނަގައިގެން، އަލިފުށި ކައިރީގައިވާ ފަޅުރަށެއް ކަމުގައިވާ ރ. އެއްތިނގިލި ސާފުކޮށް މުޖުތަމަޢަށް ނަމޫނާ ދައްކައިފިއެވެ.
ފިނިފެންމާ ގުރޫޕުން އެއްތިނގިލި ސާފުކުރަން ދިޔަ މި ދަތުރުގައި، ރ. އަތޮޅު ކައުންސިލްގެ ރައީސް ކަމުގައިވާ އަލީ ޝާހިދުގެ އިތުރުން އަތޮޅު ކައުންސިލްގެ ނައިބު ރައީސް ކަމުގައިވާ ޢަބުދްﷲ ޙުސައިން ވެސް ވަނީ މި ދަރުގައި ބައިވެރިވެ، އެއްތިނގިލި ސާފު ކުރުމުގައި އަމަލީ ގޮތުން ބައިވެރިވެ ވެޑައިގެންފައެވެ.

ރ. އަތޮޅު ކައުންސިލްގެ ރައީސް އަދި ނައިބު ރައީސް
މިކަމާ ގުޅިގެން ފިނިފެންމާ ގުރޫޕުގެ މެމްބަރަކު "ދެން" އާ ވާހަކަ ދައްކަމުން ބުނެފައިވަނީ، އެއީ އަބަދުވެސް އެއްކޮށް ކޮފީތަކަށް ގޮސް އުޅޭ އެކުވެރި ބައެއް ވެގެން ރޭވި ކަމެއް ކަމަށާއި، މި ދަތުރު ފެށީ ވެސް ރަށް ސާފު ކުރުމުގެ މަޤުސަދުގައި ކަމަށެވެ. އަދި ކުރެވުނު މަސައްކަތް ތަކުގެ ތެރޭގައި ރަށަށް ދަތުރު ގޮސް އުޅޭ ބޭފުޅުންނަށް ފަސޭހަ ވާނޭ ގޮތަކަށް، ކަންކަން ރާވާ ތައްޔާރު ކުރުމަށްޓަކައި މަސައްކަތް ކުރެވިފައި ވާނެކަމަށެވެ. އެގޮތުން ދަތުރު ގޮސް އުޅޭ މީހުންނަށް ފަސޭހަ ވާނޭ ގޮތަކަށް ޖޯލިފަތި އަދި އަށި ފަދަ ތަކެތި ވަނީ ތައްޔާރު ކުރެވިފައެވެ. އަދި މަސައްކަތުގައި އަމަލީ ގޮތުން ބައިވެރި ވަޑައިންގެން ދެއްވީތީ އަތޮޅު ކައުންސިލުގެ ރައީސްއަށާއި ނައިބު ރައީސަށް މުޅި ފިނިފެންމާ ޓީމުން ވަނީ ޝުކުރު އަދާ ކޮށްފައެވެ.

ފިނިފެންމާ ގުރޫޕުން ރަށް ސާފު ކުރުމަށް މަސައްކަތް ކުރަނީ
ރަށު ތެރެ ސާފުކުރުމަށް ފެށި ދަތުރު އެހިސާބުން ނުނިންމާލާނެ ކަމާއި، ރަށް އެއްކޮށް ސާފު ކުރުމުގެ ދެވަނަ ދަތުރަކަށް މިހާރު ތައްޔާރު ވަމުން އަންނަ ކަމަށް ވެސް އޭނާ ވަނީ "ދެން" އާ ހިއްސާ ކޮށްފައެވެ.
މި ދަތުރުގައި އަތޮޅު ކައުންސިލުގެ ރައީސް އަލީ ޝާހިދު ވެސް ވަނީ މި ދަތުރުގައި ބައިވެރިވެ ޢަމަލީ ގޮތުން ރަށް ސާފުކުރުމަށް މަސައްކަތް ކުރައްވާފައެވެ.
"މި މަސައްކަތުން ރަށުގެ އެއްބައިވަންތަ ކަމާއި ރަށުވަންތަކަން ވަރަށް ރަނގަަޅަށް ފެނިގެން ދިޔަ. މިފަދަ ކަންކަން ކުރިޔަށް ގެންދިއުމުގެ ސަބަބުން ގިނަ ބައެއްގެ މެދުގައި މިފަދަ ކަންކަން ކުރުމަށް މޯޓިވޭޓް ވެގެން ދޭ"
އަލީ ޝާހިދު
އަލީ ޝާހިދު ވިދާޅުވީ، މިފަދަ މަސައްކަތްތައް ކުރަމުން ދިއުމުގެ ސަބަބުން ގިނަ ޒުވާނުންގެ ހިތްތަކުގައި މިފަދަ ކަންކަން ކުރުމަށް ހިތްވަރު ލިބިގެން ދާކަމަށެވެ.

އަތޮޅު ކައުންސިލްގެ ރައީސް އަދި ނައިބު ރައީސް މަސައްކަތް ކުރައްވަނީ
މި މަސައްކަތުގައި އަތޮޅު ކައުންސިލްގެ ރައީސްގެ އިތުރުން ނައިބު ރައީސް ވެސް ވަނީ ބައިވެރިވެ ވަޑައިގެންފައެވެ. "ދެން" އާ ވާހަކަފުޅު ދައްކަވަމުން އަބްދުﷲ ހުސައިން ވިދާޅުވެފައި ވަނީ މި ދަތުރުގައި އެބޭފުޅާ ބައިވެރިވީ ރައީސްގެ އެދިވަޑައިގަތުމާއެކު ކަމަށާއި، ކައުންސިލްގެ ނައިބުގެ ހައިސިއްޔަތުން ނޫންކަމަށާއި، އެއީ ރ. އަތޮޅުގެ ފަޅު ރަށްތައް ސާފުކުރުމަށް އަތޮޅު ކައުންސިލުން ދެއްވާފައިވާ އަހަމިއްޔަތުގެ ބޮޑު ކަމުން ކަމަށެވެ.
"އަލިފުށްޓަކީ އެކުވެރި އެއްބާރުލުންދޭ އެކުވެރި ރަތްޔިތުންނެއް އުޅޭ ރަށެއް. އަދި މި މަސައްކަތުން އެކަން ވަރަށް ބޮޑަށް ފާހަގަވެގެން ދިޔަ. މިފަދަ ކަންކަމަކީ އެއްބާރުލުން ދޭނެ ބަޔަކު ވާނަމަ ނުވާނެ ކަންތައްތަކެއް ނޫން. އެކަން މިއަދު ވަރަށް ރަނގަޅަށް ފާހަގަ ވެއްޖެ"
އަބްދުﷲ ހުސައިން

ފަޅު ރަށްތަކަށް ދަތުރު ގޮސް އެރަށް ރަށަށް ކުނިއަޅައި ސާފު ނުކުރާ މައްސަލަ މިވަނީ މިފަހަކަށް އައިސް ވަރަށް ބޮޑަށް ފެންމަތި ވެފައެވެ. ވިއިރު މިފަދަ ދަނޑިވަޅެއްގައި އަލިފުށި ފިނިފެންމާ ގުރޫޕުން ދައްކާފައި މިވަނީ އެބޭފުޅުންނަށް އައްސަރި ބަހާއި ޝުކުރު ހައްގު މަސައްކަތެކެވެ.