ރައީސް ޔާމީން ޖަލަށްލިތާ އަހަރެއް: މިނިވަން ކުރަން ގޮވާލާ އަޑުތައް ރަށްރަށުގައާއި ކަނޑުމަތީގައި ވެސް !
މިއަދަކީ ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ޖަލަށްލިތާ އެއްއަހަރު ފުރުނު ދުވަހެވެ. އެމްއެމްޕީއާރްސީގެ ބޮޑު ޚިޔާނާތާ ގުޅޭ މަނީ ލޯންޑަރިންގެ މައްސަލައިގައި ފަސް އަހަރަށް ޖަަލަށްލާން ކްރިމިނަލް ކޯޓުން މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހު ހުކުމް ކުރުން ވެގެން ދިޔައީ އެތައް ބައެއްގެ ހިތްތަަކަށް މާޔޫސްކަން ގެނުވާ ލޯތައް ތެތްމާލި ދުވަހަކަށެވެ.
އެތައް ބަޔަކު ބުނަމުން އަންނަ "ތަރައްޤީގެ ބާނީ" ރައީސް ޔާމީން، ޖަލަށްލާން ހުކުމް ކުރިތާ މިއަދަށް އަހަރެއް ވެފައިވާއިރު އެމަނިކުފާނުގެ ވެރިކަމުގައި ޤައުމު ކުރިއަރުވާފައިވާ ގާތަަށް ވެސް މިސަރުކާރަށް އަދި ޤައުމަށް ޚިދުމަތްކޮށް ނުދެވޭ ކަމަށް އެތައް ބަޔަކު ޤަބޫލު ކުރެއެވެ.
މިދިޔަ އަހަރުގެ މިދުވަސް
އެމަނިކުފާނުގެ މައްޗަށް ތުހުމަތުކުރި މައްސަލައިގެ ހުކުމް އިއްވުން އެންމެ ފުރަތަމަ ބާއްވަން ތާވަލު ކުރީވެސް 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 5 ވަނަ ދުވަހުގައެވެ. ނަމަވެސް އެއިރު ހުރި ކްރިމިނަލް ކޯޓުގެ އިސްގާޒީ، އަދި ރައީސް ޔާމީނުގެ ޝަރީޢަތް ބައްލަވަމުން ގެންދިޔަ ގާޒީ އަހުމަދު ހައިލަމް ގެ ސުލޫކީ މައްސަލައެއް އޮތް ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ފާހަގަކޮށް އެމައްސަލައިގެ ޝަރީޢަތް ބޭއްވުމުގެ ކުރިން ސަސްޕެންޑު ކުރީއެވެ. އަދި އެދުވަހުގެ ޝަރީޢަތް ކެންސަލް ވެސް ކުރީއެވެ.
އެއަަށްފަހު މިމައްސަލަ ދެން ބެއްލެވީ ފަސް ފަނޑިޔާރުންގެ ބެންޗެއް އެކުލަވާލައިގެންނެވެ. ނޮވެމްބަރު މަހުގެ 28 ވަަނަ ދުވަހުގެ ހަވީރުގެ ވަގުތެއްގައި، މަނީ ލޯންޑަރިންގެ މިމައްސަލައިގައި ރައީސް ޔާމީން، ފަސް އަހަރު ދުވަހަށް ޖަލަށްލުމަށާއި ފަސް މިލިއަން ރުފިޔާ ދެއްކުމަށް ހުކުމް ކުރެއްވީ ސުލޫކީ މައްސަލައެއް އެބޭފުޅެއްގެ މައްޗަށް އޮތް ފަނޑިޔާރު ޢަލީ ރަޝީދެވެ.
ރައީސް ޔާމީންގެ ޖަލު ހުކުމް އިސްތިއުނާފު ކުރުމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީ އިން އެމައްސަލަ ހައިކޯޓަށް ހުށަހެޅުއްވިއެވެ. ނަމަވެސް މިމައްސަލައިގެ ހުކުމް އަދި އިއްވާފައެއް ނުވެއެވެ.
ރައީސް ޢަބްދުﷲ ޔާމީންގެ އެކައުންޓުތައް ފްރީޒް ކުރުން
މަނީ ލޯންޑަރިންގެ މައްސަލައިގައި ޖަލަށްލާން ހުކުމް ކުރި ރައީސް ޔާމީންގެ ބޭންކު އެކައުންޓުތައް ވެސް ފްރީޒް ކުރަން ކްރިމިނަލް ކޯޓުން ހުކުމް ކުރިއެވެ.
ނަމަވެސް އިދިކޮޅު ފަރާތްތަކުން ފަހުން ވަނީ އެމައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކޮށްފައެވެ. އަދި މިއަހަރު ހައިކޯޓުން ވަނީ ދަށުކޯޓުގެ އެނިންމެވުން ބާތިލުކޮށް، ރައީސް ޔާމީންގެ ބޭންކު އެކައުންޓުތައް ފްރީޒް ނުކުރުމަށް އަމުރު ކޮށްފައެވެ.
ދައުލަތުގެ ފަރާތުން އެމައްސަލަ އިސްތިއުނާފު ކުރުމަށް ސުޕްރީމް ކޯޓަށް ހުށަހެޅިއެވެ. ނަމަވެސް ސުޕްރީމް ކޯޓުން ވެސް ވަނީ ހައިކޯޓުގެ ނިންމެވުމަަށް ތާއީދުކޮށް، ރައީސް ޔާމީންގެ އެކައުންޓުތައް ފްރީޒް ކުރަން ނުޖެހޭ ކަމަށް ނިންމަވާފައެވެ.
ސަޕޯޓަރުންގެ އަޑުތައް
ރައީސް ޔާމީނަށް ލިބެމުންދަނީ ނުޙައްޤު "އަނިޔާއެއް" ކަމަށް އެމަނިކުފާނަށް ތާއީދުކުރާ އެތައް ބަޔަކު އެދުވަހުން ފެށިގެން އަދާއި ޖެހެންދެން ވެސް ބުނަމުން ދެއެވެ.
އެގޮތުން ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލާ، އިދިކޮޅު ޕީޕީއެމް/ޕީއެންސީ ގެ މެންބަރުންނާއި ރައީސް ޔާމީނަަށް ތާއީދުކުރާ އެމަނިކުފާނުގެ ސަޕޯޓަރުން ދަނީ ހަރުއަޑުން ގޮވާލަމުންނެވެ.
ކަނޑުމަތީގައި އެއްވުން ބާއްވާ، ރައީސް ޔާމީން މިނިވަން ކުރެއްވުމަަށް ގޮވާލަމުންދާއިރު، އެބޭފުޅުން ވިދާޅުވީ ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލާ މިއަދު ކަނޑުމައްޗަށް ނިކުންނަށް ޖެހިފައިވާ ކަމަށާއި އެ މަސައްކަތް ހުއްޓާނުލާ ކުރިއަށް ގެންދާނެ ކަމަށެވެ.
ރައީސް ޔާމީންގެ ތަރައްގީއަށް ސަރުކާރުގެ އިއުތިރާފް
ޖަލުގައި އޮންނެވި ރައީސް ޔާމީންގެ ވެރިކަން ބަދަލު ކުރުމަށް އޭރުގެ އިދިކޮޅުން އެންމެ ބޮޑަށް ދެއްކެވި ވާހަކަތަކަކީ ކޮންކްރީޓް ތަރައްގީގެ ވާހަކައާއި އަދުލު އިންސާފުގެ ވާހަކައެވެ. އަދުލު އިންސާފު ކަށަވަރު ކުރުމަށް ޖޭއެސްސީގައި މެމްބަރުން ތަމްސީލް ކުރާ ގޮތް ބަދަލު ކުރާނެ ކަމުގެ ވައުދާއި އެއްވެ އުޅުމުގެ މިނިވަންކަން ހޯދައިދޭނެ ކަމުގެ ވާހަކައެވެ. ކޮންކްރީޓް ތަރައްގީގެ ދަރުމަވަންތަ ހޮސްޕިޓަލްގެ ދަޅައިގައި ނުޖެހުމަށް ރިޔާސީ ކެނޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިޙް ގޮވައިލެއްވިއެވެ.
މިހުރިހާ ކަންކަމާއެކު ވެރިކަން ބަދަލުކޮށް ރައްޔިތުން އިބޫފައިސަލަށް ދިން ވޯޓަށް ޚިޔާނާތްތެރި ވެއްޖެ ކަމަށް އިދިކޮޅުގެ އިތުރުން އެމްޑީޕީގެ މެމްބަރުން ވެސް ފާޅުގައި މީސްމީޑިއާގައި ބުނަން ފަށައިފިއެވެ. ޚާއްޞަކޮށް 17 ބިލިއަން ރުފިޔާ އާމްދަނީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކޮށް އަންނަ އަހަރަށް ކަނޑައެޅި 34 ބިލިއަން ރުފިޔާގެ ބަޖެޓަށް ފައިސާ ހޯދުމަށް 300 މިލިއަން ޑޮލަރުން ދަރުމަވަންތަ ހޮސްޕިޓަލް ރަހުނު ކުރަން ނިންމި ނިންމުމާ ގުޅިގެން ރައީސް ޔާމީންގެ ތަރައްގީ މިއަދުގެ ސަރުކާރުން ވެސް ބަލައިގެންފިކަމަށާއި އެމަނިކުފާނު ޖަލުގައި ބާއްވަން ލަދު ގަންނަން ޖެހޭނެ ކަމަށް އިދިކޮޅުން ބުނެއެވެ.
ރައީސް ޔާމީން ޖަލަށްލިތާ މިއަދު އެއްއަހަރު ފުރިފައިވާއިރު، އެމަނިކުފާނުގެ ސަޕޯޓަރުންނާއި އިދިކޮޅުން މިއަދު ހަރުއަޑުން ގޮވާލަމުންދާ އެއް ވާހަކައަކީ، އެމަނިކުފާނަށް ނުޙައްޤުން އަނިޔާ ދެމުން އަންނަ ކަމަށާއި މިހާރުން މިހާރަށް އެމަނިކުފާނު މިނިވަން ކުރުމަށެވެ.
ކަނޑު މަތީގައެއްނު މުޒާހަރާ ކުރާނީ. މަސްވެރިންނަށް ދޭންބުނި ބެޔަސް ނުބެޔަސް ކެޔަސް ނުކެޔަސް ދީގެން މަސްވެރިން އަބަދު ކަނޑުމަތީގަ ވިއްޔަ އެ ތިބެނީ.