މުސްލިމުންނާ ދެކޮޅަށް ހިންގާ އަނިޔާތައް ހުއްޓުވުމަށް ރާއްޖެއިން ގޮވާލައިފި
އިސްލާމް ދީނާ ދެކޮޅަށް ހިންގޭ އަމަލުތައް ހުއްޓުވައި، މުސްލިމުންނާ ދެކޮޅަށް ހިންގޭ އަނިޔާތައް ހުއްޓުވުމަށް ބައިނަލްއަގްވާމީ މުޖްތަމައުގައި މަސައްކަތް ކުރެވޭނެ ނިޒާމެއް ގާއިމް ކުރުމަށް ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ގޮވާލައްވައިފިއެވެ.
މިނިސްޓަރ މިފަދައިން ގޮވާލެއްވީ އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯ.އައި.ސީ)ގެ ކައުންސިލް އޮފް ފޮރިން މިނިސްޓަރސްގެ 47 ވަނަ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެން ވާހަކަފުޅު ދައްކަވަމުނެވެ.
ޝާހިދު ވަނީ އިސްލާމީ އުއްމަތަށް ދިމާވެފައިވާ އެކި މައްސަލަތަކުގެ މައްޗަށް އަލި އަޅުވާލައްވާ ޓެރަރިޒަމާ ދެކޮޅަށް އޯއައިސީގެ މެމްބަރު ޤައުމުތަކުން މަސައްކަތް ކުރުމަށް ގޮވާލައްވާފައެވެ.
މި ބައްދަލުވުމުގައި ފަލަސްތީނުގެ މުސްލިމުންނަށް ކޮވިޑް-19 ގެ ސަބަބުން ކުރިމަތިލާންޖެހޭ އުނދަގޫތައް އިތުރުކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ. އަދި މުސްލިމުންނަށް ކޯވިޑް-19ގެ ސަބަބުން ކުރިމަތިލާންޖެހޭ އުނދަގޫތައް އިތުރުކަމާއި، އޯ.އައި.ސީ ގައި ހިމެނޭ ކުދި ޤައުމުތަކަށް ކުރިމަތިވި އިޤްތިޞާދީ ގޮންޖެހުންތައް ބޮޑުކަން ފާހަގަކުރައްވައި، އެޤައުމުތަކަށް ލުއި ގޮތެއްގައި މާލީ އެހީތެރިކަން ލިބޭނެ އިންތިޒާމް ހަމަޖެއްސުމަށް ވެސް ގޮވާލެއްވިއެވެ.
މިނިސްޓަރ ވަނީ މިޔަންމާގެ ރޮހިންޔާ ދަރިކޮޅުގެ މުސްލިމުންނަށް ލިބެމުންދާ އަނިޔާތަކަށް އިންސާފު ހޯދައިދިނުމަށް ބައިނަލްއަޤްވާމީ ކޯޓުގައި ދަ ގެމްބިއާ އާއެކު ރާއްޖެއިން ކުރަމުންދާ މަސައްކަތްތަކަށް ވެސް އަލި އަޅުވާލައްވާފައެވެ.
މީގެ އިތުރުން ޝާހިދުގެ ވާހަކަފުޅުގައި ކޯވިޑް-19ގެ ހާލަތު ރާއްޖޭގައި އޮތް ގޮތް ބަޔާން ކުރައްވައިފައި ވެއެވެ.އެގޮތުން ސިއްހީ،އިޖްތިމާއީ އަދި އިޤްތިޞާދީ ދާއިރާއަށް ކޯވިޑްގެ ސަބަބުން ކޮށްފައިވާ އަސަރުތަކުގެ މައުލޫމާތު ހިއްސާކުރެއްވިއެވެ.
މި އަހަރު ބޭއްވި ބޭއްވި ޚާރިޖީ ވަޒީރުންގެ ބައްދަލުވުމުގެ ޝިޢާރަކީ"ސުލްޙައާއި ތަރައްޤީއަށް ގުޅިގެން ޓެރަރިޒަމާ ދެކޮޅަށް" މިއެވެ. މި ބައްދަލުވުމުގައި އޯ.އައި.ސީގެ 57 ޤައުމުގެ ޚާރިޖީ ވަޒީރުން ބައިވެރިވެ ވަޑައިގެން ދިމާވެފައިވާ މައްސަލަތަކާ ބެހޭ ގޮތުން މަޝްވަރާ ކުރެއްވިއެވެ.