ޚަބަރު

"ވަސީލަތް ހުރީ ހުވަދޫގައި، ކިތަންމެ އުޅުނަސް އިނގިރޭސިން ހަނގުރާމައަށް ހެދި އެއާޕޯޓު ތަރައްގީއެއް ނުވާނެ"

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

ވަސީލަތް ހުރީ ހުވަދު އަތޮޅުގައި ކަމަށާއި ކިތަންމެ މަސައްކަތެއް ކުރި ނަމަވެސް އިނގިރޭސިން ހަނގުރާމައަށް ހެދި އެއާޕޯޓެއް ތަރައްގީ ނުވާނެ ކަމަށް ތިނަދޫ އުުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ސަނީފު ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ޓުއަރިޒަމް ގާނޫނަށް ހުށަހެޅި އިސްލާހަށް ބަހުސްކުރައްވަމުން ސަނީފް ވިދާޅުވީ ރާއްޖޭގެ އެންމެ ގިނަ ރަށްތައް އޮތީ ހުވަދު އަތޮޅުގައި ކަމަށާއި 12 ރިސޯޓު ހުވަދޫގައި ހިންގަމުންދާ ކަމާއި އިތުރު ދެ ރިސޯޓެއް ވަރަށް އަވަހަށް ހުޅުވޭނެ ކަމަށެވެ.

އަދި އައްޑޫގައި އޮތީ ދެ ރިސޯޓުކަން ފާހަގަ ކުރައްވައި، ސަނީފް ވިދާޅުވީ އިންޓަނޭޝަނަލް އެއާޕޯޓެއް އައްޑުއަށް ވުރެ ހުވަދުއަށް މުހިންމު ކަމަށެވެ.

އައްޑޫގެ އިތުރުން ސަނީފް ވަނީ ލާމު އަތޮޅަށް ވެސް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ވާހަކަދައްކަވާފައެވެ. އެގޮތުން ލާމު އަތޮޅާއި އައްޑުއަށް ތަރައްގީ ގެންނަން އުޅެނީ ގަދަ ބާރުން ކަމަށާއި ލާމު އަތޮޅުގައި ހިންގަނީ އެއް ރިސޯޓު ކަމުގައި އޭނާ ވިދާޅުވިއެވެ.

""އިނގިރޭސީން، އެ މީހުން ހަނގުރާމައަށް ހެދި އެއާޕޯޓެއް، ކިތަންމެ ވަރަކަށް އަޅުގަނޑުމެން ތަރައްގީ ކުރަން އުޅުނަސް ނުވާނެ. ދިވެހިރާއްޖެ ތަރައްގީ ކުރަންޖެހޭނީ ރަށްތައް އޮންނަ ގޮތަށް. އިގްތިސާދު ފުޅާކުރެވޭނެ ގޮތަށް." ސަނީފް ވިދާޅުވިއެވެ.

ސަނީފް ވަނީ ރާއްޖޭގެ ރަށްތައް އޮތް ގޮތަށް ރަށް ތައް ތަރައްގީކޮށް މިކަން ކުރަން ނޫޅެނީ ކީއްވެތޯ ސުވާލުކުރައްވާފައެވެ.

އަދި ހުވަދު އަތޮޅު ރައްޔިތުން، ހުވަދު އަތޮޅުގެ ވަސީލަތްތައް އެހެން ބަޔަކަށް ގުރުބާން ކުރެވެން ނެތް ކަމަށް ވެސް ސަނީފް ވިދާޅުވިއެވެ.

ސަނީފް މިހެން ވިދާޅުވިނަމަވެސް ލާމު އަަތޮޅުގައި މިވަގުތު ވެސް ދެ ރިސޯޓެއް އަންނަނީ ހިންގަމުންނެވެ.

 

 

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!