ޚަބަރު

ނިޔާވި ތުއްތު ކުއްޖެއްގެ މަންމަގެ އާދޭސް: ދަރިފުޅު ދެން އެނބުރިއެއް ނާންނާނެ، ނަމަވެސް އިންސާފު ހޯދައި ދެއްވާ!

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

މިއީ މީގެ އަހަރެއް ކުރިން އައިޖީއެމްއެޗްގައި ހިނގާފައިވާ ހާދިސާއެކެވެ. މި ހިތާމަވެރި ހާދިސާގައި ދެމަފިރިއަކަށް އެމީހުންގެ ތުއްތުތުއްތު ދަރިފުޅާ ވަނީ އަލްވަދާއު ކިޔަން ޖެހިފައެވެ. މިހާދިސާއާ ގުޅިގެން އައިޖީއެމްއެޗުން އެއިރު ބަޔާނެއް ވެސް ނެރެފައިވާއިރު، އެބަޔާނުގައި ބުނެފައި ވަނީ 15 ނޮވެމްބަރު 2019 ވަނަ ދުވަހުގެ ރޭ އެހޮސްޕިޓަލުގައި ނިޔާވި ތުއްތު ކުއްޖާ ނިޔާވީ ވިހެއުމުގެ ކުރިން ކަމަށް ބެލެވޭ ކަމަށެވެ. އަދި އެފަދަ "ޕެރިނޭޓަލް" މަރުގެ ފުރިހަމަ ތަހުގީގެއް އެހޮސްޕިޓަލުން އަބަދުވެސް ކުރިއަށް ގެންދާ ކަމަށް ވެސް އައިޖީއެމްއެޗްގެ އެބަޔާނުގައި ވެއެވެ.

Ads by STELCO

ނަމަވެސް ނިޔާވި ތުއްތު ކުއްޖާގެ މައިންބަފައިން މިހިތާމަވެރި ހާދިސާ ކިޔައިދިން ގޮތް މުޅިން ތަފާތެވެ. ތުއްތު ކުއްޖާގެ މަންމަ ފާތިމަތު ނިއުމާ، އޭނާގެ ޓްވިޓާގައި މިދިޔަ ހުކުރު ދުވަހުގެ ރޭ ލިޔެފައި ވަނީ، ކުއްޖާ މަރުވީ "ބަނޑަށް" ނޫން ކަމަށާއި "އޮފް ޑޭ އޭ ކިޔާފައި (ނަރުހުން) ތިބީ" ކަމަށެވެ.

މިހާދިސާ އާއި ބެހޭގޮތުން "ދެން" އަށް އިތުރަށް މައުލޫމާތު ދެމުން ނިއުމާ ބުނީ 15 ނޮވެމްބަރު ދުވަހުގެ މެންދަމު 00:15 ހާއިރު އެ ދެމަފިރިން އައިޖީއެމްއެޗްގެ ގައިނީ ބައިގެ އީއާރަށް ދިޔައީ ކުއްޖާ އެއްވެސް ވަރަކަށް ނުތޮޅޭތީ ކަމަށެވެ.

"އެތަނަށް ދިޔައިރު ހުރީ ބޮކިތައް ވެސް ނިވާފަ. ތިބީ ދެ ބިދޭސީ ނަރުހުން. އަޅުގަނޑު ބުނިން ނުތޮޅޭތީއޭ މިއައީ. ދެން އެމީހުން އެހެން އިރުކޮޅަކު ތިބެފައި އެކި ސުވާލުކުރި، ސައިޑަށް އޮވެފައި ވެސް ބެލިންތޯ އެހި، އަޅުގަނޑު ބުނިން އެހުރިހާ ކަމެއް ވެސް ކުރި ވާހަކަ އެކަމަކު ވެސް އެއްވެސް ވަރަކަށް ނުތޮޅޭ ވާހަކަ." ނިއުމާ ބުންޏެވެ.

ސުވާލުތަކަށް ފަހު އޭނާ އެތަނުގައި ބޭއްވި ކަމަށާއި ކުއްޖާގެ ހިތުގެ ވިންދު ހުރިތޯ ބަލަން ޑޮޕްލަރ ޖެއްސި ކަމަށް ނިއުމާ ބުންޏެވެ.

"ބޭބީގެ ހިތުގެ ވިންދު އެވަގުތު ހުރި. ނަރުސް ކުއްޖާ ވެސް ބުނީ ވިންދު ހުރި ކަމަށް، ދެން ބުނީ ވެދާނެއޭ ބޭބީ ނިދާފަ އޮތީ ކަމަށް ބަނޑުގައި. ބަނޑުގައި އޮތަސް ނިދާނެއޭ. ދެން އެހެން ބުނީމަ ހިތްހަމަ ޖެހުނު."

ނިއުމާ ބުނީ އެވަގުތު ދެން ގެއަށް ދިޔަ ކަމަށާއި ނަމަވެސް މެންދުރު ގަޑީގައި ވެސް އެއްގޮތަކަށް ވެސް ބޭބީ ނުތޮޅޭތީ އަނެއްކާ ވެސް ހޮސްޕިޓަލަށް ދިޔަ ކަމަށެވެ. އަދި ބަނޑުގައި އޮތް ދަރިފުޅު އަދިވެސް ނުތޮޅޭ ކަމަށާއި ދަންވަރު ދިޔަ ކަމަށް ބުނި ކަމަށް ވެސް ނިއުމާ ބުންޏެވެ.

ނަމަވެސް ދެން ކަންތައްވާން ފެށީ އެދެމަފިރިން ހީވެސް ނުކުރާހާ ހިތާމަވެރިކޮށް ކަމަށް ނިއުމާ ބުންޏެވެ. އަނެއްކާ ވެސް އެތަނުގެ އެމަޖެންސީގައި ބޭއްވިއެވެ. އިރުއިރު ކޮޅުން ނަރުސް ކުއްޖެއް އައިސް، ބޭބީ ތޮޅެން ފަށައިފިތޯ އަހާ ކަމަށާއި އިތުރު ކަމެއް ނުކުރާ ކަމަށް ވެސް ނިއުމާ ބުންޏެވެ. ތުއްތު ކުއްޖާގެ ހިތުގެ ވިންދު ހުރިތޯ ބަލަން ނަރުސް ކުއްޖެއް އޭގެ އިރުތަކެއް ފަހުން ދިޔަ ކަމަށާއި ޑްރޮޕްލަރ ޖެއްސުމަށްފަހު އަވަހަށް ތެދުވަން ބުނި ކަމަށް ވެސް ބުންޏެވެ.

"ބުނީ އަވަހަށް ދެން ހުރި ވޯޑަށް ދާން ހިނގާށޯ. އެތަނަށް ގެންގޮސް އަވަހަށް އޮކްސިޖަން ގުޅާ، ސްކްރީން ދަމާ އެހެން ވެސް އެއްޗެހިތަކެއް ގުޅީ. އަޅުގަނޑު އެހިން ކިހިނެއްތޯވީ، އެހީމަ ބުނީ ބޭބީ ގެ ހިތުގެ ވިންދު އެބަ ދަށްވެޔޯ. ދެން އަޅުގަނޑުމެން ދެމަފިރިން ވަރަށް ހާސްވި. އެވަގުތު ވެސް އެކަމަކު ޑޮކްޓަރެއް ނާދޭ. އަޅުގަނޑަކީ ހައިރިސްކު ޕޭޝަންޓެއް، ބަލިވެ އިންއިރު ވެސް ހަފްތާއަކު ދެ ފަހަރު ލޭ އަޅަމުން ދިޔައީ" ނިއުމާ ބުންޏެވެ.

އޭގެ އިރުކޮޅެއް ފަހުން ފިރިހެން ޑޮކްޓަރެއް އެތަނަށް ދިޔަ ކަމަށާއި ބަނޑުގައި އަތްލުމަށް ފަހު ސްކޭނެއް ކުރަން ޖެހޭ ކަމަށް ބުނި ކަމަށް ނިއުމާ ބުންޏެވެ. ނަމަވެސް ސްކޭން ކުރަން އެތަނުގައި ހުރި ސްކޭން މެޝިން ޖެއްސިތަނުން މެޝިނު ނިވުނު ކަމަށާއި އެއްގޮތަކަށް ވެސް އެމެޝިނު ނުޖެއްސުނު ކަމަށް ނިއުމާ ބުންޏެވެ.

"ޑޮކްޓަރު ނަރުސް ކުއްޖާ ކައިރީގައި އެހި ސްކޭން މެޝިނެއް އެގަޑީގައި ގެނެވިދާނެތޯ. ނަރުސް ކުއްޖާ ބުނީ ހުކުރު ދުވަސްވީމަ އުދަގޫ ވާނެ ކަމަށް. ޑޮކްޓަރު ބުނި އެކަމަކު ވެސް ގުޅާލަން. ގާތް ގަނޑަކަށް އެ ދެމެދުގައި ވެސް އެއް ގަޑިއިރު ހޭދަ ވެގެން ދިޔަ ސްކޭން ރޫމުން މެޝިނެއް ގެނައުމާ ދެމެދު ވެސް" ހާސްކަމުން ފުރިގެން ދިޔަ އެވަގުތުތައް ހަނދާން ކުރަމުން ނިއުމާ ކިޔައިދިނެވެ.

ނަމަވެސް މެޝިނު ލިބުނުއިރު ސްކޭން ކުރާ ޑޮކްޓަރު ހުރީ އޮފް ޑިއުޓީގައި ކަމަށާއި އެޑޮކްޓަރު އައުމަށް ވެސް 30 ވަރަކަށް މިނެޓު ނެގި ކަމަށް ނިއުމާ ބުންޏެވެ.

"އިރުކޮޅަކުން ގުޅާފަ ހުރި އެހެން މެޝިނުތައް ވެސް ނިވުނީ. އަޅުގަނޑު އެހިން އެމެޝިނުތަކަށް ކިހިނެއްހޭވީ، ބުނީމަ ބުނީ އެއޯކޭ ވާނޭ. ކިޔާފަ ގުޅާފަ ހުރި ހުރިހާ މެޝިނެއް ނައްޓާލީ. ނައްޓާލާފަ ބުނީ މިހާރު މިއުޅޭނީ ބޭބީ ނަގަންށޯ ބޭބީގެ ވިންދު އެބަހުއްޓޯ ބޭބީ ސަލާމަތް ވާނެޔޯ. އެކަމަކު ދުވަސް ނުފުރާ ކުއްޖެއްވީމަ އެންއައިސީޔޫ ގައި ދެ މަސް ނުވަތަ ތިން މަސް ދުވަސް ވަންދެން ބާއްވަން ޖެހޭނެ ކަމަށް ބުނި. އަޅުގަނޑު ބުނިން މައްސަލައެއް ނެތޭ، ބޭބީ ސަލާމަތްވަންޏާ ނަގާށޭ"

"އެހިން ސަލާމަތްވާނެ ދޯ އޭ، ބުނީ ހަމަ 100% ޔަގީނޭ ސަލާމަތްވާނޭ"

ނިއުމާ ބުނީ ޑްރޮޕްލަރގައި ވެސް އިންސިއުލޭޝަން ޓޭޕު އަޅާފައިވާ ކަމަށާއި އެތަނުގައި ހުރި މެޝިނުތައް ހަލާކުވެފައި ހުރިކަން އެވަގުތު އެނގުނު ކަމަށެވެ. ސިޒޭރިއަން ހަދަން ގެންދިޔަ ކަމަށާއި ނަމަވެސް އެތަން ތައްޔާރު ނުވެގެން ވެސް ބައިގަޑިއެއް ހާއިރު ބޭއްވި ކަމަށް ނިއުމާ ބުންޏެވެ.

"އެތަނުގައި ހުރި ނަރުސް ކުއްޖެއް ބޭބީގެ ވިންދު ޗެކް ކުރަން ބުނީމަ، ޑޮކްޓަރު އަތުގެ އިޝާރާތުން ބުނީ ނޫނެކޭ. އަޅުގަނޑަށް އެމަންޒަރު ވެސް ފެނުން އެތަނުގައި އޮތްއިރު. އަޅުގަނޑު އޮތީ ވަރަށް ބިރުން. އެކަމަކު ޑޮކްޓަރު ހުރީ ވަރަށް ޔަގީންކަން ދީފައި ބޭބީ ސަލާމަތް ވާނެ ކަމަށް. ބުނީ ބޭބީ ކުޑަ ވާނޭ އެކަމަކު ސަލާމަތް ވާނެޔޭ ބިރު ނުގަންނައްޗޭ" ނިއުމާ ބުންޏެވެ.

ސިޒޭރިއަން ހެދުމަށްފަހު ތުއްތު ދަރިފުޅު ބަނޑުން ނެގި ތަނާ ބޭބީ ބާއްވާ އެނދުގައި ބާއްވާފައި އެންމެން އެކުއްޖާގެ ވަށާލައިގެން ތިބި ތަން ފެނުނު ކަމަށް ވެސް ނިއުމާ ބުންޏެވެ.

"އަޅުގަނޑު އޮތިން ބަލަހައްޓައިގެން. ބޭބީ ނަގާފަ ތަޅުވާލިތަން ވެސް ދުށިން. ދެން ފޮތިގަނޑަކަށް ލާފަ ބާއްވާލީ ބޭބީ. އެއިރު ވެސް އަޅުގަނޑު ކައިރިއަކު ނުބުނޭ ބޭބީ މަރު ވެފައިވާ ވާހަކައެއް، ބޭބީއަށްވީ ގޮތެއް ވެސް" ނިއުމާ ބުންޏެވެ.

އިރުކޮޅަކުން އެތަނުން ނިއުމާ ނެރުނު ކަމަށާއި އެވަގުތު އޭނާއަށް ރޮވުނު ކަމަށް ވެސް ބުންޏެވެ. އަދި އޭނާގެ ފިރިމީހާ އެތަނަށް ވެއްދުމުން ޑޮކްޓަރު އެތަނަށް ދުވަމުން އައިސް ހިތާމަވެރި ޚަބަރު ދިން ވާހަކަ ނިއުމާ ބުންޏެވެ.

"ޑޮކްޓަރު އައިސް ބުނީ ވަރަށް މަސައްކަތް ކުރީމެއް ނޫން ހެއްޔޯ ދަރިފުޅު ސަލާމަތް ކުރަން. އެގަޑީގައި އަޅުގަނޑަށް އެނގުނީ ދަރިފުޅު މަރުވެއްޖެކަން ވެސް."

ނިއުމާ ބުނީ އޭގެ ކުރިން އެވާހަކަ ނުބުނާ ކަމަށާއި ދަރިފުޅު ސަލާމަތްވާނެ ކަމަށް ވަރަށް އުންމީދު ދިން ކަމަށެވެ.

ދަރިފުޅު ނިޔާވުމުން ސަހަރާއަށް ގެންގޮސް ހިނަވަން ވެގެން އެތަނުގައި ހުރި މީހަކު ބޭބީގެ "ފައިގައި ހުރި ބޭސްގަނޑުކޮޅެއް" ނައްޓާލި ކަމަށާއި ބޭސްގަނޑު ނައްޓާލުމުން އެތަންކޮޅުން ލޭ އަންނަން ފެށި ކަމަށް ވެސް ނިޢުމާ ބުންޏެވެ.

"އެބޭބެ ބުންޏޯ ކިހިނެއްހޭ މިއޮތީ ހަދާފަ ބޭބީއަށް. މިއީ ބޮޑުކޮށް އޮތް ބޭބީއެއް ނޫންހޭ. ބޭބީގެ ފައިގައި ހުރި ބޮޑު ފާރުގަނޑެއްހެން ހުރި ތަނެއް. އެއީ ކިހިނެއްވެފަ ހުރި ތަންގަނޑެއް ކަމެއް ނޭނގެ. ހޮސްޕިޓަލުގެ މީހުން ބުނާ ގޮތުން ވިއްޔާ ބޭބީ މަރުވީ ބަނޑަށް. އެކަމަކު ބަނޑަށް މަރުވި ކުއްޖެއްނަމަ ފަޔަށް ވެފައި ހުރި ގޮތެއް އަޅުގަނޑުމެންނަށް ކިޔައިދޭން ޖެހޭނެ ދެއްތޯ" ނިއުމާ ބުންޏެވެ.

ކުއްޖާ ނިޔާވި ދުވަސް ނޫން ޖެހިގެން އައި ދުވަހު ނިއުމާ ކުރިން ބަލަމުން އައި ޑޮކްޓަރު އެތަނަށް ދިޔަ ކަމަށާއި، އެރޭ ދަންވަރު ހޮސްޕިޓަލަށް ގޮސް ބުނީ ކީކޭތޯ ސުވާލު ކުރިކަމަށް ބުންޏެވެ.

"އަޅުގަނޑު ބުނިން ބޭބީ ނުތޮޅޭ ވާހަކައޭ ބުނީ. ބުނީމަ ޑޮކްޓަރު ބުނީ އަޅުގަނޑު އެހެން ބުނީމަޔޯ އެހާއެ ނުބެލީ. އަޅުގަނޑު ބުނި ގޮތް އެންމެ ފަހުން ނުބައި ވީ" ނިއުމާ ބުންޏެވެ.

ނިއުމާ ބުނީ މިމައްސަލަ އައިޖީއެމްއެޗްގެ މެނޭޖްމަންޓުގައި ޖެއްސި ކަމަށާއި މި ވޭތުވެދިޔަ ހުރިހާ ދުވަހު މިވާހަކަތައް ހާމަނުކޮށް ހުރީ ހޮސްޕިޓަލުގެ ޕްރޮސީޖަރތަކަށް ބަލާފައި ކަމަށެވެ. އެމީހުން މިމައްސަލަ ތަހުގީގު ކުރާކަމަށް ބުނި ކަމަށާއި ނަމަވެސް "މައްސަލަ ދަނީ ބަލަމުން" ކަމަށް ބުނެ އަބަދުވެސް "މާދަން ޖަވާބެއް ދޭނަން" ކަމަށް ބުނުމުން ދާތާ އަހަރަކަށްވުރެ ގިނަ ދުވަސް ވުމުން މިހާރު މިވާހަކަތައް ހިއްސާ ކުރީ ކަމަށެވެ.

"ދަރިފުޅު ދެން އެނބުރިއެއް ނާންނާނެ. ނަމަވެސް ދަރިފުޅަށްވީ ގޮތް އެނގެން ބޭނުން. އިންސާފު ބޭނުން!"

Ads by Ooredoo
  1. ވިސްނާލަބަ

    ތީގަވީގޮތްް ތިއޮތީީ ވަރަށްް ސާފުކޮށްް އެގެންް. އޮފްޑޭގަަ ހުރީި ސްކޭންް ޑޮކްޓަރުު. އެއީީ މައްސަލަަ އަކަށްް ނުހަދާ އަންހެނުންގެެ ޑޮކްޓަރާު ނަރުހުންް ކުރިި މަސައްކަތްް ނުހަނުު ރަގަޅުު. ބޭބީި ސަލާމަތްް ކުރަނ މަސައްކަތްް ކޮއްފިި ވާހަކަަ މިއޮތީީ. ދެންް މާތް ﷲގެެ ނިންމެވުމެއްް ބަދަލެއްް ނުކުރެވޭނެެ ކަންް ވިސްނަންް ޖެހޭދޯ. ބައެއްގެެ އަތްމަތީީ އޮތްް ކަމެއްނޫންް މަރުު ހިފެހެއްޓުމަކީވެސްް

    • ނުދަންނަ

      އޮފް ޑޭ ވިޔަސް އޮން ޑޭ ވިޔަސް، ބޮޑު ސިންގާ ހޮސްޕިޓަލެއްގަ “އޮން ކޯލް” ކިޔާ އެއްޗެއްވެސް އޮވޭ. ހޮސްޕިޓަލެއްގެ ޕްރޮޓޮކޯލް އެނގޭ ފަދައިން މައެއްގެ އިހުސާސްވެސް ދަނެގެން އެއްޗެއް ބުނެވެން އޮތީ. މަރުވީމަ މަރުވީއޭ ދެނެއް އެނބުރި ނާންނާނެއޭ ބުނެގެން ވާކަށް ނޯންނާނެ… މާދަމާ މަގޭ ދަރިއަށްވެސް ހަމަ އެހެން ވެދާނެ.

      • ރަނުސް

        ތިޔަ ތާގައި ވިންދު ނުލިބުނު ވަގުތުން ދެން މެސިނު ޖައްސަން ގައިނީ މީހާ މަސައްކަތް ނުކޮށް އަވަހަށް ނަގަން ވާނެ ދޯ. ޢެއްވެސް އޮޕަރޭޝަނެއް ނުކުރާނެ އެހެޔު މަރުވިޔަސް ވަގުތަކުން. ތިޔަ ދުވަސް ނުފުރާ ކުއްޖެއްކަން އެގި ހުރެ ދެން ލަސް ކުރަނީ ކީއްކުރަން ޑޮޕްލަރަ ނުލިބުނީމަ.

    • ގައުމު

      ބުނާނެ ރަގަޅު އެއްޗެއް ނެތިއްޔާ ކޮމެންޓް ނުކުރޭ. ވީގޮތް އޮޅުންފިލުވައިދޭށޭ ދޯ އެބުނަނީ. ބަޔާނެއް ނެރިފަ ތަހުގީގު ކުރަނީއޭ ބުނެފަ އެ ހެދި އެއްޗެއް ސާފު ކޮށްދޭން ޖެހޭނެ. އެއްޗެއް ބުނުމުގެ ކުރިން އެކަން ތަހައްމަލް ކުރާ މީހާއަށް ކުރާނެ އިހްސާސް ވިސްނާލާ

    • އެބުނީ ދޯ ފައިގަ ބޮޑު ތަން ގަނޑެއް އިން ވާހަކަ.. ރަނގަޅަށް ކިޔާ ނުދޭ ވާހަކަ ވީ އެއްވެސް ކަމެއް.. ބޯހަލާކު ކަލޭމެން ކަހަލަ މީހުންނާ ހެދި

  2. ޢައްސި

    އަޅުގަނޑު އަންހެނުންވެސް މި ކޮވިޑް ތެރޭގައި އައި.ޖީ.އެމް.އެޗް ގައި ވިހެއީ. ދަންވަރު 2 ޖަހާކަންހާިއިރު ފެންދުލި ފަޅައިގެން ގޮސްފި އަދި ބޭބީ އަށް އޮތީ ޕުއްޕު ލެވިފަކަމަށް ނަރުހުން ބުނި. ނަމަވެސް ބޭބީ ވިންދު ރަނގަޅޭ ކިޔާފަ އޮޕަރޭޝަން ނުކުރި. ޥިހެޢި އޭގެ 6 ގަޑީރު ފަހުން. ޥިހޭއިރު ބޭބީ އަށް އޮތީ ޕުއްޕު ކެވިގެން ވަރަށް ބޮޑަން އެތެރެ ހަށީގައި އިންފެކްޝަން އުފެދިފައި. ދެން ޖެހުނީ ނިކޫގައި ބޭބީ ބާއްވައިގެން 2 ހަފްތާގަ އުޅެން. ދިން ޕްރައިވެޓް ރޫމުން 2 ދުވަސްތެރެ ނެރެލައިފި، ބޭބީ ނިކޫގައި، އަޅުގަނޑުމެން ގޭގައި އުޅެމުން ކޮންމެ 2 ގަޑިން ބޭބީ އަށް މިލްކް ގެންނަން ކޮވިޑް ގެ އެންމެ ދަތި ދުވަސްވަރުވެސް އުޅެން ޖެހުނީ އެހެން. އައި.ޖީ.އެމް.އެޗް ޑޮކްޓަރުންގެ ފަރުވާ ކުޑަކަމުން އެހާލުގަ އުޅެން ޖެހުނީ.

  3. ޙުސެންދީ.

    މަގޭ ވައިފް ދެދަރިން ވިހޭ އައި.ޖީ.އެމް.އެޗް. ގައި. އެމީހުން ވަރަށް ރަނގަޅު. އަދި އެއްކުޖެއް ވިހެއީވެސް ޖެނުއަރީ 1 ގައި. އެހެންނަމަވެސް އެއީ ބަނދު ދުވަހެއް ކަމެއް އިހްސާސްއެއް ނުވޭ. އިމްވެސްޓިގޭޝަން އަވަސްކޮށް ޖަވާބުދާރީވުން މުހިންމު ކަމަށްދެކެން

    • ޢައިސާ

      މިއީ ވަރަށް ހިތާމަވެރި ކަމެއް…މި ގައުމުގަ އިންސާފޭ ކިޔާ އެއްޗެއް އޮވޭތަ…

  4. ހެޔޮއެދޭ ފަރާތެއް

    މައްސަލަބަލަން ތިބީ މައްސަލަޖެހުން ޑޮކްޓަރުން ގެ ރައްޓެހި ޑޮކްޓަރުން ކިހިނެއް ބަލާނީ، އެމީހުން ކުއްވެރިއެއް ނުވާނެ. މި މިޤަމުގެ ހާޔތު މިކަމެއް ބަދަލެއްނުވާނެ.

  5. ބައްޕަ

    ތިޔަހޮސްޕިޓަލަކީ ތިކަހަލަ ކަންކަމުގައި ވަރަށްވެސް އިހުމާލު ބޮޑު ތަނެއް. ޑޮކަޓަރުންގެ ޙާއްސަކޮށް.
    ޒިންމާ ނުނަގާނެ އެއް ކަމެއްގަވެސް.