ޚަބަރު

މީހުން ދިރިއުޅޭ ރަށްރަށުގައި ރާ ވިއްކުމަށް ގޮވާލި މެންބަރުންނަށް ޒައިދުގެ ނަސޭހަތް: ކަލަކު ވާކަން ހަނދާންކޮށް ބިރުވެތިވޭ

މުޙައްމަދު ސަނީޙް ، ދެން އޮންލައިން

ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގައި ރަލެއް ނުވިއްކޭނެ ކަމަށާއި، އެފަދަ ވާހަކަ ދައްކަވާ މެންބަރުން ކަލަކުވާކަން ހަނދާންކޮށް، ބިރުވެތި ވުމަށް ދީނީ އިލްމުވެރިޔާ ޝައިހް އަލީ ޒައިދު ބުނެފިއެވެ.

Ads by STELCO

ލޯކަލް ޓޫރިޒަމް އިތުރަށް ތަރައްގީ ކުރުމަށްޓަކައި، ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގައި ބަނގުރާ ވިއްކޭނެ ގޮތެއް ހޯދައިދޭން ޖެހޭކަމަށް އެމްޑީޕީއަށް ނިސްބަތްވެ ވަޑައިގަންނަވާ ކަނޑިތީމު ދާއިރާގެ މެންބަރު އަބްދުﷲ ޝަހީމް އަބްދުލްހަކީމް ވިދާޅުވުމުން، އެމަކަށް ރައްދު ދެއްވަވާ ޝެއިޚް ޒައިދު ވަނީ، އެމްޑީޕީ ބައެއް މެންބަރުން ރަލޭ ކިޔައިގެން މޮޔަފުޅު ވަނީތޯ ސުވާލު ކުރައްވާފައެވެ.

އަދި މީހުން ދިރިއުޅޭ ރަށްތަކުގައި ރާ ވިއްކަން ރައްޔިތުން ފުރުސަތު ނުދޭނެ ކަމަށާއި ދިވެހިރާއްޖެ ލާސް ވެގެސްއަށް ހަދަން ނޫޅުމަށް ޒައިދުގެ ޓްވީޓްގައި ބުނެފައި ވެއެވެ. ލާސް ވެގަސްއަކީ އެމެރިކާގެ ނަވާޑާގައި އެންމެ ފުޅާދާއިރާއެއްގައި ރަލުގެ ވިޔަފާރިއާއި ޖުވާ ކުޅެމުން އަންނަ ސިޓީއެވެ.

2021 ވަނަ އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓު ދިރާސާކޮށް މަޖިލީހުގެ ކޮމިޓީން ނިންމި ގޮތުގެ ރިޕޯޓަށް މިއަދު ބަހުސް ކުރަމުން ޝަހީމް އަބްދުލްހަކީމް ވިދާޅުވީ، ހާލަތު ރަނގަޅު ކުރުމަށް ޓަކައި، ރާއްޖެއަށް ވަންނަ ފައިސާ އިތުރުކޮށް، އެ ފައިސާ ވީއެންމެ ބޮޑަކަށް ސީދާ ރައްޔިތުމީހާއާ ހަމައަށް ފޯރުކޮށް ދޭން ޖެހޭ ކަމަށެވެ.

އަދި ޝަހީމް ވިދާޅުވީ ދުނިޔެއަށް އަންނަ ތަރައްގީއާ އެއްކޮށް ތަރައްގީވާން ޖެހޭ ކަމަށާއި އަދި ތިބި ގޮތުގައި ސިއްކަ ޖަހައިގެން ނުތިބެ ކުރިއަށް ދާން މަސައްކަތް ކުރަން ޖެހޭނެ ކަމަށެވެ. އެއްވެސް މީހެއްގެ އަގީދާއަކީ އެހާ ބަލިކަށި އެއްޗަކަށް ވެގެން ނުވާނެ ކަމަށް ވެސް މެމްބަރު ވިދާޅުވިއެވެ.

"މިއަދު މި ސުވާލު އުފެދެނީ ރަށްރަށުގައި ރާ ވިއްކަން ހުއްދަ ދިނީމާ ދެން ވާނީ ކިހިނެތްތޯ؟ މިވާހަކަ އަޅުގަނޑުމެން އެބަ ދައްކަން ޖެހޭ. ކަން ކުރެވެން އޮތް ގޮތެއް އަޅުގަނޑުމެން އެބަ ހޯދަންޖެހޭ." ޝަހީމް މިއަދު ވިދާޅުވިއެވެ.

މީގެ އިތުރުން، ތޮއްޑޫ ދާއިރާގެ މެމްބަރު ހަސަން ޝިޔާން ވެސް ވަނީ އެފަދަ ވާހަކައެއް މީގެ ކުރިން ދައްކަވައިފައެވެ.

ޝިޔާން ވިދާޅުވީ ރިސޯޓުތަކާ އެއްގޮތަށް ގެސްޓްހައުސްތަކަށް އަންނަ ފަތުރުވެރިންނަށް ވެސް ބަނގުރާ ލިބެން ހުރުމަކީ މުހިންމު ކަމެއް ކަމަށެވެ. އެގޮތުން ރަށުގެ ފަޅުތެރެ، ވިލު ނުވަތަ ކަނޑުމަތިން ނަމަވެސް އެ ހިދުމަތް ލިބެން ހުންނަންޖެހޭ ކަމަށް ވިދާޅުވިއެވެ.

 

Ads by Ooredoo
  1. ދިރާސާ

    އެ މެމްބަރ ދެއްކި ވާހަކަތަކަށް މިއަދުގެ ޖަލްސާގާ ވަނީ މާފަށް އެދިފާ