ސިންގަޕޫރު އަންހެނަކު ވިހެއި ކުއްޖެއްގެ ހަށިގަނޑުން ކޮވިޑް-19 އެންޓިބޮޑީ ފެނިއްޖެ

ސިންގަޕޫރު އަންހެނަކު ވިހެއި ކުއްޖެއްގެ ގައިން ކޮވިޑް-19އިން ރަނގަޅުވުމުން ހަށިގަނޑުގައި އުފެދޭ އެންޓިބޮޑީސް ފެނިއްޖެއެވެ.
ރިޕޯޓުތައް ބުނާ ގޮތުގައި މި އަންހެން މީހާއަކީ މިއަހަރުގެ މާޗް މަހުގެ ތެރޭގައި ކޮވިޑް-19 ޖެހި މިހާރު ބަލިން ރަނގަޅުވެފައިވާ މީހެކެވެ. މި މީހާ ވިހާފައިވަނީ މި މަސް ތެރޭގައެވެ.
އަންހެން މީހާ ވިހެއި ތުއްތު ކުއްޖާގެ ގައިން ކޮވިޑް-19 ނެތް ނަމަވެސް އޭނާގެ ހަށިގަނޑުން ވަނީ ކޮވިޑް-19 ރަނގަޅުވުމުން ފެންނަ އެންޓިބޮޑީ ފެނިފައެވެ.
މިއީ މިފަދަ ފުރަތަމަ ކޭސްކަން ސައިންސްވެރިން ވަނީ ފާހަގަކޮށްފައެވެ. އަދި މި ކޭސް އާއެކު، ތުއްތު ދަރިފުޅަށް މައިމީހާގެ ބަނޑުގައި އޮންނައިރު ކޮވިޑް-19 ޖެހިދާނެ ކަމަށް ބެލެވިދާނެ ކަމަށް ސައިންސްވެރިން ބުނެއެވެ.
މިހާތަނަށް އެއްވެސް ދިރާސާ އަކުން މައިމީހާގެ ބަނޑުގައި އޮންނަ ދަރިފުޅަށް ކޮވިޑް-19 ޖެހޭ ކަމަށް ދައްކާފައެއް ނުވެއެވެ.