ސަޔަށް ހަދާ ހެދިކާއިން ވެސް ޓެކްސް ނަގާ ހިސާބަށް ޤައުމުގެ ހާލަތު ގޮސްފި: އިދިކޮޅު
ހަވީރު ސަޔަށް ހަދާ ހެދިކާއިން ވެސް ޓެކްސް ނަގާ ހިސާބަށް ޤައުމުގެ ޙާލަތު ގޮސްފި ކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ބުނެފިއެވެ.
އިދިކޮޅު ކޯލިޝަންގެ ފަރާތުން މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ވިދާޅުވީ މިއަދު ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބަޖެޓުގައި ލިބޭނެ ކަމަށް އަންދާޒާކޮށް އާމްދަނީގެ ގޮތުގައި ޖަހާފައިވާ އަދަދަކީ ހަގީގަތުގައި ލިބޭނެ އެއްޗެއް ނޫން ކަމަށާއި މިއީ ގޮތްކުޑަ އަދި ހަޑިމުޑުދާރު ބަޖެޓެއް ކަމަށެވެ.
އެގޮތުން މިހާރުވެސް ތަފާތު އެކި ނަންނަމުގައި ޓެކްސްތައް ނަގަމުންދާއިރު އަންނަ އަހަރު ވެސް އިތުރު ޓެކްސްތަކެއް ނެގުމަށް ބަޖެޓުގައި ހިމަނާފައި ވާކަން ވެސް ސަލީމް ފާހަގަ ކުރެއްވިއެވެ.
"އަނެއް ބޭފުޅަކު ވިދާޅުވާ ގޮތުންނަމަ ގޭގައި ހަވީރު ސަޔަށް ހަދާ ހެދިކާއިން ވެސް ޓެކްސް ނަގާ ހިސާބަށް ދައުލަތް އޮތީ ދާ ހިސާބަށް ގޮސްފައި. ގޭގައި ހަވީރު އަޅުގަނޑުމެން ހަދާ ހެދިކާ ކޮޅުން ވެސް ޓެކްސް ނަގާ ހިސާބަށް ގައުމުގެ ހާލަތު މިހާރު އޮތީ ގޮސްފައި" ސަލީމް ވިދާޅުވިއެވެ.
އަންނަ އަހަރަށް ލަފާކޮށް ދައުލަތުން މިއަދު ވަނީ 34.9 ބިލިއަން ރުފިޔާގެ ބަޖެޓެއް ފާސް ކޮށްފައެވެ.