އިންޑިއާއާއި އޮސްޓްރޭލިއާ ބައްދަލުކުރި ކްރިކެޓް މެޗުގެ ތެރެއިން އެންމެންގެ ސަމާލުކަން ދަމައިގަތީ ދެޓީމު ދެސަޕޯޓަރުންގެ ކައިވެނީގެ ހުށަހެޅުމަށް!

އިންޑިއާއާއި އޮސްޓްރޭލިއާ ބައްދަލު ކުރި ވަންޑޭ އިންޓަނޭޝަނަލް ކްރިކެޓް މެޗުގައި އެ ދެޓީމުގެ ދެ ސަޕޯޓަރުންގެ ކައިވެނީގެ ހުށަހެޅުމަށް ގިނަ ބައެއްގެ ސަމާލުކަން ލިބިއްޖެއެވެ.
ސިޑްނީ ކްރިކެޓް ގުރައުންޑްގައި މިދިޔަ އާދިއްތަ ދުވަހު ކުޅުނު ކްރިކެޓް މެޗުގެ ތެރެއިން ކައިވެނީގެ ހުށަހެޅުން ހުށަހެޅީ އިންޑިއާގެ ފިރިހެން ސަޕޯޓަރެކެވެ. އޭނާ ކައިވެނި ކުރުމަށް ހުށަހެޅީ އޮސްޓްރޭލިއާ ޓީމަށް ސަޕޯޓްކުރި އެގައުމުގެ އަންހެނަކަށެވެ.
މި ހުށަހެޅުން ހުށައެޅި ވަގުތުގައި ސްޓޭޑިއަމްގައި ތިބި ހުރިހާ ބެލުންތެރިންނާއި ދެޓީމުގެ ކުޅުންތެރިންގެ އިތުރުން ކޮމެންޓޭޓަރުގެ ސަމާލުކަން ވެސް ލިބިގެން ދިޔައީ އެކަމަށެވެ. އަދި ކޮމެންޓޭޓަރު ވެސް އެވަގުތު ކޮމެންޓްރީ ދިނީ ކައިވެނީގެ އެ ހުށަހެޅުމަށެވެ. އެގޮތުން ކައިވެނީގެ ހުށަހެޅުން އަންހެންމީހާ ގަބޫލު ކުރުމުން ، އިންޑިއާއާއި އޮސްޓްރޭލިއާއާ ދެމެދު ވާދަވެރިކަމެއް އެބައޮތޭ ބުނަނީ ކާކުތޯ ކޮމެންޓޭޓަރު ސުވާލު ކޮށްފައިވެއެވެ.
މި މަންޒަރު ބަލަންހުރި އޮސްޓްރޭލިއާގެ އޯލްރައުންޑަރ ގްލެން މެކްސްވެލް ވެސް ވަނީ އަތްތިލަބަޑިއެއް ޖަހާ އެ ދެލޯބިވެރިންނަށް މަރުޙަބާ ކިޔާފައެވެ.