ކޮވިޑް-19: ރައީސް އޮފީހުގެ މުވައްޒަފަކު ފައްސި ވެއްޖެ

ރައީސް އޮފީހުގެ މުވައްޒަފަކު ކޮވިޑް-19އަށް ފައްސި ވެއްޖެއެވެ.
މިކަން ކަށަވަރު ކޮށްދެއްވަމުން ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު ވިދާޅުވީ މުވައްޒަފު ފައްސި ވުމާއި ގުޅިގެން ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ނިމެންދެން އެ ޑިޕާޓްމެންޓުގެ ހުރިހާ މުވައްޒަފުން މަސައްކަތް ކުރީ ގޭގައި ކަމަށާއި މިހާރު ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ނިމިފައި ވާތީ ގޭގައި ކަރަންޓީނު ވެގެން ތިބީ ހަމަ އެކަނި ކޮވިޑަށް ފައްސިވި މުވައްޒަފާ ކޮންޓެކްޓުވި މުވައްޒަފުން އެކަނި ކަމަށެވެ.
ރައީސް އޮފީހުން އިތުރު މުވައްޒަފަކު ކޮވިޑް-19 އަށް ފައްސި ވެފައި ނުވާ ކަމަށް ވެސް އެއިދާރާގެ ތަރުޖަމާނު އިބްރާހިމް ހޫދު ވިދާޅުވެފައި ވެއެވެ.
ރާއްޖޭގައި މިހާތަނަށް ޖުމްލަ 13,011 މީހުންނަށް ކޮވިޑު-19 ޖެހިފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ އެންމެ ފަހުގެ ސާވެލަންސް ޑޭޓާ އިން ދައްކާފައި ވެއެވެ. އަދި މިއަދު ހެނދުނުގެ ވަގުތެއްގައި މިބަލީގައި ދިވެއްސަކު ނިޔާވެފައިވާއިރު މިހާރު ރާއްޖެއިން މިބަލީގައި ނިޔާވި މީހުންގެ ޖުމްލަ އަދަދު މިވަނީ 47 އަށް އަރާފައެވެ.