ހަގީގީ ހާދިސާ ދީން

ޙަޤީޤީ ޙާދިޘާ : ފާހިޝް ޢަމަލަކަށް އަރައިގަނެވި އެކަމާއި ދެރަވެ ތަޢުބާވިފަހުން، ސަޖިދައިގައި އޮއްވާ ނިޔާވި މީހެއްގެ ވާހަކަ

ދެން އެމްވީ ، ދެން އޮންލައިން

އިންސާނުންނަކީ ތާއަބަދުމެ ފާފަތަކަށް ހުށަހެޅިގެންވާ ބައެކެވެ. ނަމަވެސް މިކަމާއި ފިކުރުކޮށް ފާފަތަކުން ތިބާގެ ނަފްސު ރައްކާތެރިކުރުމުގައި ކޮންމެ ހިނދަކުމެ ފާރަވެރިވާން ޖެހޭނެއެވެ. ފާފައެއް ކުރެވުނު ނަމަވެސް އެކަމުގެ މައްޗަށް ހިތާމަކޮށް ތައުބާވުމުގައި އަވަސްވެ ގަންނަށް ޖެހެއެވެ. އެހެނީ މަރަކީ ކޮންމެ ހިނދެއްގައި ވެސް ބައްދަލުކޮށްފާނެ އެއްޗެކެވެ.

Ads by Hajj Corporation

މިއީ ސައުދީ އަރަބިއާގެ މުސްލިމު ފިރިހެނެއްގެ ވާހަކައެވެ. ޝައިޚްގެ ދަރުހެއްގައި ގެނެސްދީފައިވާ މިވާހަކައިން ވެސް ދޭހަވަނީ އަވަހަށް ތައުބާވުމުގެ މުހިންމު ކަމެވެ.

"މިއީ މުސްލިމް އަޚެއްގެ ވާހަކައެވެ. އޭނާ އިނގިރޭސިވިލާތަށް ދިޔައީ ބެޗެލާރސް ޑިގްރީ އެއް ޙާޞިލް ކުރުމަށެވެ. ޙަޤީޤަތުގައި އެއީ އޭނާ އަމިއްލައަށް ކަމެއް ކުރަން، އޭނާގެ އާއިލާއިން މިނިވަންކަން ދިން ފުރަތަމަ ފަހަރެވެ.

އޭނާއަކީ ވަރަށް ދީންވެރި މީހުން އުޅޭ ހިސާބަކަށް އުފަންވި މީހެކެވެ. ދިރިއުޅުމުގައި އޭނާ ހާސިލް ކުރަން ބޭނުންވި އުފަލާއި ހިތްހަމަ ޖެހުން، އޭނާގެ އާއިލާގެ ގާތުގައި ހުރެގެން، އޭނާއަކަށް ހާސިލެއް ނުކުރެވުނެވެ. އެހެންކަމުން ލިބުނު ފުރުސަތުގައި އޭނާ ނިންމީ އިނގިރޭސިވިލާތަށް ދިޔުމަށެވެ.

އިނގިރޭސިވިލާތުގައި އޭނާ ކިޔަވަން ދިޔައީ އަންހެނުންނާއި ފިރިހެނުން އެއްކޮށް ކިޔަވާ ޔުނިވަރސިޓީ އަކަށެވެ. އަންހެން ކުއްޖަކާއި ދިމާއަށް އިސް އުފުލާ ބަލާވެސް ނުލާ މާހައުލަކުން، އޭނާ ބަދަލުވީ އަންހެން ކުދިންނާއި އެކު އެކުގައި އިށީންދެ އުޅޭ މާހައުލަކަށެވެ. ބޭނުން އިރަކު އެމީހުންނާއި ވާހަކަ ދެއްކޭ މުޖުތަމަޢަކަށެވެ.

ކްލާސް ތެރޭގެ އެކިއެކި ވާހަކަތައް ދައްކަމުން، އޭނާއާއި އަންހެން ކުދިންގެ ވާހަކަތައް ދިޔައީ އިތުރުވަމުންނެވެ. އިނގިރޭސިން އޭނާ ވާހަކަ ދައްކާ ގޮތް ތަފާތު ވުމުންވެސް، އެއަންހެން ކުދިން އޭނާއާއި ބޮޑަށް ގާތް ވިއެވެ.

ކްލާހުގައި އުޅޭ އަންހެން ކުދިންނާއި އެކު ތަންތަނަށް ކާން ދިޔުމާއި، އެމީހުންނާއި އެކި ތަންތަނުން ބައްދަލު ކުރުމަކީ އޭނާގެ އާއްމުކަމަކަށް ވިއެވެ. އެއްރޭ އޭނާ އެމީހުންނާއި އެކު ޕާޓީއަކަށް ދިޔައެވެ. އަދި ޕާޓީ ނިމިގެން، އެތަނުން ކުއްޖަކާއިއެކު އޭނާފާހިޝް ޢަމަލަކަށް އަރައިގަނެވުނެވެ. ކުރެވުނު ކަންތަކާއި މެދު ވިސްނާލެވުނީ ފަހުންނެވެ. ކުރެވުނު ފާފައިގެ ބޮޑުކަން ވިސްނި އަމިއްލަ ނަފްސު ހަލާކު ކޮށްލެވުނީއޭ ހިތަށް އަރާ ވިސްނެން ފެށިއެވެ.

އޭނާ ގޮތް ހުސްވިއެވެ. ދެން ކުރާނެ ކަމެއް އޭނާއަކަށް ނުވިސްނުނެވެ. ރަނގަޅު މަގު ދައްކާ ދޭނެ ރަޙްމަތްތެރިއެއް އޭނާގެ ގާތަކު ނެތެވެ. އެކަމުން އޭނާއަށް ރަނގަޅު ހެޔޮ މަގެއް ފެންނާނީ އޭނާގެ އަމިއްލަ ޤައުމަށް ގޮސްގެންކަން އޭނާއަށް ވިސްނުނެވެ. އެހެންކަމުން ސައުދީ އަރަބިއާ އަށް އެނބުރި ދާން ޓިކެޓެއްގަނެ ފްލައިޓަށް އެރިއެވެ.

ސައުދީ އަށް ދިޔަ މަގުމަތީގައި ޤަތަރުގައި ފްލައިޓު މަޑުކުރިއެވެ. އަދި ޤަތަރުން ރިޔާޟަށް ދާން އޮތް ފްލައިޓާއި ދޭތެރޭ ވަގުތު އޮތުމާއެކު އެއާޕޯޓަށް ފައިބަން ލިބުނު ފުރުސަތުގައި އެއާޕޯޓްގެ ނަމާދުކުރާ ކޮޓަރީގައި އޭނާ ނަމާދަށް އެރިއެވެ. ނަމާދުކޮށް ނިމިގެން ދުޢާ ކުރަން އިނދެ އޭނާއަށް ރޮވުނެވެ. ގިސްލަ ގިސްލާފައި އޭނާ ރޯން އިންތަން އުއްމަތުގެ މަޝްހޫރު ޝައިޚް އިބްން ބާޛް ރަޟިއަﷲ ޢަންހު ގެ އަރިހުން ޢިލްމު ލިބިވަޑައިގެން ހުންނެވި ޝައިޚަކަށް ފެނުނެވެ. އެ ޝައިޚް އޭނާގާތަށް ގޮސް އޭނާއަށް ވީކީއްތޯ ސުވާލު ކުރިއެވެ.

ޝައިޚަށް އޭނާ ހުރިހާ އެއްޗެއް ކިޔައި ދިނެވެ. ޒިނޭ ކުރެވިއްޖެކަމާއި، އެކަމުގެ ސަބަބުން އޭނާގެ އަމިއްލަ ނަފްސު ހަލާކު ވެއްޖެ ކަމަށް އޭނާ ކިޔައިދިނެވެ. އެފާފައިން އޭނާ ސަލާމަތްވެ ސާފު ތާހިރު ވެވޭނީ އޭނާގެ އަމިއްލަ ޤައުމަށް އެނބުރި ގޮސް، އިސްލާމީ ޝަރީޢަތުގައި އެކަމަށް އޮންނަ އަދަބު ލިބިގެން ކަމަށް ވެސް އޭނާ ކިޔައިދިނެވެ.

ޝައިޚް އޭނާ މަސަލަސް ކުރިއެވެ. އެކަމާއި ގުޅިގެން އެއްވެސް ފިޔަވަޅެއް ނާޅާ މަޑުކޮށްލަން ބުނެ، އެކަމަށް ހައްލެއް ހޯދަން ޝައިޚާއެކު ރިޔާޟަށް ދާން އެދުނެވެ. ރިޔާޟަށް ދިޔަ މަގުމަތީގައި ވެސް އޭނާގެ ރުއިން ނުހުއްޓުނެވެ. ރިޔާޟަށް ދިޔުމަށްފަހު، އަރާމުކޮށްލަން ގެއަށް ދިޔުމަށް ޝައިޚް އޭނާގާތު ބުންޏެވެ. އަދި އެކަމާ ގުޅިގެން އެއްވެސް ކަމެއް ނުކުރުމަށް އަނެއްކާވެސް ހަނދާން ކޮށްދިނެވެ.

އޭގެ އަނެއް ދުވަހުގެ ހެނދުނުގެ ވަގުތު ޝައިޚް އޭނާގެ އުސްތާޛު ޝެއިޚު އިބްނު ބާޛް ރަޟިއަﷲ ޢަންހު އަށް ފޯނު ކުރިއެވެ. އަދި އެ ޒުވާނާގެ ވާހަކަ ކިޔައިދިނެވެ. އޭނާގެ ފާފަ ހަމައެކަނި ފުއްސަވާނީ ޙައްދު ޖަހައިގެން ކަމަށް އޭނާ ޤަބޫލު ކުރާ ވާހަކަ ވެސް ޝައިޚް ކިޔައިދިނެވެ. ޝައިޚް އިބްން ބާޛް އެ ޝައިޚަށް ވިދާޅުވިއެވެ.

'ކަމާއި ބެހޭ ފަރާތްތަކާއި ހަވާލު ނުވާން އޭނާއަށް ނަސޭޙަތް ދޭށެވެ. އޭނާގެ ފާފަ މީސްތަކުންނަށް ވަނީ ފޮރުވިފައެވެ. އެފާފަ އެގޮތަށް ވަންހަނާ ކޮށްފައި ބާއްވަން އޭނާއަށް ވިސްނައިދޭށެވެ. އަދި މާތް ﷲ އަށް ތަޢުބާވެ ގިނަ ގިނައިން ކީރިތި ޤުރުއާން ކިޔެވުމުގައި ވަގުތު ހޭދަ ކުރަން އޭނާ ގާތު ބުނާށެވެ. މާތްﷲ އޭނާއަށް ތެދުމަދު ދައްކަވާނެއެވެ.'

އުސްތާޛުގެ ނަސޭޙަތް އޭނާއަށް ދިނުމަށްޓަކައި ޝައިޚް ޒުވާނާއަށް ގުޅިއެވެ. އަދި އެޒުވާނާއާއި ބައްދަލު ކުރުމަށްފަހު އުސްތާޛުގެ ނަސޭޙަތް އޭނާ ކިޔައިދިނެވެ. އަދި ކަމާއިބެހޭ ފަރާތްތަކަށް އަމިއްލަ ނަފްސު ހަވާލު ކުރުމަކީ މިހާރު އެލިބެމުންދާ ވޭނަށް އޮތް ހައްލެއް ނޫން ކަމަށްޝައިޚް އޭނާ ގާތު ބުންޏެވެ. އަދި މާތް ﷲ އަށް ފުރިހަމައަށް ތަޢުބާވުމަށާއި ގިނަގިނައިން ނަމާދުކޮށް އަޅުކަން ކުރުމަށް ވެސް ނަސޭޙަތްތެރިވިއެވެ.

އޭނާ އެފަދައިން ކަންތައް ކުރަން ފެށިއެވެ. ގަވައިދުން ނަމާދު ކުރަން ފެށިއެވެ. މާތް ﷲ ގެ ޙަޟްރަތަށް ތަޢުބާވިއެވެ. އަދި ޤުރުއާން ކިޔެވުމުގައި ވީހާވެސް ގިނަ ވަގުތު ހޭދަކުރިއެވެ. އޭގެ ފަހުން އެންމެ ނަމާދެއް ވެސް ނާޅައެވެ.

އެގޮތުގައި އެޒުވާނާ ދެމިހުރިތާ ދެ ހަފްތާ ވިއެވެ. ޒުވާނާގެ ހަޔާތުގައި ދިމާވި ޝައިޚާއި އޭނާއާއި ފަހުން ބައްދަލުވާ ގޮތެއް ނުވެއެވެ.

އެއްދުވަހު ޝައިޚަށް ޒުވާނާ ގުޅިއެވެ. ނަމަވެސް ޝައިޚަށް އެކޯލު ނުނެގި މިސްވެފައި އޮތުމުން ، ފަހުން ޒުވާނާއަށް ގުޅާލަން ނިންމިއެވެ.

އޭގެ ދުވަސް ކޮޅެއް ފަހެވެ. ޝައިޚަށް ދެން ގުޅާފައި އޮތީ ޒުވާނާގެ ގެއިންނެވެ. ޒުވާނާގެ ގެއިން ހައެއްކަ ގުޅާފައި އޮތެވެ. ޝައިޚް އެނަންބަރަށް ގުޅާފައި ސަލާމް ގޮވުމަށްފަހު ހާލު ކިހިނެއްތޯ އެހިއެވެ. އޭނާގެ އާއިލާއިން ބުނީ ޝައިޚާއި ވާހަކައެއް ދައްކާލަން ބޭނުންވާ ކަމަށެވެ. އަދި ޒުވާނާގެ އާއިލާގެ މެމްބަރުން ދަރިވަރުގެ އެހީތެރިކަން ބޭނުންވާ ވާހަކަ ވެސް ބުންޏެވެ. އެދުވަހުގެ ޢިޝާ ނަމާދަށްފަހު އެގެއަށް ދާނެ ކަމަށް ދަރިވަރު ބުންޏެވެ.

ޢިޝާ ނަމާދަށްފަހު ޝައިޚް އެގެއަށް ދިޔައެވެ. ނަމަވެސް އެގެއަށް ވަންނަން ދިޔައިރު، ކޮންމެވެސް ކަމެއް ވެއްޖެ ކަމުގެ އިޙުސާސް ޝައިޚަށް ކުރެވުނެވެ. އެގޭގައި ތިބި މީހުންގެ މޫނުމަތިން ކޮންމެ ވެސް ކަމެއް ހިނގައިފިކަން ފާޅުވާން ހުއްޓެވެ.

އޭނާގެ ބައްޕައާއި ބައްދަލުވުމުން ޝައިޚް ސަލާމް ގޮވާލިއެވެ. ސަލާމް ބަލައިގަތުމަށްފަހު، އޭނާގެ ބައްޕަ ބުނީ ޝައިޚަށް ޝުކުރު އަދާކުރާނެ ގޮތެއް ވެސް ނޭނގޭ ކަމަށެވެ. ޝައިޚްގެ އެހީތެރިކަމާއި ނުލާ އެދިމާވި ކަންތައް މެދުވެރި ނުވީސް ކަމަށް ވެސް އޭނާގެ ބައްޕަ ބުންޏެވެ.

ޝައިޚް ހައިރާންވިއެވެ. އަދި އޭނާއަށް ކުރެވުނީ ކޮންކަމެއްތޯ، އަދި ވެގެން އުޅެނީ ކޮން ކަމެއްތޯ ސުވާލު ކުރިއެވެ. އޭނާގެ ބައްޕަ ކިޔައިދިނެވެ.
'އޭނާ މިރޭގެ ޢިޝާ ނަމާދު ކުރަން މިސްކިތަށް ދިޔައެވެ. އަދި ޢިޝާ ނަމާދު ކުރުމަށްފަހު ގެއަށް އައިސް އޭނާގެ ކޮޓަރިއަށް ވަނީ ސުންނަތް ކުރާށެވެ. ކޮޓަރިއަށް ވަނުމަށްފަހު ނުނިކުމެ ގިނައިރު ވުމުން އޭނާގެ ޚަބަރެއް ބަލައިލަން އަހަރުމެން ކޮޓަރިއަށް ވަނީމެވެ.'

އޭނާގެ ބައްޕަ ޝައިޚްއާއެކު ޒުވާނާގެ ކޮޓަރިއަށް ދިޔައެވެ. ކޮޓަރިއަށް ވަތްއިރު ޝައިޚަށް ފެނުނީ ޒުވާނާ ސަޖިދާގައި އޮއްވައެވެ.

'އޭނާގެ ފުރާނަ މާތްﷲ ގެންދެވީ އެއިލާހަށްސަޖިދާގައި އޮއްވާ' އޭނާގެ ބައްޕަ ދަރިވަރުގާތު ބުންޏެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!