ޚަބަރު

"މި ޤައުމު މަސްތުވާ ތަކެތިން ސަލާމަތް ކުރުމަށްޓަކައި ޕާޓީތައް ދޫކޮށްލައްވާފައި، އަޅުގަނޑާ އެކު ހިންގަވާ" : އުމަރު

ރައުފާ ރަޝީދު ، ދެން އޮންލައިން

މަސްތުވާތަކެތިން ގައުމު ސަލާމަތް ކުރަން ޕާޓީތައް ދޫކޮށްލާފައި އޭނާއާއެކު ހިންގެވުމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ގޮވާލައިފިއެވެ.

Ads by MWSC

އުމަރު މިހެން ވިދާޅުވެފައި ވަނީ 24 ކިލޯގެ މަސްތުވާތަކެތި ރާއްޖެ އެތެރެ ކޮށްގެން 2017 ވަނަ އަހަރު ޖަލަށްލާން ހުކުމް ކުރި މީހަކު ދޫކޮށްލުމާ ގުޅިގެންނެވެ.

ޖަލަށްލާން ހުކުމް ކޮށްފައި ވަނިކޮށް ޖަލުން މިނިވަން ވެފައި ވަނީ، 24 ކިލޯގެ މަސްތުވާތަކެތި އެތެރެކުރިކަމުގެ ކުށް ސާބިތުވެ 2017 ވަނަ އަހަރު 25 އަހަރަށް ޖަލަށް ލުމަށް ހުކުމްކުރި ހ. އެވާޕީސް، އަބްދުﷲ ސޮފްވަތެވެ.

އޭނާ ޖަލުން ސަލާމަތްވެފައިވާ ކަން "މިހާރު" ނޫހަށް ކަށަވަރުވެފައިވާ ކަމަށް އެ ނޫހުން ރިޕޯޓުކޮށްފައިވެއެވެ.

އީރާނުގެ ބޯޓެއްގައި ގެނައި ޑިންގީއެއްގެ ތެރޭގައި ފޮރުވައިގެން އެތެރެ ކުރި އެ މަސްތުވާތަކެތި އަތުލައި ގަތުމަށްޓަކައި ފުލުހުން ކަނޑުމަތީގައި އޮޕަރޭޝަނެއް ހިންގައި އެ އެއްޗެހި އަތުލައިގަތީ އެ ތަކެތި ފޮރުވާފައި ހުރި ޑިންގީ، ދޯންޏެއްގައި މާލެ ގެނެސް، ހުޅުމާލޭ ފަޅުގައި އަޅާފައި އޮއްވައެވެ.

މިކަމާއި ގުޅިގެން އުމަރު ވިދާޅުވެފައި ވަނީ އިޚުލާސްތެރިކަމާ، ހަރުދަނާ ކަމާ، ޖެހިލުން ކުޑަކަމާއެކު މަސައްކަތްކޮށް، މަސްތުވާ އެއްޗެތީގެ ވަބާއިން މި ރާއްޖެ ސަލާމަތް ކޮށްދެއްވާނެ ކަމަށެވެ.

އުމަރު މީގެ ކުރިން ވަނީ 2023 ވަނަ އަހަރު ރާއްޖޭގައި ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާނެކަން އިއުލާން ކުރައްވާފައެވެ .

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!