ލެބޯޓަރީ ޓެކްނޮލޮޖިސްޓުނާ ގުޅޭ ގޮތުން ވިދާޅުވި ވާހަކައަށް މަބްރޫކް މާފަށް އެދިވަޑައިގެންފި
ލެބޯޓަރީ ޓެކްނޮލޮޖިސްޓުނާ ގުޅޭ ގޮތުން ވިދާޅުވި ވާހަކައަށް ކޮވިޑް-19ގެ ތަރުޖަމާނު މަބްރޫކް އަޒީޒް މާފަށް އެދިވަޑައިގެންފިއެވެ.
މީގެ ދެރޭ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މަބްރޫކް ވަނީ ލެބް ޓެކްނޮލޮޖިސްޓުންގެ މާގިނައިން ބޭނުންނުކޮށް ޓެސްޓު ކުރެވޭ މެޝިނެއް އައިޖީއެމްއެޗްއަށް ސަރުކާރުން ގެންނަން އުޅޭކަމަށެވެ. އެކަމާއި ގުޅިގެން ގިނަ ލެބް ޓެކްނޮލޮޖިސްޓުންގެ ފާޑުކިޔުން މަބްރޫކަށް ވަނީ އަމާޒުވެފައެވެ.
މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވިދާޅުވީ ފާޑުކިޔުން ބަލައިގަންނަން ކަމަށާއި އެކަމަށް މާފަށް ވެސް އެދޭ ކަމަށެވެ.
"ހަގީގަތަކީ އަޅުގަނޑަކީ ސިއްހީ ދާއިރާގައި މަސައްކަތް ކުރާ މީހެއް ނޫން. މިތާނގައި އަޅުގަނޑާ އެކު ޑޮކްޓަރުން ބައިވެރިވެ ވަޑައިގަންނަވަނީ ވެސް ޓެކްނިކަލް މައުލޫމާތު ދެއްވަން." މަބްރޫކް ވިދާޅުވިއެވެ.
މަބްރޫކް ވިދާޅުވީ މިހާރު އައިޖީއެމްއެޗްގެ ޓެކްްނީޝަނުން ކުރައްވަނީ ވަރަށް ބުރަ މަސައްކަތެއް ކަމަށާއި ހުއްޓާ ނުލައި 24 ގަޑިއިރު މަސައްކަތް އެބަ ކުރައްވާ ކަމަށެވެ. މި މަސައްކަތުގެ ކަވިކަމާއި އުނދަގޫކަން ބައެއް ފަހަރު ހަނދާން ނެތޭ ކަމަށާއި ކިތަންމެ މޮޅު މެޝިނެއް ހުއްޓަސް، އެ ބޭފުޅުން ކުރާ މަސައްކަތުން ނޫނީ ނަތީޖާއެއް ނާންނާނެ ކަމަށް މަބްރޫކް ވިދާޅުވިއެވެ.