ބޭރު އާގުބޯޓެއްގައި އޮތް ބަލި މީހަކު ފަރުވާއަށް ލ. ގަމަށް

ތުރުކީން ފުރައިގެން އޮސްޓްރޭލިއާއަށް ދަތުރު ކުރަމުން ދިޔަ ބޭރުގެ އާގުބޯޓެއްގައި އޮތް ބަލިމީހަކު އެމްއެންޑީއެފް ސެންޓްރަލް އޭރިއާގެ އެހީތެރިކަމާއެކު ލ.ގަމަށް ގެންގޮސްދީފިއެވެ،
އެމްއެންޑީއެފްއިން ވިދާޅުވީ "މޭސޯރާ" ނަމަކަށް ކިޔާ މި ކާގޯ ބޯޓްގައި ހުރި އުމުރުން 40 އަހަރުގެ ފިލިޕީންސް ފިރިހެން ފަޅުވެރިއެއްގެ ބޮލަށް ގެއްލުން ލިބިގެން ސިއްޙީ އަވަސް ފަރުވާއަށް އެދި އެމްއެންޑީފް ކޯސްޓްގާޑް މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) ގެ އެހީތެރިކަމަށް އިއްޔެ ހަވީރުގެ ވަގުތެއްގައި އެދިފައިވާ ކަމަށެވެ.
އަދި ކަމާ ބެހޭ ފަރާތްތަކުގެ ހުއްދައާއެކު މި ބޯޓު ލ.ގަމު ހުޅަނގު ދެކުނުން 30 ނޯޓިކަލް މޭލަށް، ކައިރި ކުރުމުން އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ އެހީތެރިކަމާއެކު މި ބަލިމީހާ މިއަދު ހެނދުނު ރާއްޖެ ގެނެސްފައިވާ ކަމަށް ވެސް އެމްއެންޑީއެފްއިން ވިދާޅުވިއެވެ.
މި މީހާއަށް މިހާރު ފަރުވާދެމުން ދަނީ ލ.ގަމު ރީޖަނަލް ހޮސްޕިޓަލުގައެވެ.
މި ބޯޓަކީ ރާއްޖޭގެ ހުޅަނގުން 150 ނޯޓިކަލް މޭލު ބޭރުން ދަތުރު ކުރަމުންދިޔަ ލައިވް ސްޓޮކް އުފުލާ އާގުބޯޓެކެވެ.