ކުޑަކަކޫ މައްޗަށް ތިރިވެ ސަރުކާރާއެކު ރައީސް ޔާމީން ޑީލެއް ނުހައްދަވާނެ: އަދުރޭ
މަނީލޯންޑްރިންގެ ކުށް ސާބިތުވާ ކަމަށް ކަނޑައަޅާ، 5 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރަމުންދާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް ކިތަންމެ ގިނަ ދައުވާއެއް އުފުލި ނަމަވެސް، މި ސަރުކާރާއެކު ޑީލެއް ނުހައްދަވާނެ ކަމަށް އިދިކޮޅު ޕީޕީއެމް އާއި ޕީއެންސީގެ އެކްޓިން ލީޑަރު އަބްދުލްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.
ޔާމީންގެ މައްޗަށް ދައުލަތުން މިހާރު އުފުލާފައިވާ އިތުރު ދެދައުވާއެއްގެ ޝަރީޢަތް ވަނީ މިއަދު ކްރިމިނަލް ކޯޓުގައި ތާވަލްކޮށްފައެވެ.
މިކަމާ ގުޅުވައި އަދުރޭ ކުރެއްވި ޓްވީޓުގައި ވިދާޅުވީ ރައީސް ޔާމީނަށް މަތިމައްޗަށް ދަޢުވާ އުފުލިޔަސް މި އަނިޔާވެރި ސަރުކާރުގެ ކުރިމަތީ ކުޑަކަކޫ މައްޗަށް ތިރިވެ ޑީލެއް ނުހައްދަވާނެ ކަމަށެވެ.
" ދީނާ ގައުމުގެ ޙައްގުގައި ވަކާލާތު ކުރެއްވުން ހުއްޓައެއް ނުލައްވާނެ.ފިލާވަޑައެއް ނުގަންނަވާނެ.މާތް الله ރައީސް ޔާމީނަށް ކާމިޔާބު މިންވަރު ކުރައްވާށި.އާމީން" އަދުރޭގެ ޓްވީޓުގައި ލިޔުއްވާފައިވެއެވެ.
ރައީސް ޔާމީން ސަރުކާރާއެކު ޑީލް ނުހައްދަވާނެ ކަމަށް އަދުރޭ ވިދާޅުވެފައިވާއިރު، އެމްއެމްޕީއާރްސީގެ ޚިޔާނާތުގައި އިސްކޮށް ހަރަކާތްތެރިވި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބާއި އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރ އަބްދުﷲ ޒިޔަތު ވަނީ ދައުލަތާއި އެކު އެއްބަސްވުމެއް ހަދައިގެން އެބޭފުޅުންގެ މައްޗަށް އޮތް ޙުކުމް ލުއި ކޮށްފައެވެ.