މީހުންނަށް އެންމެ ގިނައިން ދެރަދެނީ. އެންމެ ގިނައިން ދެރަ ލިބިފައި ތިބި މީހުން: ދިރާސާ
މީހުންނަށް އެންމެ ގިނައިން އަނިޔާއާއި ދެރަދެނީ، ދިރިއުޅުމުގައި އެންމެ ގިނައިން ހިތާމަތަކާއި ކުރިމަތިވެފައި ތިބި މީހުން ކަމަށް ދިރާސާތަކުން ދައްކައިފިއެވެ.
ދިރިއުޅުމުގެ އެކި ކަންކަމުގައި ހިތާމަ ލިބިފައިވާ މީހުން، އެހެން މީހުންނަށް ހިތާމަ ދިނުމުގައި އުފަލާއި ހިތްހަމަ ޖެހުން ހޯދައެވެ. އަދި އެފަދަ މީހުންނަށް މީހަކު ދެރައެއް ދީފިނަމަ އެމީހެއްގެ ކިބައިން ބަދަލަށް ބަދަލު ހިފަން ވެސް އެމީހުން ބޭނުންވެ ގަދަޔަށް މަސައްކަތް ކުރެއެވެ.
މިކަމާއި ގުޅޭގޮތުން ވާޖީނިއާ ކޮމަންވެލްތު ޔުނިވަރސިޓީ (ވީސީޔޫ) އިން ވަނީ 673 ބައިވެރިންނާއެކު، ތިން ބަޔަކަށް ބަހާލައިގެން ދިރާސާއެއް ކޮށްފައެވެ. އެތިން ބައިގައި ވެސް ސުވާލުތަކެއް ކަނޑައަޅާފައިވާ ކަމަށާއި، ސުވާލުތަކުގައި ގިނައިން ހިމެނެނީ އެމީހުންގެ އުޅުމާ ގުޅޭގޮތުން ކަމަށް ރިސާރޗަރުން މައުލޫމާތު ދީފައިވެއެވެ.
ރިސާޗަރުން ބުނި ގޮތުގައި، އެމީހުން ކަނޑައެޅި ސުވާލުތަކަށް ޖަވާބު ދޭން ޖެހެނީ ހަމައެކަނި "ޤަބޫލު ކުރަން" ނުވަތަ "ޤަބޫލު ނުކުރަން" މިފަދައިންނެވެ.
މިދިރާސާގައި ބައިވެރިވި މީހުންނާއި ކޮށްފައިވާ ސުވާލުތަކުގެ ތެރޭގައި "އަހަންނާއި މެދު ގޯސްކޮށް ކަންތައް ކުރާ މީހަކަށް އަހަރެން ދޭ އަދަބު އެމީހަކަށް ޙައްޤުވާނެ"، އަދި "އަހަންނާ މެދު ބޭއިންސާފަށް ކަމެއް ކޮށްފައިވާނަމަ، އެކަމަށް ބަދަލު ނުލިބެނީސް އަހަންނަކަށް ހަމަޖެހޭ ދިރިއުޅުމެއް ނުލިބޭނެ" ފަަދަ ސުވާލުތައް ހިމެނެއެވެ. އެގޮތުން އަދަބު ދިނުން ޙައްޤުވާނެ ކަމަށް ބުނެފައިވާ ސުވާލަށް، ދިރާސާގައި ބައިވެރިވި ގިނަ ބައިވެރިން ބުނެފައި ވަނީ "ޤަބޫލު ކުރަން" ކަމަށެވެ. އަދި މީހެއްގެ ފުށުން ހިތާމައެއް ލިބުމުން ބަދަލު ނުލިބެނީސް ހިތްހަމަ ނުޖެހޭކަމަށް ބުނެފައިވާ ސުވާލަށް ވެސް ގިނަ ބައިވެރިން ބުނެފައިވަނީ "ޤަބޫލު ކުރަން" ކަމުގައެވެ.
މިދިރާސާގެ ބޭނުމަކީ، މުޖުތަމައުގައި ހަމަނުޖެހުމާއި މާރާމާރީ ހިންގާ ފަރާތްތަކަކީ ކޮންކަހަލަ ބައެއްކަން ހޯދާ، އެފަދަ މީހުންނަށް އެހީތެރިވެދިނުން ކަމަށް މިދިރާސާ ހިންގި ރިސާޗަރުން ބުނެފައި ވެއެވެ. އެމީހުން ބުނި ގޮތުގައި، މިދިރާސާއަކީ މުޅި ދުނިޔެ، އެންމެންނަށް ވެސް ސުލްޙަވެރި އަމާންއޮމާން ތަނަކަށް ހެދުމަށްޓަކައި ހެދި ދިރާސާއެކެވެ. އަދި ދިރާސާގައި ބައިވެރި ވެފައިވާ ގިނަ މީހުންނަކީ ނަފްސާނީ ގޮތުން ބަލިމީހުން ކަމުގައި ވެސް ރިސާޗަރުން ބުނެފައިވެއެވެ.
"ނަފްސާނީ ބަލި ތަޙައްމަލު ކުރަމުންދާ މީހުންނާއި މުޖުތަމައުގައި ހަރުކަށި ވިސްނުންތަކެއް ގެންގުޅޭ މީހުން ހޯދާ، އެފަދަ މީހުންނަށް އެހީތެރިވެ ދިނުމަކީ ކުރުން ވަރަށް މުހިންމު ކަމެއް. އެހެން ނޫނީ ދުނިޔެއަކީ އެންމެންނަށްޓަކައި ވެސް ރަނގަޅު ތަނަކަށް ނުހެދޭނެ" ވީސީޔޫގެ އެސިސްޓެންޓް ޕްރޮފެސަރ ޑޭވިޑް ޗެސްޓަރ ބުނެފައިވެއެވެ.
ޑޭވިޑް ބުނެފައިވަނީ އެފަދަ މީހުން ދެނެގަނެ، އެމީހުންނަށް ލޯތްބާއި އަޅާލުންދީ، ކަންކަމުގެ ރަނގަޅު ގޮތް ވިސްނައި ދިނުމަކީ ކުރުން މުހިންމު ކަމެއް ކަމަށާއި، އެފަދަ މީހުން ވެސް މުޖުތަމައުއިން ބާކީ ކޮށް ނުލައި، އެމީހުންނާމެދު ކެތްތެރިވެ އެމީހުންނަށް ވިސްނައި ދިނުމަކީ މިކަމަށް އޮތް ހައްލު ކަމުގައި ދެކޭ ކަމަށެވެ.