ބައެއް ވާހަކަތަކަކީ ބުނުމަށް ވުރެ ނުބުނުން ރަނގަޅު ވާހަކަތަކެކެވެ.
ދިރިއުޅުމުގައި ކަންކަން ދިމާވާނެއެވެ. ހަނު ހުންނަން ޖެހޭ ފަހަރާއި ވާހަކަތައް ނުހިފަހައްޓާ ބުނަންވާ އެއްޗެއް ބުނަންޖެހޭ ފަހަރު ވެސް އަންނާނެއެވެ. އެފަދަ ދަނޑިވަޅުތައް ދެނެގަންނާށެވެ. އެހެންނަމަވެސް ބައެއް މީހުން ގަބޫލުކުރާ ގޮތުގައި ހިތުގައި އުފެދޭ ކޮންމެ ވާހަކަތަކަކީ ވެސް ބުނަން ޖެހޭނެ ވާހަކަ ތަކެކެވެ. އާދޭހެވެ. އެއީ ކުށްހީއެކެވެ.
އެންމެ ގާތުގައި އެއްކޮށް އުޅޭ ކިތައް މީހުން ތިބާގެ ފައިމައްޗަށް ފޮއެ އެއްލާލުމަށް ފަހުގައި ގޮސްފައި ވޭ ހެއްޔެވެ؟ އެފަދަ މީހުންނަށް ތިބާ ފަޟީހަތް ކޮށް، ތިބާގެ އުނި އިތުރު ވާހަކަތައް ދެއްކުމަށް ވަރަށް ބޮޑު ފުރުސަތެއް ލިބިގެން ދިއުމުގެ އެންމެ ބޮޑު އެއް ސިއްރަކީ ތިމާ ބުނަން ނުޖެހޭ އެތައް ވާހަކަތަކެއް އޭނަ ގާތުގައި ބުނެވިފައި ވުމެވެ. ކިތަންމެ ގާތްވި ނަމަވެސް ފޮތުގެ ބަނޑޭރި ގަނޑަށް ބަލާ އެފޮތުގައި ވަނީ ކޮން ވާހަކަތަކެއް ކަން އެނގޭނީ ފަހެ ކާކަށް ހެއްޔެވެ؟
ހާލަތާ ވަގުތަށް ރިޢާޔަތްކޮށް ބައެއް ކަހަލަ ވާހަކަ ތަކަކީ ބުނުމަށް ވުރެ ނުބުނެ ހުރުން އެންމެ ބުއްދިވެރި ވާހަކަތަކެވެ. މިސާލެއް ދަންނަވަންތޯއެވެ؟ ތިމާގެ އެކުވެރިކަމާ ގުޅުވާ މިސާލެއް ބުނެލަދޭނަމެވެ. އެންމެ ގާތް އެކުވެރިޔާ ގާތުގައި ބުނަން ބޭނުން ވެފައި އެހެން ނަމަވެސް ނުބުނެ ހުރުން އެންމެ ރަނގަޅު ވާހަކަތައް ހުންނާނެއެވެ. ތިމާ އެންމެ ލޯބިވީ ބައިވެރިޔާ ގާތުގައި އެވާހަކަ ބުނުމުގެ ކުރިން ތިމާގެ އެންމެ ގާތް އެކުވެރިޔާ އޭނައާއެކު އުފަލުގައި އުޅޭ މަންޒަރު ފެނުމަކީ ތިމާގެ ހިތްހަމަ ޖެހުން ލިއްބައިދޭ ކަމެއް ނޫން ހެއްޔެވެ؟
އެހެން ނަމަވެސް ތިބާ އެވާހަކަ ދެން ތިބާގެ އެންމެ ގާތް ރަހުމަތްތެރިޔާ ގާތުގައި ބުނުމުން އެ ހަލާކު ކޮށްލެވެނީ ކިތައް މީހުންގެ ދިރިއުޅުން ހެއްޔެވެ؟ ހަމަގައިމު ވެސް ތިބާ ،ތިބާގެ އެންމެ ގާތް އެކުވެރިޔާގެ އެ ހިނިތުންވުމާއި އުފާވެރިކަމަށް "ފުލުސްޓޮޕް" އެއް ގެންނާކަށް ބޭނުމެއް ނުވާނެކަން ޔަގީނެވެ. އެހެންކަމުން އެފަދަ ޙާލަތެއްގައި އެކަހަލަ ވާހަކަތަކަކީ ބުނުމަށް ވުރެ ނުބުނެ ހުރުން އެންމެ ރަނގަޅު ވާހަކަތަކެވެ. ވަގުތާއެކު ހުރިހާ ކަމެއް ރަނގަޅު ވެގެންދާނެކަން ގައިމެވެ.
ދެން މީގެ އަނެއް މިސާލަކީ ތިބާ މަސައްކަތް ކުރާ އޮފީހުގެ ކަންކަމެވެ. ތިމާ ހިތްއެދޭ ގޮތަށް ހުރިހާ ކަމެއް ނުވެދާނެއެވެ. އެފަދަ ޙާލަތްތަކުގައި ތިމާ ޖެހޭނީ އެންމެންނަށް ރަނގަޅު ގޮތަކަށް ވިސްނައިގެން ހުންނާށެވެ. ފަހަރުގައި ތިމާއަށް ރަނގަޅު ގޮތަކީ ގިނަމީހުންނަށް އެންމެ ރަނގަޅު ގޮތުގައި ނުވެދާނެއެވެ. ދެން އެފަދަ ޙާލަތްތަކުގައި ތިމާގެ ބަސް އެކަމުގައި ބުނެފިނަމަ މަސްލަހަތު ވާނީ އިތުރަށް ގޯހެވެ. އޮފީސް އެކަންޏެއް ނޫނެވެ. ގިނަ ރައްޓެހިން އެއްވެ އުޅޭ މަޖިލީހެއްގައި ވެސް މެއެވެ. އެހެންކަމުން ބައެއް ވާހަކަތަކަކީ ބުނުމަށް ވުރެ ނުބުނުން ރަނގަޅު ވާހަކަތަކެކެވެ.