ދީން

ލައިލަތުލްޤަދުރި ވިލޭރޭގެ ޢަލާމާތްތައް

ދެން އެމްވީ ، ދެން އޮންލައިން

ލައިލަތުލްޤަދްރި ވިލޭރެއާ ގުޅިފައިވާ ބައެއް ޢަލާމާތްތައް ނުވަތަ ބައެއް ސިފަތައް ޢިލްމުވެރިން ވަނީ ބަޔާންކުރައްވާފައެވެ. ނަމަވެސް އެއިން ކޮންމެ ކަމަކީ ފާހަގަ ނުވެދާނޭކަންކަމެވެ. އަދި އެރޭގެ ދަރުމައާއި ސަވާބަށް އެދިގެން އަޅުކަންކުރާ މީހަކު ފަހު ދިހައެއްގެ އެންމެ ރެއެއްވެސް ދޫކޮށްނުލައި އަޅުކަމުގައި ދެމިހުރުމަށް ކީރިތި ރަސޫލާ صلى الله عليه وسلم ވަނީ އުންމަތަށް އިރުޝާދު ދެއްވާފައެވެ.

Ads by STELCO

الشيخ ابن عثيمين ރަޙިމަހުﷲ ލައިލަތުލްޤަދްރީގެ އަލާމަތްތަކާއި ބެހޭގޮތުން ވިދާޅުވެފައިވާ ވާހަކަތަކުގެ ތެރެއިން އަންނަނިވި ކަންތައްތައް ހިމެނެއެވެ.

  • އެރޭގެ އަލިކަން ގަދަވެގެންވެއެވެ. މިޒަމާނުގައި އަލިކޮށް ދިއްލާފައި ހުންނަ ހިސާބުތަކުގައި ދިރިއުޅޭ މީހުންނަށް މި އަލާމާތް ދެނެގަތުން ފަސޭހައެއް ނުވާނެއެވެ. މި އަލިކަން އިހުސާސް ވާނީ އަލިކަމާ ދުރު ހިސާބުތަކުގައި އުޅޭ މީސްތަކުންނަށެވެ.
  • ހިތްހަމަޖެހުމާއި މުއުމިނުތަކުންގެ ހިތްތައް انشراحވުން އެރޭގައި ހިމެނެއެވެ. އެބަހީ އެހެން ރޭތަކުގައި އިހުސާސް ނުވާފަދަ ހިތްހަމަޖެހުމެއް އެރޭ އިޙްސާސްވާނެއެވެ. އަދި ހިތުގެ ނުތަނަވަސްކަން ފިލައި ހިތްތަނަވަސްވުން އެރޭ ލިބިގެންދާނެއެވެ.
  • އެރޭގައި ޖެހޭ ވައިރޯޅި މަޑުވެ ހަމަހިމޭންވެގެން ވެއެވެ. ގަދަފަދަ ރޯޅިތަކާއި ވައިގަދަވުމެއް އެރެއަކު ނުވެއެވެ. އެރޭގެ ޖައްވު އޮންނާނީ ވަރަށް މުނާސަބު ޙާލަތެއްގައެވެ.
  • މުއުމިނުތަކުންނަށް އެރޭގެ ރޭއަޅުކަމުގެ ލައްޒަތާއި މީރުކަން އިހުސާސްވުން އެހެން ރޭތަކަށްވުރެ އިތުރުވެގެންވެއެވެ.

އެރޭ ނިމިގެންދާއިރު ފެންނަ ބައެއް ޢަލާމާތްތައް

އެރޭގެ ފަތިހު އިރު އަރާއިރު ދޯދިތަކެއް ނުހުންނާނެއެވެ. އެބަހީ އިރުއެރުމުގެ ކުރީގައި އާންމުގޮތެއްގައި އުދަރެހަށް ފާއްދާލާފައިހުންނަ ދޯދިތައް އެރެއަކު ނުހުންނާނެއެވެ. ސަހީހު މުސްލިމުގައި ރިވާވެގެންވެއެވެ. "އެރޭގެ (ހެނދުނުވުމުން) އިރުއަރާހިނދު އޭގައި ދޯދިތަކެއް ނުހުންނާނެއެވެ."

މިފަދަ އަލާމާތްތަކެއް އެރޭގައި ހިމެނިގެންވިއެއްކަމަކު މިކަންކަން ބަލައި ދެނެގަތުމަށް މަސައްކަތް ކުރުމަކީ ހަގީގަތުގައި އެރޭގެ ހެޔޮ އަމަލުކުރުމަށް ލިބޭ ފުރުސަތުން މަހުރޫމު ކުރުވަނިވި ކަމަކަށްވުން އެކަށީގެންވެއެވެ. ވީމާ، ލައިލަތުލްޤަދްރި ވިލޭރޭގެ މާތްކަން އެދޭމީހާ، އެދެވިގެންވަނީ ރަމަޟާންމަހުގެ ފަހު ދިހައެއްގެ ރޭތަކުގައި ހެޔޮ އަމަލުތަކުރުމުގައި ދެމިހުރުމެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!