ލައިފްސްޓައިލް

ކޮވިޑް19 ން ނަގައިދިން މި ފަސް ފިލާވަޅާމެދު ވިސްނާލަމާ!

އިބްރާހީމް ޙުސައިން ، ދެން އޮންލައިން

ކުރިއަރާފައި މިވާ ދުނިޔޭގައި މިހާރު އަޅުގަނޑުމެން ތަޖުރިބާ ކުރަމުން މިދާ ކަންކަމަކީ އެއްވެސް މީހެއްގެ ޚިޔާލުގައި ވެސް މީގެ ކުރިން ނެތް ކަންތައް ތަކެކެވެ. މުޅި ދުނިޔެ އެ ބައްޔެއްގެ ވޭން އަޅަމުންދާ ކޮވިޑް19 އުފަންވީ ދުނިޔޭގެ އެންމެ ވަރުގަދަ އިޤްތިޞާދުގެ ތެރެއިންނެވެ. އެންމެ ގިނަ ބަޔަކަށް އެބަލި ޖެހި އެންމެ ގިނަ ބަޔަކު މަރުވެގެން އެދަނީ ދުނިޔޭގެ ސުޕަރޕަވަރ ނުވަތަ އެގައުމެއްގެ ކުރިމަތީގައި މުޅި ދުނިޔެ ކުޑަކަކޫ ޖަހާ އެމެރިކާއިންނެވެ. މިކަންކަމާއެކު ކޮވިޑް19 މިވަނީ އަހަރެމެންނަށް އެތައް ފިލާވަޅެއް ނަގައިދީފައެވެ. އެތައް ކަންކަމެއްގެ ހަނދާން އާ ކޮށްދީފައެވެ.

Ads by Sosun Fihaara

މުދާވެރިކަމަކީ ދުޅަހެޔޮ ޞިއްޙަތު: މީހާގެ މުދާވެރިކަމާއި މުއްސަނދިކަން މިނެކިރާ މިންގަނޑަކީ ފައިސާއާއި ހަރު މުދަލެވެ. ނަމަވެސް ކޮވިޑް19 މިވަނީ ޙަޤީޤީ މުދާވެރިވެރި ކަމަކީ ނުވަތަ މުއްސަނދިކަމަކީ ކޮބައިކަން ބުނެދީފައެވެ. ދުޅަ ހެޔޮ ޞިއްޙަތެއްގައި ހުރުމުގެ މުހިންމުކަން އަންގައިދީފައެވެ. މާލާއި މުދާވެރިކަމަކީ ސަލާމަތެއް އޮތް ކަމެއް ނޫންކަމާއި ދުޅަހެޔޮ ޞިއްޙަތަކީ އެއަށްވުރެ ބޮޑު ނިޢުމަތެއްކަން ކަށަވަރު ކޮށްދީފައެވެ.

އަބަދުވެސް ފަހަށް ރައްކާކުރަން ވިސްނާތި: ކޮވިޑް19 ގެ ސަބަބުން ދިރިއުޅުމަށް އައި އެންމެ ބޮޑު ބަދަލަކީ އާމްދަނީ ހޯދުމަށް ކުރަމުންދިޔަ މަސައްކަތްތައް ހުއްޓުމެވެ. ފައިސާ ލިބޭނެ ގޮތެއް ނެތި މީހުންގެ އަތްމަތި ދަތިވުމެވެ. ފުދިގެން ނުވަތަ ތަނަވަސްކަން މަތީ އުޅުނު އެތައް ބަޔަކު ވެސް ޙާލުގައި ޖެހުމެވެ. މި ޙާލަތު ނަގައިދޭ އެއް ފިލާވަޅަކީ މިއީ އެވެ. ލިބޭއިރުގަޔާއި ނުލިބޭ އިރުވެސް އިޤްތިޞާދުކޮށް ފަހަށް ރައްކާކުރާށެވެ.

ހުސްވަގުތަކީ ނިޢުމަތެއް: ޢާއިލާއަށް ވަގުތު ނުދެވޭ އަވަދިނެތި އުޅޭ ބައްޕައިން ނުވަތަ ފިރިންނަށް ކޮވިޑްގެ ޙާލަތުގައި ޢާއިލާއާ އެއްކޮށް ހޭދަ ކުރާނެ ވަގުތު ދީފިއެވެ. ވީމާ ، ހުސްވަގުތަކީ ނިޢުމަތެއް ކަމަށް ދެކި ، މި ވަގުތުގެ ބޭނުން ހެޔޮ ގޮތުގައި ހިފުމަށް ކޮވިޑް19 ހަނދާން އާކޮށްދީފިއެވެ. އެހެންކަމުން މި ޙާލަތުން އަރައިގަނެވުނު ކަމުގައި ވީ ނަމަވެސް އަޅުކަމަށާއި ޢާއިލާއަށް ވަގުތު ހުސްކުރުމަށް ހަނދާން ނައްތާ ނުލައްޗެވެ.

ރައްކާތެރިކަން ދެއްވަނީ ﷲ : ކޮވިޑް19ގައި އެންމެ ގިނައިން މަރުވަމުންދަނީ ދޮށީ ޢުމުރުގެ މީހުންނެވެ. ނަމަވެސް 80 ،90 ނުވަތަ އެއަށްވުރެ ޢުމުރު މަތީ މީހުން ވެސް ﷲގެ ރަޙުމަތް ފުޅުން ސަލާމަތްވެފައި އެބަތިއްބެވެ. ފަސޭހަކަމާއެކު ގައިންގަޔަށް އަރާ މި ބަލީގައި މަންމަ މަރުވިއިރު ބަނޑުގައި އޮތް ދަރިފުޅު ސަލާމަތްވެފައި އެބަހުއްޓެވެ. ބަލި ޖެހުނު މީހަކާއި އެއްތާވި (ޑައިރެކްޓް ކޮންޓެކްޓް) ވިނަމަވެސް ކިތަންމެ މީހަކަށް މި ބަލި ނުޖެހި ސަލާމަތް ވެއްޖެއެވެ. ހަމަ ކަށަވަރުންވެސް ރައްކާތެރިކަން ދެއްވާ ފަރާތަކީ ﷲ އެވެ.

ޙަޔާތާއި މެދު އަދި އެއްފަހަރު ވިސްނާލާ: އިންސާނުންނަކީ މާބޮޑު އާރެއް ބާރެއް އޮތް ބައެއް ނޫނެވެ. ކުރިއަރާފައި މިވާ ދުނިޔޭގެ އެކަކަށް ވެސް މިބައްޔަށް މުޖައްރިބު ބޭހެއް ހޯދިފައެއް ނެތެވެ. ޖަނަވާރުންނާއި ދޫނިސޫފާ ސޫފި ކޮށިކޮށީގައި ބަންދު ކުރެވޭ ގޮތަށް އިންސާނުން ވެސް ބަންދު ކުރެވިއްޖެއެވެ. ލޮލަށް ނުފެންނަ ކުޑަކުޑަ ވައިރަހެއްގެ ޝިކާރައަކަށް ފަންސާސްމިލިއަނަށްވުރެ ގިނަ މީހުންވެ 12 ލައްކައަށް ވުރެ ގިނަ މީހުން މި ބަލީގައި ދުނިޔެ ދޫކޮށް ހިނގައްޖެއެވެ. ސަލާމަތުން ތިބި މީހުންގެ ވެސް ދިރިއުޅުން ދަތިވެއްޖެއެވެ. ވީމާ ، ދުނިޔޭގެ ޙަޔާތާ މެދު އަދިވެސް އެއްފަހަރު ވިސްނާލާށެވެ. މިއިން ޢިބްރަތެއް ހޯދާށެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!