އެންޑީއޭ ގެ ކަންކަން އިސްލާހު ކުރަން ގޮވާލާ މުޒާހަރާ ކޮށްފި
ނޭޝަނަލް ޑްރަގް އޭޖެންސީ (އެންޑީއޭ) ގެ ކަންކަން އިސްލާހު ކުރަން ގޮވާލާ އެއެޖެންސީ ކުރިމަތީގައި މިއަދު މުޒާހަރާ ކޮށްފިއެވެ.
މަދު ބަޔަކު އެއްވެ ކުރި މިމުޒާހަރާގައި ވަނީ އެންޑީއޭ އިން ގާނޫނާ އެއްގޮތަށް މިދިޔަ ނުވަ އަހަރު ކަންތައް ނުކުރި ސަބަބު ބަލައި ފިޔަވަޅު އެޅުމަށް ގޮވާލާފައެވެ. ފުލުހުން ފަހުން ވަނީ، ކަންބޮޑުވުން ފާޅުކޮށް އެންޑީއޭ ކުރިމަތީގައި އަޑު އުފުލި އެމީހުން އެތަނުން ފޮނުވާލާފައެވެ.
މުޒާހަރާގައި ބައިވެރިވި މީހުން ގޮވާލާފައިވަނީ، އެންޑީއޭ އިސްލާހުކުރަން ގޮވާލައި އެއެޖެންސީން ދޭ ފަރުވާގެ ނިޒާމު ބޮއްސުންލާފައިވާ ކަމަށެވެ. އެފަދަ ޝުޢޫރުތައް ފާޅުކޮށް އެމީހުން ވަނީ އެސަރަޙައްދުގައި ބޯޑުތަކާއި ޕޯސްޓަރުތައް ވެސް ބަހާފައެވެ.
މިއަދުގެ އެމުޒާހަރާގައި ބައިވެރިވި އެކަކީ މަސްތުވާތަކެތި މައްސަލައެއްގައި މީގެ އެތައް އަހަރެއް ކުރިން 25 އަހަރަށް ޖަލަށް ލުމަށް ހުކުމްކުރި މަޝްހޫރު ލަވަކިޔުންތެރިޔާ އީސާ އަބްދުﷲ އެވެ. އޭނާ ބުނިގޮތުގައި، މީގެ ނުވަ އަހަރަު ކުރިން އުފެއްދި އެންޑީއޭއާ ގުޅޭ ގިނަ ކަންބޮޑުވުންތަކެއް އޭނާ ވަނީ ހިއްސާކޮށްފައެވެ. ނަމަވެސް އެތަނަށް އެއްވެސް ކުރިއެރުމެއް ނުލިބި ކަންކަން ބޮއްސުންލާފައިވާ ކަމަށް އީސަ ބުނެފައިވެއެވެ.
މީގެއިތުރުން އީސަ ބުނީ، ހިންމަފުށިގައި ހުންނަ އެންޑީއޭ ގެ ރިހިބިލިޓޭޝަން ސެންޓަރުގައި އަހަރެއް ވަންދެން މަސައްކަތް ކުރުމުން އެތަނުގެ ތެރޭގެ ހުރިހާ ކަމެއް އެނގިފައިވާ ކަމަށެވެ.
އެންޑީއޭ ކުރިމަތީގައި މިއަދު ބޭއްވި މުޒާހަރާގައި މީހުން އިތުރަަށް އަޑުއުފުލާ ބުނެފައި ވަނީ ގާނޫނުގައި އަންހެނުންނަށާއި ކުޑަކުދިންނަށް ހާއްސަ ޑިޓޮކްސް ސެންޓަރާއި ރިމާންޑު ސެންޓަރެއް ހުންނަންޖެހޭ ކަމަށް ބަޔާންކުރި ނަމަވެސް ނުވަ އަހަރު ވެގެން ދިޔައިރުވެސް އެ ސެންޓަރު ގާއިމް ނުކުރެވި ދަނީ ދިގުލައިގެން ކަމަށެވެ.