ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އަވަހާރަވުމާ ގުޅިގެން ރައީސް ތަޢުޒިޔާ ވިދާޅުވެއްްޖެ

ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު މީރް ޡަފަރުﷲ ޚާން ޖަމާލީ އަވަހާރަވުމާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އެ ޤައުމުގެ ރައީސް ޢާރިފް ޢަލްވީއަށް ތަޢުޒިޔާ ވިދާޅުވެ މެސެޖެއް ފޮނުއްވައިފިއެވެ.
ޕާކިސްތާނުގެ ރައީސަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ތަޢުޒިޔާގެ މެސެޖުގައި ދިވެހި ސަރުކާރާއި ރައްޔިތުންނާއި އެ މަނިކުފާނުގެ އަމިއްލަ ނަންފުޅުގައި ތަޢުޒިޔާ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު މީރް ޡަފަރުﷲ ޚާން ޖަމާލީގެ ޚިދުމަތުގެ ދިގު ތާރީޚުގައި އެ ޤައުމުގެ ކުރިއެރުމާއި ލާބައަށް ކުރައްވާފައިވާ ގިނަގުނަ މަސައްކަތްޕުޅު ފާހަގަ ކުރައްވާފައިވެއެވެ. ރައީސުލްޖުމްހޫރިއްޔާގެ މެސެޖު ނިންމަވައިލައްވާފައި ވަނީ ބޮޑުވަޒީރުގެ ފުރާނަފުޅަށް ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރުކޮށްދެއްވުން އެދި ދުޢާ ދަންނަވަމުންނެވެ.
މީރް ޡަފަރުﷲ ޚާން ޖަމާލީ އަވަހާރަވުމާ ގުޅިގެން ޕާކިސްތާން ހައިކޮމިޝަންގައި ހުޅުވާފައި ތަޢުޒިޔާގެ ދަފްތަރުގައި ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ވެސް ވަނީ މިއަދު ސޮއިކުރައްވާފައެވެ.
ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު މީރް ޡަފަރުﷲ ޚާން ޖަމާލީ އަވަހާރަވެފައި ވަނީ އުމުރުން 76 އަހަރުފުޅުގައި، ހާޓްއެޓޭކަކަށް ފަރުވާ ހޯއްދަވަމުން ދަނިކޮށެވެ.