ރައީސް ޔާމީންގެ މައްޗަށް މިސަރުކާރުން ދަނީ އިތުރު މައްސަލަތައް އުފަން ކުރުވަމުން: އަދުރޭ
ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ގެ މައްޗަށް މިސަރުކާރުން ދަނީ އިތުރު މައްސަލަތައް އުފަން ކުރުވަމުން ކަމަށް އިދިކޮޅު ޕީއެންސީ ގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ (އަދުރޭ) ތުހުމަތު ކުރައްވައިފިއެވެ.
އަދުރޭ މިރޭ ވިދާޅުވީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙު ގެ މިސަރުކާރުން ގެންދަވަނީ ގާނޫނު އަސާސީއިން ކަށަވަރު ކޮށްދީފައިވާ ދިފާއު ވުމުގެ ހައްގުން ރައީސް ޔާމީން މަހުރޫމް ކުރަމުން ކަމަށެވެ.
މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) ގެ ޚިޔާނާތުގެ ހަގީގީ ބައިވެރިން ކަމުގައިވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރްސީގެ އޭރުގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތާއެކު ރައީސް ސޯލިހުގެ ސަރުކާރުން ޑީލެއް ހަދާފައިވާ ކަމަށާއި އިތުރު މަސްއަލަތައް އުފަން ކުރުވައި ގަސްދުގައި ރައީސް ޔާމީނަށް ސަރުކާރުން އަނިޔާ ކުރަމުން ގެންދާ ކަމަށް ވެސް އަދުރޭ ވިދާޅުވިއެވެ.
އަދުރޭ މިހެން ވިދާޅުވެފައިވާއިރު އެމްއެމްޕީއާރްސީ ގެ ޚިޔާނާތާއި ގުޅޭ މަނީ ލޯންޑަރިންގެ މައްސަލައިގައި ކުރީގެ ރައީސް ޔާމީން ވަނީ ފަސް އަހަރަށް ޖަލަށް ލާފައެވެ. އަދި މިޚިޔާނާތުގައި ބައިވެރިވި ކަމަށާއި ގިނަ ދައުވާތަކަކަށް އަމިއްލައަށް އިއުތިރާފު ވެސް ވެފައިވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރްސީގެ ކުރީގެ އެމްޑީ ޢަބްދުﷲ ޒިޔަތަށް ވަނީ ދައުލަތުން އެދިފައިވާ ގޮތަށް ހުކުމެއް ކުރުމަށް ފަހު ގެއަށް ބަދަލުކޮށްފަ އެވެ.
އަދީބާއި ޒިޔަތު ގޭބަންދަށް ބަދަލު ކޮށްފައިވާއިރު، ރައީސް ޔާމީން ގެ މައްޗަށް ވަނީ އިތުރު ދައުވާތަކެއް ވެސް އުފުލާފައެވެ.