"ޗައްޑާ، ނައްޑާ، ފައްޑާ، ބައްދާ": ބީޖޭޕީ ގެ ޗީފަށް މަމަތާ ބެނަރޖީ ޖޯކު ޖަހައިފި!
ކަލަކަޓާ: ބެންގާލް ގެ ޗީފް މިނިސްޓަރ މަމަތާ ބެނާޖީ މއެޤައުމުގެ ބީޖޭޕީގެ ޗީފް ޖޭޕީ ނައްޑާއަށް މިއަދު ޖޯކު ޖަހައިފިއެވެ.
ބެންގާލަށް ކުރި ދަތުރުގައި ބީޖޭޕީގެ ޗީފް ނައްޑާގެ ކާރަށް ބަޔަކު ހަމަލާ ދިންކަމަށް ބުނެ ފެންމަތިވެފައިވާ މައްސަލައަށް އިޝާރާތް ކުރައްވަމުން މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަ ދައްކަމުން މަމަތާ ބުނީ މުޅި ސަރުކާރުގެ ސެކިއުރިޓީ ބީޖޭޕީއަށް ލިބިފައިވާއިރު، އެޕާޓީގެ ޗީފުގެ ކާރަށް ދިން ހަމަލާ ދިފާޢު ނުކުރެވުމަކީ ސުވާލު އުފެދޭ ކަމެއް ކަމުގައެވެ. އަދި އެއީ ބަޔަކު "ރާވައިގެން" ދިން ހަމަލާއެއް ކަމަށް ވެސް މަމަތާ ވަނީ ޝައްކު ކޮށްފައެވެ.
"އެތަނުގައި ހަމަލާއެއް ހިނގިނަމަ، ސުވާލަކީ 50 އެއްހާ ކާރުގައި އައި ސެކިއުރިޓީ އަށް އެހަމަލާ ނުފެނުނީ ކީއްވެހޭ؟ އެމީހުންނަށް އެހަމަލާ ދިފާޢު ނުކުރެވުނީ ކީއްވެހޭ؟ ސައި ވިއްކާ ފިހާރައެއް ކުރިމަތީގައި މިހާދިސާ ހިނގި ކަމަށް ބުނާއިރު، މިކަން ޤަބޫލެއް ނުކުރެވޭ. ނައްޑާއާއެކު އައި މީހަކު ރުޅި އައިސްގެން އެކަކު އަނެކާ ޖެހުނު މައްސަލައެއްގައި ކާރަށް ގެއްލުންވީ ކަމަށް ވެދާނެ. ނޫނީ ތިއީ ރޭވުމެއް. ތިހެން ހަދާހާ ދޮގުތަކެއް ދެނެއް އަހަރުމެން ޤަބޫލެއް ނުކުރާނަން" މަމަތާ ބުނެފަައިވެއެވެ.
ރިޕޯޓުތަކުން ބުނާ ގޮތުގައި މިހާދިސާ ހިނގާފައި ވަނީ މިއަދު މެންދުރުގެ ވަގުތެއްގައެވެ.
"ޗައްޑާ، ނައްޑާ، ފައްޑާ، ބައްދާ، ކޮންމެ ނަމަކަސް. ތިޔަ ހަދަނީ ދޮގެއް. އަހަރެމެން ނުކުރާ ކަމެއްގެ ޒިންމާއެއް ނުނަގާނަން. ބައިވަރު ކޮމާންޑަރުންނާ އެއްކޮށް އުޅޭ މީހެއްގެ ކާރުގައި މީހަކަށް އަތް ލެވިދާނެޔޭ ކާކު ޤަބޫލު ކުރާނީ؟ ނައްޑާގެ ސެކިއުރިޓީ ބަލަހައްޓާ މީހުން ތިބެނީ ވެސް ބަޑި ހިފާފަ" ވަރަށް ބޮޑަށް ނުރުހުމާއެކު މަމަތާ ބުނެފައިވެއެވެ.