ކެބިން ކްރޫއިންނަށް ނެޕީ ޖަހަން މަޖުބޫރު ކުރަނީ

ޗައިނާގައި ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން ކެބިން ކްރޫއިންނަށް ނެޕީ ޖަހަން ޖެހޭ ގޮތަށް ނިންމައިފިއެވެ.
ރިޕޯޓުތައް ބުނާ ގޮތުގައި ޗައިނާގެ އޭވިއޭޝަން ރެގިއުލޭޓަރީ ބޯޑުން މިގޮތަށް ނިންމާފައި ވަނީ ކެބިން ކްރޫއިން އާންމު ފާޚާނާތައް ބޭނުން ކުރުން ހުއްޓުވުމުގެ ގޮތުންނެވެ.
ސިއްހީ މާހިރުން ބުނާ ގޮތުގައި އާންމު ފާޚާނާތަކަކީ ކޮރޯނާ ވައިރަސް ފެތުރުމުގައި އިސް ދައުރެއް އަދާކުރާ އެއްތަނެވެ.
ޗައިނާގެ ސިވިލް އޭވިއޭޝަން އެޑްމިނިސްޓްރޭޝަން އިން ނެރެފައިވާ ބަޔާނުގައި ބުނެފައިވާ ގޮތުގައި ކޮންމެހެން ޒަރޫރީ ހާލަތުގައި މެނުވީ ކެބިން ކްރޫއިން ފާޚާނާ ކުރުން މަދުކުރުމުގެ ގޮތުން، ކެބިން ކްރޫއިން ޑިސްޕޮސަބަލް ނެޕީ ބޭނުން ކުރުމަށް އެ އިދާރާއިން ވަނީ ނިންމާފައެވެ.
މި ބަޔާނުގައި ބުނެފައިވާ ގޮތުގައި ކެބިން ކްރޫއިންނަށް ނެޕީގެ އިތުރުން، ފޭސްމާސްކާއި އެއްފަހަރު ބޭނުންކޮށްފައި އެއްލާލެވޭ ފަދަ އަންގީގެ އިތުރުން ގޮގުލްސް އާއި ބޫޓު ކަވަރު ބޭނުން ކުރުމަށް ވެސް ވަނީ އަންގާފައެވެ.