ރާއްޖޭގައި ލަންކާ މުސްލިމުން ވަޅުލުމުގައި ޒައިދުގެ ބަސް: އެހީވެވެން އޮއްވާ މުސްލިމުން އަންދަން ދޫކޮށްލެވިގެން ނުވާނެ
ރާއްޖޭގައި ލަންކާގެ މުސްލިމުން ވަޅުލައި ،އެ މުސްލިމުންނަށް އެހީވުމުގެ ފުރުސަތު އޮއްވާ އެ މުސްލިމުންގެ ހަށިތައް އަންދަން ދޫކޮށްލެވިގެން ނުވާނެ ކަމަށް ޝެއިޚް އަލީ ޒައިދު ވިދާޅުވެއްޖެއެވެ.
ޒައިދު މިހެން ވިދާޅުވެފައި މިވަނީ އަވަށްޓެރި ޝްރީލަންކާގައި ކޮވިޑް-19 ގެ ބަލިމަޑުކަމުގައި މަރުވާ މުސްލިމުން، އެޤައުމުގައި ވަޅުލެވޭނެ ގޮތެއް ނެތިގެން ރާއްޖޭގައި ވަޅުލައިދިނުމަށް ޝްރީލަންކާގެ ރައީސް ގޯޓާބަޔާ ރާޖަޕަކްސާ، ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙު އަރިހުން އެދިވަޑައިގެންފައި ވަނިކޮށެވެ. ލަންކާގެ ރައީސްގެ އެދިވަޑައިގަތުމުގެ މަތިން ރާއްޖޭ ސަރުކާރުން ދަނީ އެކަމާ ގުޅޭގޮތުން މަޝްވަރާތައް ކުރައްވަމުންނެވެ.
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މިކަމަށް ދެކޮޅު ހައްދަވާފައިވާއިރު، އަލީ ޒައިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ލަންކާގައި އެގައުމުގައި މަރުވާ މުސްލިމުން ވަޅުލެވޭނެ ގޮތެއް ނެތުމުން، އެކަމުގައި ރާއްޖޭގެ އެހީއަށް އެދުމަކީ ބަޔަކު ކަންބޮޑުވާން ޖެހޭ ކަމެއް ނޫން ކަމަށާއި އެއީ އުފާ ކުރަން ޖެހޭ ކަމެއް ކަމަށެވެ.
ޝެއިޚް އިތުރަށް ވިދާޅުވީ މިކަމާ ކަންބޮޑުވެ، އެކަމުގައި ޝަރުއީ މައްސަލަތަކެއް ނެތް ކަމަށް ބުނާތީ ހަމަ ހައިރާން ވެއްޖެކަމަށެވެ.
"އަޅުގަނޑު ދެކެނީ މިފަދަ ހާލަތެއް ގައި، ރާއްޖެ ފަދަ އިސްލާމީ ގައުމަކަށް ލަންކާގެ މުސްލިމުންނަށް އެހީވުން ވާޖިބުވާނެ ކަމަށް. އެހީވެވެން އޮއްވާ އެ މުސްލިމުން އަންދަން ދޫކޮށްލެވިގެން ނުވާނެ ،މިއީ އިސްލާމީ އުޚުއްވަތްތެރިކަމުގެ ގޮތުން ވާޖިބު ވާނެ ކަމެއް. ޝައްކެއް ވެސް ނެތް" ޝެއިޚް ކުރެއްވި ޓްވީޓުގައި ވިދާޅުވިއެވެ.
މިކަމާ ގުޅޭގޮތުން ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކޮވިޑް-19 ޖެހިގެން ލަންކާގައި މަރުވާ މުސްލިމުންނަށް އިސްލާމީ އުސޫލުތަކާ އެއްގޮތަށް ޖަނާޒާގެ ކަންތައްތައް ފުރިހަމަ ކުރުމަށް ލަންކާ ސަރުކާރަށް ދަތިތަކެއް ކުރިމަތިވެފައި ވާތީ، ރާއްޖޭގައި ލަންކާގެ މިފަދަ މުސްލިމުންނަށް ޖަނާޒާގެ ކަންތައްތައް ހަމަޖައްސައިދިނުމަށް އެހީތެރިކަން ހޯދުމަށް އެގައުމުގެ ރައީސް ރާޖަޕަކްސަ، ރައީސް އިބްރާހިމް މުހައްމަދު ޞާލިޙަށް ސިޓީއެއް ފޮނުއްވާފައިވާ ކަމަށެވެ.
ދެޤައުމުގެ ރަޙްމަތްތެރިކަމުގެ އިތުރުން އިސްލާމީ އުޚުވަތްތެރިކަން ދެމެހެއްޓުމުގެ ނިޔަތުގައި، ލަންކާ ސަރުކާރުގެ އެދުމާ އެއްގޮތަށް އިންތިޒާމް ކުރެވޭނެ ގޮތެއް އޮތްތޯ ބެލުމަށް ރައީސް ޞާލިހު ގެންދަވަނީ ސަރުކާރުގެ ކަމާ ބެހޭ އިދާރާތަކުގެ މެދުގައި މަޝްވަރާ ކުރައްވަމުން ކަމަށް އެ މިނިސްޓްރީން އިތުރަށް ބުންޏެވެ.