ޚަބަރު

ކޮވިޑް ޖެހިގެން ނިޔާވާ މުސްލިމުންގެ ހަށިތައް އެންދުން ލަންކާއިން ހުއްޓާލައިފި

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

ކޮވިޑް-19 ޖެހިގެން މަރުވާ މުސްލިމުންގެ ހަށިތައް އެންދުން ހުއްޓާލަން ލަންކާއިން ނިންމައިފިއެވެ.

Ads by MWSC

މުސްލިމުންގެ ހަށިތައް އެންދުން ވަގުތީ ގޮތުން ހުއްޓާލާފައިވާ ކަން ހާމަކޮށްފައި ވަނީ އެގައުމުގެ ޕަބްލިކް ހެލްފް އިންސްޕެކްޓަރުންނެވެ.

އެގޮތުން ކޮވިޑު ޖެހިގެން މަރުވާ މުސްލިމުންގެ އާއިލާގެ ހުއްދައާ ނުލައި އެމީހުންގެ ހަށިގަނޑު އެންދުން ހުއްޓާލުމަށް ކޮލަމްބޯ މުނިސިޕަލް ކައުންސިލް (ސީއެމްސީ)އަށް މިހާރު އަންގާފައިވާ ކަމަށް ވެސް ޕަބްލިކް ހެލްތް ސެންޓަރުން ވަނީ ބުނެފައެވެ.

ލަންކާ ސަރުކާރުން ބުނެފައިވާ ގޮތުގައި އަންދާފައި ވަނީ ކޮވިޑް-19 ޖެހިގެން މަރުވި މީހުންގެ ތެރެއިން އާއިލާއިން ހަވާލު ނުވި މީހުންގެ ހަށިތަކެވެ.

ނަމަވެސް އާއިލާގެ ނުގަބޫލުގައި އަންދާލި 20 ދުވަހުގެ ތުއްތު ކުއްޖެއްގެ މައްސަލައެއް ވެސް ވަނީ ފެންމަތިވެފައެވެ.

ކޮވިޑް ބަލީގައި މަރުވާ މީހުން އެންދުމަށް ލަންކާއިން ނިންމުމާ ގުޅިގެން ގިނަ ބަޔަކު އަންނަނީ އެކަމާ ނުރުހުން ފާޅު ކުރަމުންނެވެ.

ލަންކާ ސަރުކާރުން މަރުވާ މުސްލިމުން އަންދާލުން ވަގުތީ ގޮތުން ހުއްޓާލާފައިވާއިރު، ކޮވިޑް-19 ޖެހިގެން ލަންކާގައި މަރުވާ މުސްލިމުން ރާއްޖޭގައި ވަޅުލައި ދިނުމަށް ލަންކާ ސަރުކާރުން ވަނީ އެދިފައެވެ.

ކޮވިޑްގެ ބަލިމަޑުކަމުގައި މަރުވާ މުސްލިމުން، އެޤައުމުގައި ވަޅުލެވޭނެ ގޮތެއް ނެތިގެން ރާއްޖޭގައި ވަޅުލައިދިނުމަށް ޝްރީލަންކާގެ ރައީސް ގޯޓާބަޔާ ރާޖަޕަކްސާ، ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙު އަރިހުން އެދިވަޑައިގެންފައިވާއިރު ލަންކާގެ ރައީސްގެ އެދިވަޑައިގަތުމުގެ މަތިން ރާއްޖޭ ސަރުކާރުން ދަނީ އެކަމާ ގުޅޭ ގޮތުން މަޝްވަރާތައް ކުރައްވަމުންނެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!