ރާއްޖެއިން ބޭރުން އަންނަ ދިވެހިންނާއި ވޯކް ވިސާގައި އަންނަ ފަރާތްތައް ކަރަންޓީނުވާން ނުޖެހޭ ގޮތަށް ހަދައިފި

ރާއްޖެއިން ބޭރުން އަންނަ ދިވެހިންނާއި ރާއްޖެއަށް ވޯކް ވިސާގައި އަންނަ ބިދޭސީން ކަރަންޓީނު ވާން ނުޖެހޭ ގޮތަށް ނިންމައިފިއެވެ.
އެޗްޕީއޭއިން މިއަދު ވަނީ ކޮވިޑް-19 އާ ގުޅިގެން އަޅާފައިވާ ބައެއް ފިޔަވަޅުތަކަށް ބަދަލު ގެނެސްފައެވެ.
އެގޮތުން ރާއްޖެއަށް ދެން ދަތުރުކުރާ ދިވެހިންނާއި ވޯކް ވިސާގައި ދަތުރު ކުރާ ފަރާތްތައް ދަތުރުކުރުމުގެ ކުރިން 96 ގަޑިއިރު ނުވާ ޕީސީއާރް ކޮވިޑަށް ނައްސި ޓެސްޓެއް އޮންނަން ޖެހެއެވެ.އަދި ނައްސި ޕީސީއާރު ޓެސްޓަކާއެކު މާލެ ސަރަހައްދަށް އަންނަ މި ފަރާތްތައް ކަރަންޓީނު ވާން ނުޖެހޭނެ ކަމަށް ވެސް އެޗްޕީއޭއިން ބުނެއެވެ. ނަމަވެސް މާސްކު އަޅައި ރައްކާތެރިވެ، 10 ދުވަސް ވަންދެން ގޭގައި އެކަހެރި ވުމަކީ އެންމެ އެދެވިގެންވާ ގޮތް ކަމުގައި އެޗްޕީއޭއިން ބުނެއެވެ.
މިގޮތަށް ކަނޑައެޅި ނަމަވެސް ރާއްޖެ އައިސް ރަށް ރަށަށް ދަތުރު ކުރާ ފަރާތްތަކާއި މާލެ ސަރަހައްދަށް އަންނަ ސިއްހީ ދާއިރާއާއި ތައުލީމީ ދާއިރާގެ އިތުރުން ދައުލަތުގެ މީހުން ބަލަހައްޓާ މަރުކަޒުތަކުގައި މަސައްކަތް ކުރާ މުވައްޒަފުން 10 ދުވަހަށް ކަރަންޓީނުވާން ޖެހޭނެއެވެ. މި ފަރާތްތައް ކަރަންޓީނުން ދޫކޮށްލެވޭނީ 10 ދުވަހަށް ފަހު ކޮވިޑަށް ޓެސްޓުކޮށް، ނަތީޖާ ނައްސިވުމުންނެވެ.