ބޭރުގެ އިތުރު ޑިޖިޓަލް ވޮލެޓުތައް ބީއެމްއެލްއިން ބްލޮކްކޮށްފި
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ބޭރުގެ ބައެއް ފޮރިން ކަރަންސީ ވޮލެޓުތައް އަނެއްކާ ވެސް ބްލޮކް ކޮށްފިއެވެ.
ބީއެމްއެލް އިން ހާމަކޮށްފައިވާ ގޮތުގައި މިއީ މިދުވަސްވަރު ރާއްޖެއަށް ޑޮލަރު ލިބުން ދަތިވެފައިވުމާއެކު ރާއްޖެއިން ޑޮލަރު ބޭރުވާ މިންވަރު މަދު ކުރުމަށް ޓަކައި އަޅާފައިވާ ފިޔަވަޅެކެވެ.
އެގޮތުން މިއަދުން ފެށިގެން ބޭރުގެ ބައެއް އޮންލައިން މަނީ ޓްރާންސްފާ އަދި ޑިޖިޓަލް ވޮލެޓް ހިދުމަތްތަކުގައި އެ ބޭންކުގެ ކާޑުތަކުން މުއާމަލާތް ނުކުރެވޭނެ ކަމަށް ބީއެމްއެލް އިން ބުނެފައިވެއެވެ. އެބޭންކުން ބްލޮކް ކުރި ޑިޖިޓަލް ވޮލެޓުތަކުގެ ތެރޭގައި ސްކްރިލްއާއި ޓްރާންސްފާވައިސް ވެސް ހިމެނެއެވެ.
ބީއެމްއެލްއިން ބުނެފައި ވަނީ މިގޮތަށް ޑިޖިޓަލް ވޮލެޓްތައް ބްލޮކްކުރި ނަމަވެސް ބްލޮކްކުރާ ޑިޖިޓަލް ވޮލެޓުތަކުން އެކައުންޓަށް ފައިސާ ޖަމާ ކުރެވޭނެ ކަމަށެވެ.
މިކަމުގެ ސަބަބުން ކަސްޓަމަރުންނަށް އިތުރު ލިޔެއް ދިނުމުގެ ގޮތުން 500 ޑޮލަރަށް ވުރެ ކުޑަ ރެމިޓެންސްތަކުން އެއްވެސް ފީއެއް ނުނަގާނެ ކަމަށް ވެސް ބީއެމްއެލްއިން ބުނެފައިވެއެވެ.
މީގެއިތުރުން އެބޭންކުން ބުނެފައި ވަނީ މިކަން ތަންފީޒު ކުރުމަށްޓަކައި ބޭރުގެ ޓްރާންސެކްޝަންތަކަށް ބީއެމްއެލްގެ ކާޑު ބޭނުން ކޮށްގެން ކުރާ މުއާމަލާތްތައް ގަވާއިދުން ބަލައި، ބްލޮކް ކުރަން ޖެހިއްޖެ ހާލަތެއްގައި އިތުރު އެންގުމަކާ ނުލައި އެ ފިޔަވަޅު ވެސް އަޅާނެ ކަމަށެވެ.
މިނިންމުމާ ބެހޭ އިތުރު މައުލޫމާތު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އާއި ސަރުކާރުގެ ގުޅުންހުރި އިދާރާތަކާ ހިއްސާ ކޮށްފައިވާނެ ކަމަށް ވެސް ބީއެމްއެލްއިން ބުނެފައިވެއެވެ.