ކޮވިޑް-19: ކުރިން ބަލި ޖެހިފައިވާ ކަމުގެ 5 އަލާމާތެއް
ކޮވިޑް-19 ގެ އަލާމާތްތަކަކީ އެހެނިހެން ރޯގާތަކާ ވައްތަރު އަލާމާތްތަކެއް ކަން ގިނަ ބަޔަކު ފާހަގަކުރެއެވެ. ބައެއް އަލާމާތްތައް އާންމު ރޯގާ އާ ހުމާ ވައްތަރުވުމުގެ ސަބަބުން އެމީހަކަށް ބަލި ޖެހުނު ކަން ނޭނގި ބަލިން ރަނގަޅުވެފައި ވެސް އެބަހުއްޓެވެ. އަދި ބަލީގެ އެއްވެސް އަލާމާތެއް ނުފެނި ބަލި ޖެހި ރަނގަޅުވެފައިވާ މީހުން ވެސް މަދެއް ނޫނެވެ.
ދާދި ފަހުން ކްލިނިކަލް އެންޑް ޓްރާންސްލޭޝަނަލް ނިއުރޮލޮޖީގައި ޝާއިއުކޮށްފައިވާ ދިރާސާއަކުން ވަނީ ކޮވިޑް-19 ބެލި ޖެހުމަށް ފަހު ރަނގަޅުވުމުން އާންމުކޮށް ފެންނަ 5 އަލާމާތެއް ފާހަގަކޮށްފައެވެ. މި ދިރާސާގައި 400 އަށް ވުރެ ގިނަ މީހުން ބައިވެރިވި އިރު އޭގެ ތެރެއިން 87 އިންސައްތަ މީހުންގެ ގައިން ވަނީ މި އަލާމާތްތައް ފެނިފައެވެ.
- ބޮލުގައި ރިހުން
ބޮލުގައި ރިހުމަކީ ވަރަށް އާންމު އަލާމާތެކެވެ. ސީޑީސީން ވަނީ ބޮލުގައި ރިހުން ކޮވިޑް-19ގެ އެންމެ އާންމު އަލާމާތް ގެ ގޮތުގައި ފާހަގަކޮށްފައެވެ. އެގޮތުން ކޮވިޑުން ރަނގަޅުވުމަށް ފަހުގައި ވެސް ކުދި ބޮލުގައި ރިހުންތަކުން ފެށިގެން ގޮސް ކެތް ނުވާ މިންވަރަށް ވެސް ބޮލުގައި ރިހޭ ކަމަށް މި ދިރާސާގައި ފާހަގަ ކޮށްފައި ވެއެވެ.
- ގައިގައި ރިހުން
ގައިގައި އަދި ވަކިން ހާއްސަކޮށް މަސްގަނޑުގައި ރިހުމަކީ ވެސް ކޮވިޑް-19ގެ އެއް އަލާމާތެވެ. އަދި މިއީ ބަލި ޖެހުމަށް ފަހު ރަނގަޅުވުމުން ވެސް ހުންނަ އަލާމާތެކެވެ. ދިރާސާގައި ބައިވެރިވި 44 އިންސައްތަ މީހުންގެ ގައިން ވަނީ މި އަލާމާތް ފެނިފައެވެ.
- ވާނުވާ ނޭނގުން
ވާނުވާ ނޭނގުން ނުވަތަ ބްރެއިން ފޮގް އަކީ ވެސް ކޮވިޑް-19 ގެ ސަބަބުން ކުރިމަތިވާ އަލާމާތެކެވެ. މި ދިރާސާގެ މުއްދަތުގައި 31 އިންސައްތަ މީހުން ވަނީ މިކަމާ ކުރިމަތިލާފައެވެ.
- ރަހަ ނުލުމާ ވަސް ނުދުވުން
މިއީ ކޮވިޑް-19 ފާހަގަވާ އެންމެ އާންމު އެއް އަލާމާތެވެ. އަދި ބަލި ޖެހި ރަނގަޅުވުމަށް ފަހުގައި ވެސް މި އަލާމާތް ދެމި ހުންނަ ކަމަށް މީގެ ކުރީގެ ދިރާސާތަކުން ވެސް ދައްކާފައިވެއެވެ.
- ލޮލުގައި ރިހުން
މި ދިރާސާގައި ބައިވެރިވި 90 އިންސައްތައަށް ވުރެ ގިނަ މީހުންގެ ކިބައިން މި އަލާމާތް ވަނީ ފެނިފައެވެ. ނަމަވެސް މިއީ ގިނައިރު ސްކްރީނު ބޭނުން ކުރުމުގެ ސަބަބުން ކުރިމަތިވެދާނެ އަލާމާތެއް ކަން ވެސް ފާހަގަކޮށްލަން ޖެހެއެވެ.
މިއިން އެއްވެސް އަލާމާތެއް ފެނިއްޖެ ނަމަ އެންމެ އެދެވޭ ގޮތަކީ ލަސްނުކޮށް ސިއްހީ ފަރުވާ ހޯދުމެވެ.