ޚަބަރު

"ޤާނޫނީ ވަކީލުންނާއި ބައްދަލު ކުރުން ވެސް ރައީސް ޔާމީނަށް މިއޮތީ ހަނގުރާމައެއް ކުރުންފަދަ ކަމަކަށްވެފައި"

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

މަނީ ލޯންޑަރިންގެ މައްސަލައަކާ ގުޅިގެން ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ޤާނޫނީ ވަކީލުންނާއި އެމަނިކުފާނާ ބައްދަލު ކުރުން ވެސް މިވަނީ ހަނގުރާމަައެއް ކުރުންފަދަ ކަމަކަށް ވެފައި ކަމަށް އެމަނިކުފާނުގެ ޤާނޫނީ ވަކީލުންގެ ޓީމުގައި އެންމެ އިސްކޮށް ހިމެނި ވަޑައިގަންނަވާ ކުރީގެ ނައިބު ރައީސް ޑރ. މުޙައްމަދު ޖަމީލު އަޙްމަދު ވިދާޅުވެއްޖެއެވެ.

Ads by STELCO

ރައީސް ޔާމީން އާއި އެމަނިކުފާނުގެ ޤާނޫނީ ވަކީލުންނާ ދެމެދު ބައްދަލުވުންތައް ބޭއްވުމުގައި ދަތިތަކަކާ ކުރިމަތިވަމުން އަންނަ ކަމަށް ޑރ. ޖަމީލު ވަރަށް ފަހުން ވެސް ވަނީ ވިދާޅުވެފައެވެ. އެގޮތުން މިމަހުގެ 15 ވަނަ ދުވަހު ރައީސް ޔާމީންގެ ވަކީލުންގެ ޓީމުން ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑރ. ޖަމީލު ވަނީ، ރައީސް ޔާމީން ގެ ޝަރީއަތަށް ނުފޫޒު ފޯރުވާ، ސިޔާސީ ބަދަލު ހިފުމެއްގެ ގޮތުން ދައުވާ ކުރަމުންދާކަމަށް ވިދާޅުވެ ހޯމް މިނިސްޓަރު އިމްރާން ޢަބްދުﷲ އަށާއި ޕްރޮސެކިޔުޓާ ޖެނެރަލް (ޕީޖީ) ހުސެއިން ޝަމީމް އަށް ފާޑު ވިދާޅުވެފައެވެ.

އެއަށްފަހު މިއަދު ޑރ. ޖަމީލު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ޤާނޫނީ ވަކީލުންނާ ބައްދަލުވުން ވެސް ރައީސް ޔާމީނަށް މިއޮތީ ހަނގުރާމައެއް ކުރުން ފަދަ ކަމަކަށްވެފައި ކަމަށެވެ.

"މި މަހު 6 ގައި ކޯޓް އަޑުއެހުމަށްފަހު ސަރުކާރުން ކުރިމަތިކުރި ޣައިރުޤާނޫނީ ހުރަސްތަކަށްފަހު މިއަދު ވަނީ އަލުން ބައްދަލުވުންތައް ފެށިފައި. މިވަރު ވީމާ ޑިމޮކްރެސީގެ ނަމަށް ވެސް ހުތުރު" ޑރ. ޖަމީލު ވިދާޅުވިއެވެ.

ރައީސް ޔާމީނާއި އެމަނިކުފާނުގެ ޤާނޫނީ ވަކީލުން ބައްދަލު ކުރުމުގެ ފުރުސަތު މިއަދު ދެއްވާފައިވާއިރު، މިދިޔަ ނޮވެމްބަރު މަހުގެ 26 ވަނަ ދުވަހު ބޭއްވި ޝަރީޢަތުގެ އަޑުއެހުމެއްގައި ޑރ. ޖަމީލު ވަނީ، މާފުށީ ޖަލުގައި އެމަނިކުފާނާ މީގެ ކުރިން ޤާނޫނީ ވަކީލުން ބައްދަލު ކުރެއްވިއިރު މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ފޯރުކޮށްދިން ލެޕްޓޮޕެއް ބަގް ކޮށްފައިވާ ކަމަށް ތުހުމަތު ކުރައްވާފައެވެ.

އެގޮތުން ޑރ، ޖަމީލު ވިދާޅުވީ މާފުށީ ޖަލަށް ވަކީލުން ވަޑައިގެން ރައީސް ޔާމީނާ ބައްދަލު ކުރެއްވި ދުވަހެއްގައި ކަރެކްޝަންސް އިން ދިން ލެޕްޓޮޕް ބޭނުން ކުރަމުން ދަނިކޮށް އެ ލެޕްޓޮޕުން އެ ބޭފުޅުން ބޭނުން ކުރަމުން ނުދާ ފައިލްތަކެއް ލޯޑްވި ކަމަށެވެ. އެހެންކަމުން އެލެޕްޓޮޕް ވަނީ ބަގް ކޮށްފައި ކަަމަށް ވަރަށް ބޮޑަށް ބެލެވޭ ކަމަށް ވެސް ޝަރީޢަތުގެ މަޖިލީހުގައި އެދުވަހު ޑރ. ޖަމީލު ވިދާޅުވިއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!