ޚަބަރު

ފްލައިންގ ސްކޫލުން ދަރިވަރުން ވަކިކުރަން ފޮނުވި ނޯޓިސް ބާތިލު ކުރަން އަންގައިފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

އައްޑޫ ސިޓީގައި ހިންގަމުން އަންނަ ފްލައިން ސްކޫލުގައި ކިޔަވަމުން އަންނަ ދަރިވަރުން އެކޯހުން ވަކިކުރުމަށް ފޮނުވި ނޯޓިސް ބާތިލު ކުރުމަށް އަންގައިފިއެވެ.

Ads by STELCO

މިކަމާ ގުޅޭގޮތުން ސިވިލް އޭވިއޭޝަން މިނިސްޓްރީން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އައްޑޫ ފްލައިންގ ސްކޫލުން މިހާތަނަށް ވަކި ކުރުމަށް ނޯޓިސް ދީފައިވާ ހުރިހާ ދަރިވަރުންގެ ނޯޓިސް ބާތިލު ކުރުމަށް އަންގާފައިވާ ކަމަށާއި އެގޮތަށް ސްކޫލުން ޢަމަލުކޮށްފައި ނުވާނަމަ އެކަން ސިވިލް އޭވިއޭޝަން އޮތޯރިޓީއަށް ރިޕޯޓު ކުރުމަށެވެ.

މިނިސްޓްރީން އަންގާފައި ގޮތާ ޚިލާފުވެގެން ހުށަހަޅާ ހުރިހާ ރިޕޯޓެއް ބަލާނެ ކަމަށާއި ދަރިވަރުންގެ އަތުން ޑޮލަރުން ފީ ނެގުމަކީ ރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތައް ތަންދޭ ކަމެއް ނޫން ކަމަށް އެބަޔާނުގައި ބުނެފައިވެއެވެ. އަދި ރާއްޖޭގެ ކަމާބެހޭ ގަވާއިދުތަކާއި އުސޫލުތަކަށް އަމަލުކުރުމަށް ފްލައިންގ ސްކޫލަށް އަންގާފައިވާ ކަމަށް ވެސް ބަޔާނުގައި ބުނެފައިވެއެވެ.

މީގެއިތުރުން އޭވިއޭޝަން މިނިސްޓްރީން ބުނެފައި ވަނީ ދަރިވަރުންގެ ތަމްރީނުތައް ޝެޑިއުލްކުރެވެމުންދާ ގޮތާއި ތާވަލު އާންމުކޮށް ފެންނަން ހުންނާނޭ ގޮތަށް ޕަބްލިޝް ކުރުމަށް ވެސް އަންގާފައިވާ ކަމަށެވެ. މިގޮތުން، ދަރިވަރުންގެ ގައުމާއި ނަސްލުގެ ސަބަބުން ތަފާތުކުރުން ގެންގުޅޭ ނަމަ، އެކަން ސިވިލް އޭވިއޭޝަން އޮތޯރިޓީއަށް ރިޕޯޓުކުރަމުން ގެންދިއުމަށް ދަރިވަރުންނަށް އިލްތިމާސް ކުރަމުން އެމިނިސްޓްރީން ބުނީ، އެއީ ސިވިލް އޭވިއޭޝަން އޮތޯރިޓީން ކަންކަމުގައި ފިޔަވަޅު އަޅަން ޖެހޭނީ ވަކި އިޖުރާޢަތުތަކެއް ފުރިހަމަކުރުމާއެކު އޮބްޖެކްޓިވް އެވިޑެންސްގެ މައްޗަށް ބިނާކޮށް ކަމުގައި ވާތީ ކަމަށެވެ.

 

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!