ނައްބެ: އުކާލެވޭ ތަކެތިން ވެސް ހީނުކުރާފަދަ ރީތި ތަކެތި އުފައްދާ ކުޅަދާނަ ހުނަރުވެރިއެއް!
އަހަރުމެންގެ ތެރޭގައި ގިނައީ އިތުރުވެފައި ހުންނަ ކަރުދާހާއި، ފޮށްޓާއި، ނަނު އަދި ހުސްފުޅިފަދަ ތަކެތި އޭގެ އިތުރު ބޭނުމެއް ނުކުރެވޭނެ ކަމަށް ހީކޮށް އުކާލާ މީހުންނެވެ. އުކާލެވޭ އެއްޗަކުން އެއްޗެއް ހަދަން ވިސްނާލިޔަސް އަހަރެމެންގެ ތެރެއިން ގިނަ މީހުންގެ ސިކުނޑިއަށް އަންނަނީ ތަންކޮޅެއް ކުރީ ޒަމާނުގައި، ބްލީޗް ހުސްކުރި ފުޅިން ހަދާ އުޅުނު ބައްތިއެއް އެކަންޏެވެ. ނަމަވެސް މިފަހަރު މިދައްކަނީ އެކަހަލަ ހުރިހާ އެއްޗަކުން ވެސް ބޭނުމެއް ހިފޭ ފަދަ، ނުވަތަ ކޮޓަރީގައި ބައިންދާލާނެ ރީތި އެއްޗެހިވެސް ތައްޔާރު ކުރުމުގެ ހުނަރު ލިބިގެންވާ ވަރަށް ވެސް ލާމަސީލު ހުނަރުވެރިއެއްގެ ވާހަކައެވެ.
ހދ. ވައިކަރަދޫ އަށް އުފަން އަލީ ނަބީލު (ނައްބެ) އަކީ މިފަދަ މަސައްކަތްތަކަށް އަރާހުރި ފަންނުވެރިއެކެވެ. ހަތަރު ބެއިންގެ އާއިލާއަކަށް ނިސްބަތްވާ އުމުރުން 27 އަހަރުގެ ނައްބެ "ދެން" އަށް ދިން ޚާއްސަ ބަސްދީގަތުމެއްގައި ބުނީ، އޭނަ މިފަދަ މަސައްކަތްތައް އެންމެ ފުރަތަމަ ފެށީ ހޮބީއެއްގެ ގޮތުގައި ކަމަށެވެ. ފަހުން ގާތްމީހުންގެ އެދުމުގެ މަތިން އެމީހުންނަށް މެމޮރީ ބުކް އާއި، ގިފްޓް ބޮކްސް، ގެސްޓްބުކް، އަދި ގޭމް ފަދަ ތަކެތި ހަދައި ދިނެވެ. މީގެއިތުރުން ކުޑަދޮރުގެ ބައިންޑްތަކެއް ބޭނުން ކޮށްގެން ވަށިގަނޑަކާއި މޭޒުމަތީގައި ބަހައްޓާ ބައްތިއެއް ވެސް ހަދާފައިވާއިރު، ރަގަކާއި މިނޫންވެސް މިފަދަ އެއްޗެހި އޭނާ ވަނީ ހަދާފައެވެ.


މިފުރަބަންދާއި ދިމާކޮށް ގޭގައި އުފެއްދިދާނެ ބައެއް އެއްޗެހި ވެސް ނައްބެވަނީ ފޭސްބުކް މެދުވެރިކޮށް ދައްކާލާފައެވެ. އެގޮތުން އޭނާ ހަދާފައި ވަނީ އުކާލެވޭ ތަކެތި ބޭނުން ކޮށްގެން މިނީ ގިޓާތަކަކާއި ގެފުޅުގެ ބައްޓަމަށް ތައްޔާކޮށްފައިވާ ކޮއިން އަޅަން ބޭނުން ކުރެވިދާނެ އެއްޗެކެވެ.


ނައްބެގެ މިހުނަރުތައް ފެށުނު ގޮތާއި ބެހޭގޮތުން އޭނާ ބުނީ އެއީ އާއިލީ ކަމެއް ކަމަށެވެ. "އާއިލާގަ ވެސް ގިނައީ މިކަހަލަ އެކިއެކި މަސައްކަތްކުރާ ހުނަރުވެރި މީހުން މާޝާ ﷲ. މަންމަ އަކީ ފަހާމީހެއް، އަދި މާ ވެސް ހަދާ މީހެއް. ބައްޕައަކީ ވެލްޑިންގ ކުރާ މީހެއް. ދޮންބެ އައިޓީއަށް ވަރަށް މޮޅު އަދި ދޮންތަ އަކީ ވެސް މަންމަ ގޮތަށް ރީތިކޮށް ފަހާ، ތަފާތު މީރު ކާނާވެސް އަމިއްލައަށް ތައްޔާރުކުރާ މީހެއް. ޚާއްސަކޮށް ކުޑަކުދިންގެ ސިއްޙަތައް ފައިދާކުރާ ތަފާތު ކާނާތައް. ކޭކުވެސް އަޅާމީހެއް. އަނެއްހެން ބުނަންޏާ އަޅުގަނޑު އެންމެ ކުޑައިރުން ފެށިގެން ވެސް ފެންނަމުން އައީ މިކަހަލަ އެކިއެކި މަސައްކަތްތައް ގޭގައި ކުރާތަން. ސްކޫލުން ގެއަށް އަންނައިރުވެސް ގޭތެރެއިން ފެންނަނީ މަންމަމެން ކޮންމެވެސް މަސައްކަތެއްގަ އުޅޭތަން. އެހެންވެ އަމިއްލައަށް ވެސް ޝައުޤުވެރިކަން އުފެދުނީ އެމަސައްކަތްތައް ކުރުމަށް. އެއިރު ސްކޫލުން އައިސްފަވެސް އެހެންވެ ފިލާކޮޅެއް އެއްޗެއް ނަގައިގެން ވެސް ކޮންމެވެސް އެއްޗެއް ތައްޔާރު ކުރަން އުޅެނީ. އެއީ އަސްލު ޝައުގުވެރިކަން އުފެދުނު ގޮތަކީ" ނައްބެ ބުންޏެވެ.

ނައްބެގެ މަސައްކަތްތައް މިއަށްވުރެ ވެސް ފުޅާކުރުމަށް އަޒުމް ކަނޑައަޅަމުން އޭނާ ބުނީ، މިފަދަ މަސައްކަތް ކުރާއިރު އޭނާއަށް ވެސް އެހެން މީހުންނެކޭ އެއްފަދައިން ކުރިމަތިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ އެއްޗެއް ތައްޔާރު ކުރުމަށް ބޭނުންވާ ސާމާނު ރާއްޖެއިން ފަސޭހައިން ނުލިބުން ކަމެވެ. އެހެންކަމުން ފަސޭހައިން އެތަކެތި ލިބޭނޭފަދަ އިންތިޒާމެއް އެހެން މީހުންނަށް ވެސް ހޯދައިދިނުމަށް ނައްބެ އުންމީދު ކުރެއެވެ. އަދި ކުރިއަށް އޮތްތަނުގައި ޕާޓީ ޕްލޭނިންގ ފަދަ މަސައްކަތްތައް ވެސް ކުރުމަށް އޭނާ ވަނީ އަޒުމް ކަނޑައަޅާފައެވެ.

މިފަދަ ބުރަ މަސައްކަތްތަކެއް އެންމެ ފުރިހަމަ ކަމާއެކު ނިންމުމުގައި އެކިގޮތްގޮތުން އެހީތެރިވެދޭނެ ފަރާތްތަކެއް ކޮންމެ މީހެއްގެ ވެސް ތިބޭނެކަން ޔަގީނެވެ. އެގޮތުން ނައްބެގެ ޝުކުރުގެ ލިސްޓުގައި ވެސް އޭނާ ވަނީ ބަޔަކު ފާހަގަ ކޮށްފައެވެ.
"އެންމެ ފުރަތަމަ ވެސް ޝުކުރު އަދާ ކުރަނީ ހެއްދެވި ފަރާތަށް. މިފަދަ ހުނަރެއް އަޅުގަނޑުގެ ކިބައިގައި ލެއްވީތީ ޙަމްދާއި ޝުކުރު އަދާކުރަން އަބަދުވެސް. ދެން ވަރަށް ޚާއްސަ ޝުކުރެއް އަޅުގަނޑުގެ އާއިލާ އަށާއި، އެކުވެރިންނަށް އަދި އަޅުގަނޑުގެ ލޯބިވާ އަނބިމީހާ ނަދާ އަށާއި އޭނާގެ އާއިލާ އަށް ވެސް. މިބުނި އެންމެންނަކީ ވެސް އަޅުގަނޑުގެ މަސައްކަތުގަ ނުހަނު ހިތްވަރުދޭ ބައެއް. އެއްޗެއް ރީތީޔާއި އެވާހަކަ ބުނޭ. އެއެއްޗެއްގަ ރަނގަޅު ކޮށްލަން ކަމެއް އިންހެން ހީވަންޏާ އެވާހަކަވެސް ދިމާލަށް ބުނޭ. ފާޑު ކިޔުމަކީ ވެސް ކުރިއެރުން ދޯ. އެހެންވެ، މިއެންމެންގެ ވެސް ފުރިހަމަ އެއްބާރުލުމާއި، ހިތްވަރާއި، ފާޑުކިޔުމާވެސް އެކީ މިހިސާބަށް މިއާދެވުނީ. ހަގީގަތަށް ބުނަންޏާ ވިޔަފާރިއެއްގެ ގޮތުގަ މިމަސައްކަތް މިފެށުނީ ވެސް އެމީހުންގެ ދުރު ވިސްނުމުގެ ސަބަބުން. ކުރިން މުޅިންވެސް ހިލޭ ސާބަހަށް މިމަސައްކަތްތައް ކޮށްދީ އުޅުނީ. ދެން ގާތް މީހުން ހަމަ ލަފާ ދިނީ، މިއީ ވަރަށް ބުރަ މަސައްކަތަކަށް ވެސް ވާތީ، ވިޔަފާރި އުސޫލުން މިމަސައްކަތް ކުރިއަރުވަން. އެހެންވެ މިއެންމެންނަށް ވެސް ވަރަށް ބޮޑަށް ޝުކުރިއްޔާ." މަސައްކަތް ކުރިއެރިގޮތުގެ ވާހަކައާއެކު ނައްބެ ބުންޏެވެ.