ރައީސް ޔާމީން ވެރިކަން ބަދަލު ވީ ދުވަހު ކީރިތި ކުރެއްވި ސިޔާސީ ލީޑަރުން މި ސަރުކާރުގައި އެބަ ތިބި: ޝަރީފް
ރައީސް ޔާމިން ވެރިކަން ބަދަލު ވީ ދުވަހު ކީރިތި ކުރެއްވި ސިޔާސީ ލީޑަރުން މި ސަރުކާރުގައި އެބަ ތިބި ކަމަށް ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު،މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ.
ޝަރީފް މިހެން ވިދާޅުވެފައި ވަނީ މިއަދު ކުރެއްވި ޓްވީޓެއްގައެވެ. ރައީސް ޔާމިން ވެރިކަން ބަދަލު ވީ ދުވަހު ކީރިތި ކުރެއްވި ސިޔާސީ ލީޑަރުން މި ސަރުކާރުގައި އެބަ ތިބި ކަމަށް ޝަރީފް ވިދާޅުވެފައި މި ވަނީ ރައީސް ޔާމީން ޖަލަށް ލުމަކީ އެދިވަޑައިގެންނެވި ކަމެއް ނޫން ކަމަށާއި އެމަނިކުފާނު ޖަލަށްލީ ދުވަހު އެކަމާ ދެރަވެ ރޮވުނު ކަމަށް އެމްޑީޕީ އާއި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިއްޔެ ވިދާޅުވެފައި ވަނިކޮށެވެ.
ޝަރީފް ވިދާޅުވީ ރައީސް ޔާމިން ޖަލަށް ލީ ދުވަހު ރައީސް ނަޝީދުއަށް ކީރިތި ކުރެވުނު ގޮތަށް ރައީސް ޔާމިން ވެރިކަން ބަދަލު ވީ ދުވަހު ކީރިތި ކުރެއްވި ސިޔާސީ ލީޑަރުން މި ސަރުކާރުގައި އެބަ ތިބި ކަމަށެވެ. އެފަދަ ބަޔަކާ އެކީ ކޯލިޝަން ހެދީ ކީއްވެ ތޯ ޝަރީފް ވަނީ ސުވާލު ކުރައްވާފައެވެ.
"އެފަދަ ބަޔަކާއި އެކީ ކޯލިޝަން ހެދީ ކީއްވެ؟ އަދި ރައީސް ނަޝީދުއާއި އެމްޑީޕީ ސަޕޯޓަރުންގެ ހިތް އެ ލީޑަރުންނަށް ހަލާލު ތޯ؟ " ޝަރީފް ސުވާލު ކުރެއްވިއެވެ.
މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ، ރައީސް ޔާމީން ފަސް އަހަރު ދުވަހުގެ ޖަލަށް ލާން ހުކުމްކުރީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހުއެވެ. ރައީސް ޔާމީން ޖަލުގައި ހުންނަވާތާ އަހަރު ދުވަސް ވެފައިވާ އިރު، މިހާރުވެސް އިތުރު ދެ ދައުވާއެއް އެމަނިކުފާނުގެ މައްޗަށް ވަނީ އުފުލައިފައެވެ.