ރައީސް ޔާމީން ޖަލަށްލީ ދުވަހު ރައީސް ނަޝީދު ޕާޓީ ބާއްވާ އުފާ ފާޅުކުރި: ޝުޢައިބު

ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ޖަލަށް ލުމުން ކުރީގެ ރައީސް އަދި މިހާރުގެ ރައްޔިތުންގެ މަޖިޅިހުގެ ރައީސް މުޙައްމަދު ނަޝީދު އުފާ ފާޅު ކުރެއްވި ކަމަށް އެމްޑީޕީގެ ފިޔަވަޅު އަޅާ ކޮމިޓީގެ ކުރީގެ ނައިބު މުގައްރިރުގެ ޝުއައިބު އަލީ ވިދާޅުވެއްޖެއެވެ.
އިއްޔެ އެމްޑީޕީ ހަރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަަމުން ރައީސް ނަޝިދު ވިދާޅުވީ ރައީސް ޔާމީން ޖަލަށްލާން ހުކުމް ކުރެއްވުމުން ކީރިތި ކުރެއްވުނު ކަމަށާއި، އެމަނިކުފާނު ޖަލުގައި ހުންނަވަން އެދިވަޑައި ނުގަންނަވާ ކަމަށެވެ.
އެވާހަކަތަކާ ގުޅިގެން ޝުއައިބު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް ޔާމީން ޖަލަށްލާން ހުކުމް ކުރި ދުވަހު ރައީސް ނަޝީދު ޕާޓީ ބާއްވާ އުފާ ފާޅުކުރި ކަމަށެވެ. ރައީސް ނަޝީދު ދޮގު ނުހެއްދެވުމަށް ވެސް އެދިވަޑައިގަންނަވަމުން ޝުއައިބު ވިދާޅުވީ ގާތް އިޚްލާސްވެރި މީހުންނަށް މަކަރާ ހީލަތް ހެދޭނީ ވެސް ވަކި ވަރަކަށް ކަމަށެވެ.
އިއްޔެގެ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ނަޝީދު ވިދާޅުވީ ކުރީގެ ރައީސުން ޖަލަށް ލުމަކީ އެމަނިކުފާނު އެއްވެސް ގޮތަކަށް އެދިވަޑައިގަންނަވާ ކަމެއް ނޫން ކަމަށާއި އެސަގާފަތް އެމަނިކުފާނުގެ ވެރިިކަމުގައި ދަމަހައްޓަވާފައި ނުވާނެ ކަމަށެވެ.