ދީން

ސްނެޕްގެ ސްޓްރީކް ގެއްލުނަސް ކަންބޮޑު ނުވެ، ނަމާދުގެ ސްޓްރީކް ހިފެހެއްޓޭތޯ މަސައްކަތް ކުރަމާ؟

އަހަރެމެންގެ ތެރެއިން ގިނަ މީހުންނަކީ "ސްނެޕްޗެޓް" ބޭނުންކުރާ، އޭގައި އެކަކު އަނެކަކާ އުފެދިފައި އިންނަ "ސްޓްރީކް" އަދަދު ވެސް ގެއްލުނަ ނުދޭން މަސައްކަތް ކުރާ މީހުންނެވެ. ސްޓްރީކް ގެއްލެން ވަގުތު ފާއިތުވަމުންދާ ކަމުގެ ގަޑިއެއް ވެސް އޭގެން ދައްކުވައިދެއެވެ. އަދި ސްޓްރީކް ގެއްލެން އުޅޭނަމަ، އެއެކުވެރިން ވެސް މެސެޖު ކޮށްފައި ނުވަތަ ގުޅާފަ، އަވަހަށް ސްނެޕް ކުރަން ހަނދާން ކޮށްދެއެވެ.

ގިނަ ފަހަރަށް ތިމާގެ ހާލު އަހާ ނުލެވުނަސް، ސްޓްރީކް ހިފަހައްޓަން ބުނާނެއެވެ. އެއީ ވެސް މިކަމަށް ހޭލުންތެރިވާންވީ ނިޝާނެއް ނޫންހެއްޔެވެ؟

މިއަހަރުގެ ބަރަކާތަތެރި ރަމަޟާން މަސް މިވަނީ އަހަރެމެންނާއި މިހާރު އަލްވަދާއު ކިޔާފައެވެ. ހަމަ ޔަގީނުންވެސް ރަމަޟާން މަހު ނަމާދުކުރާ މީހުން އިންތިހާއަށް ގިނައެވެ. އަދި މިއަހަރު ލޮކްޑައުން ގެ ސަބަބުން ވެސް ދީނަށް ފުރިހަމަ އަޙައްމިއްޔަތުކުން ދިން މީހުން ގިނައެވެ.

ނަސޭޙަތެއް ދެންހެއްޔެވެ؟ ރަމަޟާން މަސް ނިމުން ކަމުގައިވީ ނަމަވެސް، ނަމާދު ކުރުމުގެ އެސްޓްރީކްގައި ހިފަހައްޓަމާތޯއެވެ؟

ވަގުތު ފާއިތުވާ ކަމުގެ ގަޑިއެއް ފެންނަން ނެތަސް، ވަގުތު މިއަންނަނީ ފާއިތު ވަމުންނެވެ. މަރާއި ބައްދަލު ކުރަން ޖެހޭނެ ވަގުތެެއް އެކަކަށް ވެސް ނޭނގޭތީއެވެ.

މިދުނިޔެއަކީ ވަގުތީ ތަނެކެވެ. ދުނިޔޭގެ ދަޅަތަކަށް ނުހެއްލޭށެވެ. އެންމެ ވިސްނުން ތޫނު މީހާއަކީ ފަހު ދުވަހަށް ވިސްނައިގެން ތިމާގެ ޢަމަލުތައް ސީދާ ކުރުމުގައި އަވަސްވެ ގަންނަ މީޙާއެވެ.

ނަމާދު ކުރުމުގެ މުހިންމު ކަމާއި ބެހޭގޮތުން މަޝްހޫރު ދީނީ ޢިލްމުވެރިޔާ މުފްތީ އިސްމާޢިލް މެންކު ވިދާޅުވެފައިވަނީ ނަމާދުން ތިމާއާއި ތިމާގެ ވެރި ރައްބާއު ގުޅުވާދެއްވަވާ ކަމަށާއި ނަމާދަކީ އަހަރެމެންނަށް އެކަލާނގެ ލެއްވި ރަޙްމަތެއް ކަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!