ކޮވިޑް-19: މާލެއިން ފައްސިވީ 10 މީހުންނާއެކު މިއަދު ފައްސިވީ 30 މީހުން
ކޮވިޑް-19 އަށް ރާއްޖެއިން މިއަދު އިތުރު 30 މީހުން ފައްސިވެ 42 މީހުން ބަލިން ރަނގަޅު ވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އާއްމުކޮށްފައިވާ ސާވޭލަންސް ޑޭޓާއަށް ބަލާއިރު މިއަދު ރާއްޖެއިން ކޮވިޑަށް ފައްސި ވެފައިވަނީ މާލެއިން 10 މީހުންނާއި އަތޮޅުތެރެއިން 6 މީހަކާއި ހިންގަމުން އަންނަ ރިސޯޓުތަކުން 6 މީހަކާއި ތަރައްޤީ ކުރަމުން އަންނަ ރަށްރަށުން 7 މީހަކާއި އިންޑަސްޓްރިއަލް ރަށަކުން އެކަކެވެ.
މިހާރު ރާއްޖެއިން މިބައްޔަށް ޖުމްލަ 13،474 މީހުން ފައްސި ވެފައިވެއެވެ.
ރާއްޖެއިން މިހާރު ކޮވިޑް ބަލިން ފަސޭހަ ވެފައިވަނީ ޖުމްލަ 12،878 މީހުންނެވެ. އަދި މިބަލީގައި ރާއްޖެއިން ނިޔާވި މީހުންގެ ޖުމްލަ އަދަދު މިހާރު 48 އެވެ.
ހޮސްޕިޓަލުތަކުގައި މިހާރު ފަރުވާ ހޯދަމުން ދަނީ 47 މީހުންނެވެ.
ބަލިފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން އެޗްޕީއޭ އިން ވަނީ ގިނަ އުސޫލުތަކަށް މިހާރު ވަނީ ލުއިދީފައެވެ. އެގޮތުން މާލެ ސަރަޙައްދުގައި ރޭގަނޑު 00:00 އިން ފަތިހު 4:00 އަށް އެއްގަމު އުޅަނދު ދުއްވުމާއި ބޭރުގައި އުޅުން މަނާކޮށްފައި އޮތް އޮތުން މިހާރު ވަނީ އުވާލާފައެވެ.