ޒިނޭ ކުރިކަމާ ނަސަބު ސާބިތުކުރަން ޑީއެންއޭ ބޭނުމެއް ނުކުރެވޭނެ: އަލީ ޒައިދު

ޒިނޭ އާއި ނަސަބު ސާބިތު ކުރުމަށް ޑީއެންއޭ ބޭނުމެއް ނުކުރެވޭނެ ކަމަށް ދީނީ އިލްމުވެރިޔާ ޝެއިޚް އަލީ ޒައިދު ވިދާޅުވެއްޖެއެވެ.
ޝެއިޚް މިހެން ވިދާޅުވީ ޒިނޭ ކޮށްގެން ލިބުނު ކުއްޖަކުގެ ބައްޕަ ކާކުކަން ސާބިތުކުރަން ޑީއެންއޭ ކޯޓަށް ބަލައި ނުގަނެވޭނެ ކަމަށާއި އަދި ޒިނޭ ކޮށްގެން ލިބޭ ކުއްޖަކުގެ ޑީއެންއޭ މީހަކާ ދިމާވި ނަމަވެސް އެއީ އެމީހަކު ޒިނޭކުރިކަން ސާބިތު ކުރެވޭނެ ހެއްކެއް ނޫންކަމަށް އިސްލާމީ ޝަރީޢަތާ ހަވާލާދީ ހައިކޯޓުން ނިންމި ނިންމުމާ ގުޅިގެން ގިނަ ބަޔަކު އެކަމަށް ފާޑުކިޔަމުން އަންނަ ދަނޑިވަޅެއްގައެވެ.
މިކަމާ ގުޅިގެން އަލީ ޒައިދު މިއަދު ކުރެއްވި ޓްވީޓުގައި ވިދާޅުވީ ރާއްޖޭގައި ހުރީ ޝަރުއީ ކޯޓުތަކެއް ކަމަށާއި ޒިނޭ ޒިނޭއަކަށް ވަނީ ވެސް އިސްލާމީ ޝަރީއަތުގައި ކަމަށެވެ.
އަދި ޝަރުއީ ޒިނޭ އާއި ލީގަލް ޒިނޭގެ ތަފާތެއް ނެތް ކަން ފާހަގަ ކުރައްވައި ޝެއިޚް ވިދާޅުވީ ޒިނޭ ސާބިތުކުރުމަށް ޑީއެންއޭ ބޭނުން ނުކުރެވޭނެ ކަމަށެވެ.
“ޒިނޭ ކުރި ކަމާ ނަސަބު ސާބިތުކުރަން ޑީއެންއޭ ބޭނުމެއް ނުކުރެވޭނެ.” ހައި ކޯޓުގެ ހުކުމަށް ތާއީދުކުރައްވާ އަލީ ޒައިދު ވިދާޅުވިއެވެ.