ޚަބަރު

ލަންކާ ގައި މަރުވާ މުސްލިމުން ރާއްޖޭގައި ވަޅުލުމުގެ ވިސްނުން ދޫކޮށްލައިފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ކޮވިޑް-19 ޖެހިގެން އަވަށްޓެރި ޝްރީލަންކާ ގައި މަރުވާ މުސްލިމުން، ރާއްޖޭގައި ވަޅުލުމުގެ ވިސްނުން ދޫކޮށްލައިފި ކަމަށް އެޤައުމުގެ ސަރުކާރުން ބުނެފިއެވެ.

Ads by Sosun Fihaara

ލަންކާގެ ސަރުކާރު ހިންގަމުންދާ ބުދިސްޓު މޮންކުން ޤަބޫލު ކުރާ ކަންތައްތަކެއް ގެ ސަބަބުން، ކޮވިޑް ޖެހިގެން މަރުވާ މުސްލިމުން ވެސް އަންދާލާމުން ދާތީ، އެކަމާ އެޤައުމުގެ މުސްލިމުން ވަނީ ނުރުހުން ފާޅު ކޮށްފައެވެ. އެހެންކަމުން ކޮވިޑް ބަލީގައި އެޤައުމުން މަރުވާ މުސްލިމުން ރާއްޖެ ގެނެސް ވަޅުލައި ދިނުމަށް ޝްރީލަންކާގެ ރައީސް ގޯޓާބަޔާ ރާޖަޕަކްސާ އެދިލެއްވުމުން، ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙު ގެންދެވީ އެކަމާ ގުޅޭ މަޝްވަރާތައް ކުރައްވަމުންނެވެ.

އެކަމާ ގުޅޭގޮތުން ރާއްޖޭގެ ބައެއް ދީނީ ޢިލްމުވެރިންގެ މެދުގައި ވެސް ވަނީ ޚިޔާލު ތަފާތުވުން އުފެދިފައެވެ. އަދި މިކަމާ ރާއްޖޭގެ ބައެއް އިސް ފަރާތްތަކުން ދެކޮޅު ހެދިއިރު، ލަންކާގެ ބައެއް ރައްޔިތުން ވެސް ވަނީ އެޤައުމުގައި މަރުވާ މުސްލިމުން ރާއްޖެއަށް ވަޅުލާން ގެންނަން ވާހަކަ ދެއްކުމުން، ލަންކާ ސަރުކާރަށް ފާޑު ކިޔާފައެވެ. އަދި ލަންކާ މުސްލިމުންނާއެކު، އެހެން ދީންތަކުގެ މީހުންވެސް ވަނީ ލަންކާގެ އެކި ސަރަހައްދުތަކުގައި ސަރުކާރާ ދެކޮޅަށް މުޒާހަރާ ކޮށްފައެވެ.

ލަންކާ ސަރުކާރަށް މިކަމާ ގުޅިގެން އެތައް ނުރުހުމަކާ ކުރިމަތިލާން ޖެހުމުން ލަންކާ ކެބިނެޓުގެ ތަރުޖަމާނު މިނިސްޓަރު ކެހެލިޔަ ރަމްބުކްވެލަ ލަންކާގެ މީޑިއާތަކަށް ވިދާޅުވެފައިވަނީ، ކޮވިޑް-19 ޖެހިގެން މަރުވާ ލަންކާ މުސްލިމުންގެ ހަށިތައް ރާއްޖޭގައި ވަޅުލުމުގެ ވިސްނުން މިހާރު ދޫކޮށްލާފައިވާ ކަމަށެވެ.

މިކަމާ ގުޅޭގޮތުން ރައީސް އޮފީހުގެ ބަހެއް އަދި ނުލިބޭތީ، އެ ނިންމުން ދިވެހި ސަރުކާރާ ރަސްމީކޮށް ހިއްސާކުރި ކަމެއް އަދި ކަށަވަރު ކުރެވިފައެއް ނުވެ އެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!