ކޮވިޑަށް ފައްސި މީހަކަށް ފްލައިޓެއްގައި ސީޕީއާރް ދީ އެތައް ބަޔަކު އަމިއްލައަށް ނުރައްކަލަކަށް ވެއްޓިއްޖެ
ކޮވިޑް-19 އަށް ފައްސި ވެފައިވާ މީހަކު އެމެރިކާގެ ފްލައިޓެއްގައި މަރުވެއްޖެއެވެ.
އެމީހާ އަކީ ކޮވިޑަށް ފައްސި މީހެއްކަން އެއާލައިނަށް ކުރިން ވެސް އެނގޭ ކަމަށާއި ނަމަވެސް އޭނާ ދަތުރުކުރަން ހުއްދަ ދިނީ ކޮވިޑްގެ އަލާމާތެއް ނެތޭ ބުނެ ހެދި ދޮގު ގަބޫލު ކޮށްގެން ކަމަށް ވެސް ރިޕޯޓުތަކުން ބުނެއެވެ.
ކޮވިޑަށް ފައްސި ވެފައިވާ އެމީހާ މަރުވެގެން ނިއު އޯލިއަންސް އަށް އެފްލައިޓު ޖެއްސިއިރު، އެވަގުތު އޭގައި ތިބި އެންމެން ވެސް ތިބީ ވަރަށް ބިރުގަނެ ހާސް ވެފައި ކަމަށް ރިޕޯޓުތަކުން ބުނެއެވެ. ސަބަބަކީ ފްލައިޓު ނައްޓާލުމުން އެމީހާގެ ހާލު ދެރަވާން ފެށުމުން، އެވަގުތު އެފްލައިޓުގައި ދަތުރުކުރި ޕަސިންޖަރުން ތަކަކާއި ސިއްޙީ ޚިދުމަތްތެރިން ތަކެއް އެމީހާއަށް ސީޕީއާރް ދިނުމެވެ. އޭނާ އަކީ ކޮވިޑަށް ފައްސި މީހެއްކަން އެނގިހުރެ އެފަދައިން ކަންތައް ކުރުމުން މިހާރު އެއެންމެން ވެސް ވަނީ ނުރައްކަލަކަށް ވެއްޓި އެހެން މީހުންނާ އެކަހެރި ވާން ޖެހިފައެވެ.
މިއަދު ހިނގި މިހާދިސާ ގައި އެއެއާލައިނުން ވަނީ މަރުވި ފިރިހެން މީހާގެ އަނބިމީހާ ވެސް ކުށްވެރި ކޮށްފައެވެ. މަރުވި މީހާގެ ގައިން ކޮވިޑްގެ އަލާމާތްތައް ފެންނަމުން ދިޔަކަން އޭނާގެ އަނބިމީހާ ވެސް ހާމަ ކޮށްފައިވަނީ ފަރުވާ ދޭން ދިޔަ މީހުން ސީޕީއާރް ދިން ފަހުންނެވެ.
"އަހަރުމެން އޭނައަށް ސީޕީއާރް ދިނީ ނޭވާލާން އޭނައަށް ދަތިކަމަކާ ކުރިމަތިވެގެން އުޅުމުން. އެވަގުތު އޭނާ ވަރަށް ތުރުތުރު ވެސް އެޅި. ސީޕީއާރް ދިން ނަމަވެސް އެމީހާގެ ފުރާނަ ސަލާމަތެއް ނުކުރެވުނު ، މަރުވި ފަހުން އެމީހާގެ އަންހެނުން ބުނީ އެފިރިހެން މީހާގެ ގައިގައި ކޮވިޑްގެ އަލާމާތްތައް ހުރި ކަމަށާއި އޭނާއަށް ކާއެއްޗެހީގެ ރަހަ ވެސް ނުފެންނަ ކަމަށް" އެވަގުތު އެތަނަށް ދިޔަ އެއް މެޑިކަލް އޮފިޝަލަކު މައުލޫމާތު ދީފައިވެއެވެ.
މަރުވި މީހާގެ ހާލު ދެރަވާން ފެށީ ފްލައިޓު ނައްޓާލުމުން ކަމަށް ވެސް ރިޕޯޓުތަކުން ބުނެފައިވެއެވެ. އަދި އެމީހާއަށް ނޭވާ ނުލެވިގެން އުޅެން ފެށުމުން، ފްލައިޓުގައި އެވަގުތު ހުރި އެހެން ޕަސަންޖަރަކު ވެސް އޭނާއަށް ސީޕީއާރް ދިން ކަމަށް ރިޕޯޓުތަކުން ބުނެއެވެ.
"އޭނާއަކީ ކޮވިޑަށް ފައްސިވެފައިވާ މީހަކަށް ވިޔަސް އަހަރެން ބޭނުންވީ ފުރާނަ ސަލާމަތް ކޮށްދޭން މަސައްކަތް ކުރަން. އެހެންވެ އަހަންނަށް ސީޕީއާރް އެނގޭތީ އޭނައަށް ސީޕީއާރް ދިނިން" ޓޯނީ އަލްޑަޕާ ކިޔާ މީހަކު ބުންޏެވެ.
ކޮވިޑަށް ފައްސި މީހަކު އެހެން މީހުންނާ އެއް ފްލައިޓެއްގައި ދަތުރު ކުރަން ހުއްދަ ދިނުމުން އެއެއާލައިނަށް ވަނީ ވަރަށް ގިނަ ފާޑު ކިޔުންތަކެއް އަމާޒު ވެފައެވެ. ނަމަވެސް އެއާލައިނުން ބުނީ އެމީހާ ފްލައިޓަށް އެރުވީ އަލާމާތްތައް ނެތޭ ބުނުމުން ކަމަށެވެ.