އެކުވެރިޔާއެވެ. ތިބާގެ މާޒީ އަކީ ތިބާގެ މުސްތަޤުބަލު އާރާސްތު ކުރަން އޮތް ހުރަހަކަށް ނުހަދާށެވެ.
ކަމެއް ކުރާ ހިތެއް ނުވެއެވެ. މީހަކާ ވާހަކަ ދައްކާ ހިތެއް ނުވެއެވެ. ދިރިއުޅުމުގައި އެއްވެސް ކަމަކާ މެދު އުއްމީދެެއް ނެތެވެ. އެއްވެސް ކަމަކީ ވާނެ ކަމެއް ކަމަކަށް ގަބޫލެއް ނުކުރެވެއެވެ. ސަބަބަކީ ހެއްޔެވެ؟ މާޒީގައި ކުރެވިފައިވާ ކަންތައްތަކެއްގެ ސަބަބުންނެވެ. މާޒީގައި ލިބިފައިވާ ހިތި ފިލާވަޅުތަކެއްގެ ސަބަބުންނެވެ. މާޒީގައި ދިމާވެފައިވާ ބައެއް ކަންތައްތަކުގެ ސަބަބުން ހިތްބިރު ގަންނާތީއެވެ.
މީހުން ބުނެ އުޅޭތީ އަޑު އަހަމެވެ. ކިތަންމެ ވަރަކަށް ދޮން ކުރިޔަސް ދުނބުރި އަނބަކަށް ނުވާނެ ކަމަށެވެ. ހިތިކަދޫ ވެލެއްގެ ބުޑަށް ފެން ކަމުގައި މާމުއި އެޅި ކަމުގައި ވިޔަސް އޭގައި އަޅާ އެއްޗެއް ފޮނި ނުވާނެ ކަމަށެވެ. ބުނެދޭން އުޅެނީ ވިޔާނުދާ މީހަކު ބަދަލު ނުވާނެ ވާހަކައެވެ. ނަމަވެސް އެކުވެރިޔާއެވެ. ކައްޗަށް އެޅި ބިންގާ ކެއްޗާ ހަމައަށް ނެގިޔަސް ހުންނާނީ ކައްޗަށޭ ބުނެ އުޅޭ ވާހަކަ ބަދަލު ކުރެވިދާނެއެވެ. ނަމަވެސް ބިންގާ ކައްޗަށް އެޅިއްޖެ ނަމަ ދެން އެ އިމާރާތެއް ތެދު ކުރުން ވާނީ އުނދަގޫ ކަމަކަށެވެ.
ދިރިއުޅުމުގައި އަހަރެމެން އެންމެން ވެސް ކުރިމަތިލާން ޖެހޭނީ އުނދަގޫ ކަންތައްތަކާއެވެ. އިމްތިހާނު ތަކާއެވެ. އެ އިމްތިހާނުތަކާ ހިތްވަރާއެކު ކުރިމަތިލުން އޮތީ އަހަރެމެންގެ އަތް މަތީގައެވެ. ކައްޗަށް އެޅުނު ބިންގާ ތެދު ކުރުމުގެ ފުރުސަތު ވެސް އަހަރެމެންގެ އަތްމަތީގައި އެބައޮތެވެ. މީގެ ކުރިން ވިޔާނުދާކޮށް އުޅެފައިވާ އެތައްބަޔަކު މިއަދު އިސްލާހުވެ ރަނގަޅު ދިރިއުޅުމެއް އުޅެމުންދާ މަންޒަރު ވެސް އެބަފެނެއެވެ. އަހަރެމެންގެ ކުރިމަތީގައި ވެސް އެފަދަ އެތައް ބަޔަކު ރަނގަޅުވެފައި އެބަތިއްބެވެ.
އެހެން ކަމަށްވާނަަމަ ތިބާގެ މާޒީގައި ތިބާއަށް ކުރެވިފައިވާ ވިޔާނުދާ އަމަލުތަކަކީ ނުވަތަ ތިބާއަށް ކުރިމަތިވެފައިވާ ދަތި އުނދަގޫ ތަކަކީ ތިބާގެ މުސްތަގުބަލު އާރާސްތު ކުރުމަށް އޮތް ހުރަހަކަށް ހަދާކަށް ނުވާނެއެވެ. އެއީ އެކަމަށް އޮތް ހުރަހެއް ވެސް ނޫނެވެ. ދިރިއުޅުމުގައި ދިމާވާ ކޮންމެ ކަމަކީ ވެސް ތިބާއަށް އެތައް ފިލާވަޅުތަކެއް ނަގައިދޭ އެއްޗެކެވެ. ތިބާގެ މުސްތަގުބަލު އާރާސްތު ކުރުމަށް ތިބާ ބޭނުން ކުރަންވީ އެ ފިލާވަޅުތަކެވެ.
އެކުވެރިޔާއެވެ. މާޒީގައި ދިމާވި މީހެއްގެ ސަބަބުން ނުވަތަ މާޒީގައި ކުރިމަތިވި ކަމެއް ނުވަތަ ކުރެވިފައިވާ ކަމެއްގެ ސަބަބުން މުސްތަގުބަލާ މެދު އުއްމީދު ކަނޑާނުލާށެވެ. މާޒީއާ ދޭތެރޭ ވިސްނައި ރޯން އޮތުމުގެ ބަދަލުގައި މުސްތަގުބަލު އާރާސްތު ކުރުމަަށް އައު ހިތްވަރަކާއެކު މަސައްކަތް ފަށާށެވެ.