މާލެއިން 14 މީހުންނާއެކު މިއަދު 23 މީހުން ރާއްޖެއިން ކޮވިޑަށް ފައްސި ވެއްޖެ

ކޮވިޑް-19 އަށް ރާއްޖެއިން މިއަދު އިތުރު 23 މީހުން ފައްސިވެ 31 މީހުން ބަލިން ރަނގަޅު ވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އާއްމުކޮށްފައިވާ ސާވޭލަންސް ޑޭޓާއަށް ބަލާއިރު މިއަދު ރާއްޖެއިން ކޮވިޑަށް ފައްސި ވެފައިވަނީ މާލެއިން 14 މީހުންނާއި އަތޮޅުތެރެއިން 2 މީހުންނާއި ހިންގަމުން އަންނަ ރިސޯޓުތަކުން 7 މީހެކެވެ.
މިހާރު ރާއްޖެއިން މިބައްޔަށް ޖުމްލަ 13،524 މީހުން ފައްސި ވެފައިވެއެވެ.
ރާއްޖެއިން މިހާރު ކޮވިޑް ބަލިން ފަސޭހަ ވެފައި ވަނީ ޖުމްލަ 12،960 މީހުންނެވެ. އަދި މިބަލީގައި ރާއްޖެއިން ނިޔާވި މީހުންގެ ޖުމްލަ އަދަދު މިހާރު 48 އެވެ.
ހޮސްޕިޓަލުތަކުގައި މިހާރު ފަރުވާ ހޯދަމުން ދަނީ 41 މީހުންނެވެ.
ބަލި ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން އެޗްޕީއޭ އިން ވަނީ ގިނަ އުސޫލުތަކަށް ލުއި ދީފައެވެ. އެގޮތުން މާލެ ސަރަޙައްދުގައި ރޭގަނޑު 00:00 އިން ފަތިހު 4:00 އަށް އެއްގަމު އުޅަނދު ދުއްވުމާއި ބޭރުގައި އުޅުން މަނާކޮށްފައި އޮތް އޮތުން މިހާރު ވަނީ އުވާލާފައެވެ.