ހަގީގީ ހާދިސާ ދީން

ޙަޤީޤީ ވާހަކަ: ދައްތަގެ އެދުމަކަށްވީ ހެޔޮމަގަށް އެނބުރި ރުޖޫޢަވުން ، ނަމަވެސް ވިސްނުނުއިރު ދައްތަ ނިޔާވެއްޖެ

ދެން އެމްވީ ، ދެން އޮންލައިން

ދުނިޔޭގެ ޙަޔާތަކީ ނުހަނު ކުރު ދަތުރެކެވެ. މިދަތުރު ނިންމާ ފުރައިގެން ދާން ޖެހޭނެ ވަގުތެއް އެކަކަށް ވެސް ނޭނގޭ ދަތުރެކެވެ. ވީމާ ، ބުއްދިވެރިއަކީ ދަތުރު އަމާން ކުރުމަށް ބޭނުންވާ ކޮއްތު ދުނިޔެއިން ހޯދުމެވެ. ފަހެ އެންމެ ހެޔޮ ކޮއްތަކީ ތަޤުވާގެ ކޮއްތެވެ.

Ads by Sosun Fihaara

މިއީ ދިވެހި އުޚްތެއްގެ ޙަޤީޤީ ވާހަކައެކެވެ. އުޚްތާގެ އެދުމަކީ މިވާހަކައިން ޢިބްރަތެއް ލިބުމެވެ. ދުނިޔޭގެ އެދުމަށް ނަފްސް ދޫކޮށްނުލާ މި ނޫން ދުވަހެއް ވެސް އޮތްކަން ދެނެ ، ޙަޔާތުގެ ދުވަސްތައް ހޭދަ ކުރުމެވެ.

އަހަންނަކީ މާލެއަށް އުފަން، މާލޭގައި ގެދޮރު ހުރި އަންހެނަކީމެވެ. މަންމަ އާއި ބައްޕައަށް ލިބިފައިތިބި ދެއަންހެން ދަރިންގެ ތެރެއިން އަހަންނަކީ އެންމެ ހަގު އަންހެން ދަރިއެވެ. ދެން ހުންނަނީ އުމުރުން ދިހަ އަހަރުގެ ކުޑަ ފިރިހެން ކޮއްކޮއެވެ.

ކުޑައިރުއްސުރެ ވެސް ވަރަށް ހަމަޖެހޭ ދިރިއުޅުމެއްގައި އުޅެވިފައިވާތީ، އަހަންނަށް އާދަވެފައިވީ އެގޮތަށް އުޅޭށެވެ. އާއިލާގެ އެހެން އެންމެންނަކީ، އަދި ވަކިން ޚާއްސަކޮށް އަހަރެންގެ ދައްތައަކީ ދީނުގެ އަޅުކަމަށް ވަރަށް ބޮޑަށް ސަމާލުކަންދޭ މީހުންނެވެ. ޤަވައިދުން ނަމާދު ކުރާނެއެވެ. ނަމާދު ނުކުރެވޭ ދުވަސްތަކުގައި ގިނަ ގިނައިން ޒިކުރުކޮށް ދީނީ ފޮތެއް ކިޔުމުގައި ދައްތަ ވަގުތު ހޭދަކުރިއެވެ.

ދައްތައާއި ޚިލާފަށް އަހަންނަކީ ދީނީ އެއްވެސް ކަމަކާއި އުޅުނު މީހެއް ނޫނެވެ. ވަޒީފާއަކަށް ދިޔަ ނަމަވެސް ލިބޭ ހުރިހާ ފައިސާއެއްހެން ޚަރަދު ކުރީ ރައްޓެހިންނަށް ކާން ދިނުމުގައާއި އެކި އެއްޗެހި ގަނެ ފައިސާތައް އިސްރާފު ކުރުމުގައެވެ. ދިރިއުޅުމަކީ މަދު ދުވަސްކޮޅެއްކަން އަހަރެން ވެސް ޤަބޫލު ކުރީމެވެ. ނަމަވެސް ތަފާތަކީ އަހަރެން ބޭނުންވީ މިކުޑަ ދިިރިއުޅުމުގައި އުފާކޮށް މަޖާކުރާށެވެ.
އަހަންނަށް ވިސްނައިދީ ރަނގަޅު މަގަށް އެޅުވޭތޯ މައިންބަފައިންނާއި ދައްތަވެސް ވަރަށް މަސައްކަތް ކުރިއެވެ. ދައްތަ ނަމާދު ކުރާ ކޮންމެ ފަހަރަކުހެން އަހަންނަށް ގޮވަންވެސް ގޮވިއެވެ. ނަމަވެސް އަހަރެން އެގޮވުންތަކަށް ދިނީ ބީރު ކަންފަތެކެވެ. ދައްތައާއި ދިމާލަށް އެއްޗެހި ގޮވާ ހިތުގައި ޖެއްސީމެވެ. މާދީންވެރި ވެގެން ދައްތަ އުޅެނީ މައިންބަފައިންގެ ރަންދަރިއަށްވާށޭ ވެސް އެއްދުވަހު ބުނީމެވެ.

އެގޮތުގައި ޙަޔާތް ވޭތުވަނިކޮށް، ކުއްލިއަކަށް އަހަރެންގެ ދައްތަ ވަރަށް ބަލިވިއެވެ. ގައިގާ އެހާ ވަރެއް ނުހުރެއެވެ. ކައިބޮއެ ހެދެން ފެށީވެސް ވަރަށް މަދުންނެވެ. ނަމަވެސް އެޙާލަތުގައި އޮވެގެން ވެސް ނަމާދު ކުރިއެވެ.
މާލެއިން ފަރުވާ ނުކުރެވިގެން ދައްތަ ގޮވައިގެން އާއިލާގެ އެންމެން ދިޔައީ އިންޑިއާ އަށެވެ. ނަމަވެސް އެތަނުގައި ވެސް ދައްތަގެ ބައްޔަށް ފަރުވާއެއް ނުލިބުނެވެ. ފަހަކަށް އައިސް ކޮޅަށް ހުރުމުގެ ބާރުވެސް ގެއްލި، އެގޮތުގައި މުޅިއަކު 20 ދުވަސް ހޭދަކުރުމަށްފަހު ދައްތަ މިދުނިޔެއަށް އަލްވަދާޢުކީއެވެ. އަހަރެން ވަރަށް ދެރަވިއެވެ. ނަމަވެސް ހައިރާންވި އެއްކަމަކީ، ދައްތަ ހިނަވާ ކަފުންކޮށްފައި އޮތް އިރު ވެސް އެއްވެސް ވޭނެއް ދައްތަގެ މޫނުމަތިން ނުފެނެއެވެ. ވަރަށް ވެސް އުޖާލާއެވެ. ދެރަވިނަމަވެސް ދައްތަގެ އެއުޖާލާ މޫނު ފެނުމުން ބުނެދޭން ނޭނގޭ ކަހަލަ ހިތްހަމަޖެހުމެއް ލިބުނެވެ.

ދައްތަ ނިޔާވުމުން އަހަރުމެން އަނެއްކާވެސް މާލެ އައީމެވެ. ނަމަވެސްދައްތަ ނެތުމުން ލިބިފައިހުރި ޝޮކް އެއިރު ވެސް ނުފިލައެވެ.
ބައްޕަގެ އޮފީސް ހަފްލާއަކަށް އެއްރޭ ރިސޯޓަކަށް ދާން އެންމެންނަށް ދައުވަތު ލިބުނެވެ. ނަމަވެސް އަހަރެން ބޭނުންވީ އެރޭ ގޭގައި ހުންނާށެވެ. އެހެންކަމުން މަންމައާއި ބައްޕަ ކޮއްކޮ ގޮވައިގެން ދިޔައެވެ.

އެރޭ އަހަރެން ނިދާފައި އޮއްވާ ކުއްލިއަކަށް ވަރަށް ބޮޑަށް ހޫނުވެ މޭގައި ރިއްސަންފެށިއެވެ. އެނދުން ތެދުވެ ފެންފޮދެއް ބޯން އުޅެނިކޮށް އަތުން ފެންތަށިވެސް ދޫވެގެން ވެއްޓުނެވެ. އަހަރެންގެ މެއަށް އެރި ތަދު ބޮޑުވެ އަހަރެންވެސް ވެއްޓުނެވެ. ނަމަވެސް ހޭހުއްޓެވެ.
އަތްފައި ހަރަކާތް ނުކުރެވުނު ކަމުގައި ވިޔަސް ސިކުނޑި މަސައްކަތް ކުރިއެވެ. އަހަރެން ވަރަށް ބިރުގަތެވެ. އަހަރެންވެސް މަރުވަނީބާއޭ، އެކަމަކު އަހަރެން އަދި މަރަށް ތައްޔާރެއް ނޫނޭ ހިތަށް އަރާ، ބޮޑަށް ބިރުގަންނަން ފެށިއެވެ. އަދި ހިތާ ހިތުން މާތްﷲ އަށް އާދޭސް ދަންނަވަން ފެށުނެވެ. އަހަރެންގެ ބައިވަރު ނުހިފާ ރޯދަތައް އެބަހުއްޓެވެ. ނުކުރާ ނަމާދުތައް ގުނާ އަދަދު ނުކުރެވޭހާ ގިނައެވެ. އެއްވެސް ކަމަކަށް ތަޢުބާ އެއްވެސް ނުވަމެވެ. އެއީ އަހަރެންގެ ފަހުވަގުތު ކަމުގައި ނުހެދުމަށް އާދޭސްކޮށް ރޮވުނެވެ. މަންމަ އަށް ގޮވުނެވެ. އެފަހަރު އަހަރެން ސަލާމަތްވެއްޖެނަމަ ދުވަހަކުވެސް އެންމެ ނަމާދެއްވެސް ނާޅަން ހިތާހިތުން ވަޢުދުވީމެވެ.
އިރުކޮޅެއް ތެރޭގައި އަހަރެންގެ މެއަށް އެރި ތަދު ފިލަންފެށިއެވެ. އަތްފައި ވެސް ދޫވިއެވެ. އަދި އިސާހިތަކު އަމިއްލައަށް ތެދުވެވޭވަރަށް އަހަރެންގެ ގައިގާ ބާރުވެސް ޖެހުނެވެ.

އެކަމުން އެރޭ ސަލާމަތްވި ކަމުގައި ވިޔަސް، އެރޭ އަހަރެން ގަތް ބިރު އަހަރެން ދުވަހަކުވެސް ހަނދާނެއް ނުނެތެއެވެ. މަރަކީ ހަމަ ކޮންމެ ފަދަ ވަގުތެއްގައި ވެސް އައިސްދާނެ އެއްޗެއްކަން އަހަންނަށް ޤަބޫލު ކުރެވުނެވެ. އަދި ޙަޤީޤަތުގައި ތިމާގެ މަރުގެ ވަގުތު އައިސް ޖެހިއްޖެނަމަ، އެކަކަށްވެސް އެކަމުން ނުރެކެވޭނެކަން ވެސް އަހަންނަށް ޤަބޫލު ކުރެވުނެވެ.
އެހާދިސާއަށްފަހު އަހަރެން ދުވަހަކުވެސް ނަމާދެއް ނާޅަމެވެ. ގަތް ބިރަކުން ނަމާދު ކުރަން ފެށުން ކަމުގައި ވިޔަސް، ނަމާދު ކުރަން ފެށުމުން އަހަރެންގެ ހިތަށް ލިބެންފެށި ހިތްހަމަ ޖެހުން ބަޔާންވެސް ނުކުރެވެއެވެ. އަހަންނަށް އިޙްސާސްވަނީ، އަހަރެންގެ މުޅި ނަފްސު ތޯޙިރު ވެއްޖެ ހެންނެވެ. އަހަރެން އުޅެމުން ދިޔައީ، އަހަރެންގެ ދައްތަ އުޅުން ފަދައިންނެވެ. މިމަންޒަރު ދައްތައަށް ފެންނަނަމަ، ދައްތަ ނުހަނު އުފާވެ އަހަންނާއި މެދު ފަޚުރުވެރި ވާނެކަން އަހަންނަށް ހަމަ ޔަޤީނެވެ."

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!