4 ވެކްސިނެއް ބޭނުން ކުރުމުގެ ހުއްދަ އަވައްޓެރި ލަންކާގައި ދީފި

ކޮރޯނާ ވައިރަހުން ސަލާމަތ ކުރާ ހަތަރު ވެކްސިނެއް ބޭނުން ކުރުމުގެ ހުއްދަ ސްރީލަންކާގެ ނޭޝަނަލް ރިސާޗް ކައުންސިލް (އެންއާރްސީ) އިން ދީފިއެވެ.
އެޤައުމުގައި ބޭނުން ކުރުމުގެ ހުއްދަ ދީފައިވަނީ، އޮކްސްފޯޑް ޔުނިވާސިޓީ އާއި އެސްޓްރަޒެނިކާ ގުޅިގެން އުފެއްދި ވެކްސިނާއި މޮޑާނާ، ފައިޒާ-ބަޔޯއެންޓެކް އަދި ރަޝިޔާގެ ގަމަލެޔާ އިން އުފެއްދި ސްޕުޓްނިކް ވީ ވެކްސިނެވެ.
ސްރީ ލަންކާ އިން މިހާތަނަށް 38,639 މީހުން ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. އޭގެ ތެރެއިން 184 މީހުން މަރުވެފައިވާއިރު، އެޤައުމުގެ ނޭޝަނަލް ރިސާޗް ކައުންސިލުން ވަނީ ވެކްސިން ހޯދުމަށް ލަންކާގެ ސިއްޙީ ކަންކަމާ ބެހޭ ވުޒާރާއަށް ލަފާދީފައެވެ.
ކޮވިޑް-19 ވެކްސިން ދޭނީ ކިތައް މީހުންނަށް ކަމެއް މިހާތަނަށް ލަންކާއިން ކަނޑައަޅާފައިއެއް ނުވެއެވެ. ނަަމަވެސް މާރިޗް މަސްތެރޭގައި ލަންކާގައި ކޮވިޑް-19ޖަހަން ފެށުމަށް ވާން ޖެހޭ ތައްޔާރީތައް މިހާރުވަނީ ފަށާފައެވެ. މިގޮތުން ވެކްސިން އެއްތަނުން އަނެއްތަނަށް އުފުލުމަށާއި ރައްކާކުރުމަށް ފްރީޒާތައް ޤާއިމް ކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.