ޚަބަރު

ޝީ ބިލްޑިންގގައި ބޭއްވި ކައިވެނި ހަފްލާއެއްގައި ބައިވެރިވި 35 މީހަކު ކޮވިޑަށް ފައްސި ވެއްޖެ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

މިމަހުގެ 20 ވަނަ ދުވަހު ޝީ ބިލްޑިންގ ގައި ބޭއްވި ކައިވެނި ހަފްލާއެއްގައި ބައިވެރިވި 35 މީހަކު ކޮވިޑަށް ފައްސި ވެއްޖެއެވެ.

Ads by Hajj Corporation

ހެލްތު އެމަޖެންސީ އޮޕަރޭޝަންސް ސެންޓަރ (އެޗްއީއޯސީ) އިން ބުނީ މިމަހުގެ 20 ވަނަ ދުވަހު ބޭއްވި މިކައިވެނި ހަފްލާ ތެރެއިން ކޮވިޑް-19 އަށް ފައްސިވީ 35 މީހުންގެ ތެރޭގައި ބައްޔަށް ހައިރިސްކު މީހުން ވެސް ހިމެނޭ ކަމަށެވެ. މިހަފްލާގައި ބަލީގެ އަލާމާތްތަކެއް ހުރި މީހުން ބައިވެރި ވެފައިވާ ކަމަށް އެޗްއީއޯސީން ބުނެފައިވެއެވެ.

މިހަފްލާގައި ގާތްގަނޑަކަށް 120 މީހުން ބައިވެރިވިކަމަށް މިހާތަނަށް މައުލޫމާތު ލިބިފައިވާ ކަމަށް ވެސް އެޗްއީއޯސީ އިން ވަނީ ބުނެފައެވެ.

އެޗްއީއޯސީން ބުނީ، މިހަފްލާގައި ބައިވެރިވި އެންމެން އަދި ހަފްލާގެ ކަންކަމުގައި ހަރަކާތްތެރިވި ފަރާތްތަކަށް ގުޅައި، އެންމެން ކަރަންޓީނު ކުރަމުން ގެންދާ ކަމަށެވެ. އަދި އެންމެ ހައި ރިސްކް ފަރާތްތައް ޓެސްޓް ކުރުމުގެ މަސައްކަތް ވެސް ކުރަމުންދާ ކަމަށް އެޗްއީއޯސީން ބުނެފައިވެއެވެ.

"މިހަފްލާއަށް ދިޔަ ފަރާތްތަކުގެ ތެރެއިން އެޗް.ޕީ.އޭ އިން ނުގުޅާ ފަރާތްތަކުން 1676 އަށް ގުޅުއްވާ ވިހާވެސް ގިނަ މަޢުލޫމާތު ހިއްސާ ކުރެއްވުމަކީ މުހިންމު ކަމެކެވެ. އަދި އެޗް.ޕީ.އޭ އިން އަދި ގުޅިފައި ނުވިނަމަވެސް ގެއިން ބޭރަށް ނުނިކުމެ ގޭގައި އެކަހެރިވެ ތިއްބެވުމަށް ދަންނަވަމެވެ." އެޗްއީއޯސީން ބުނެފައިވެއެވެ.

އެޗްއީއޯސީން ބުނެފައިވަނީ މިފަދަ ހަފްލާތައް ބާއްވާއިރު އެޗް.ޕީ.އޭ ގެ ގައިޑްލައިންތަކާ އެއްގޮތަށް އަމަލުކުރުމަށް ޚާއްސަ ސަމާލުކަމެއް ދިނުމަކީ މުހިންމު ކަމެއް ކަމަށާއި ބަލީގެ އަލާމާތްތައް ހުރި މީހުން މިފަދަ ހަފްލާތަކަށް ނުދިއުމާއި، ހާޟިރުވާ ފަރާތްތައް މާސްކް އެޅުމާއި، ގައިދުރުކަން ކަށަވަރުކުރެވޭނެ މިންވަރަށް ބަހާލައިގެން މީހުންނަށް ދައުވަތު ދިނުމަށާއި، ރަނގަޅަށް ވައި ދައުރުވާ ގޮތަށް ހަފްލާ އޮންނަ ތަން ބެހެއްޓުމަށާއި، ކާތަކެތި ސަރވް ކުރުމާއި ކެއުމުގައި ވެސް ގައިޑްލައިންގައިވާ ގޮތަށް އިންތިޒާމު ހަމަޖެއްސުމަށް ދަންނަވާ ކަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!