އިނގިރޭސިވިލާތުން އަންނަ ދިވެހިންނާއި ވޯކް ވިސާގައި އަންނަ މީހުން ކަރަންޓީން ކުރަން ނިންމައިފި
އިނގިރޭސިވިލާތުން ދިވެހިރާއްޖެއަށް އަންނަ ދިވެހިންނާއި ވާކް ވިސާ އޮންނަ މީހުން 10 ދުވަސް ވަންދެން ކަރަންޓީން ކުރަން ނިންމައިފިއެވެ.
މިހާރު އަމަރު ކުރަމުންދާ އުސޫލުގެ ދަށުން ރާއްޖެ އިން ބޭރުން އަންނަ ދިވެހިންނާއި ވޯކް ވިސާ އޮންނަ މީހުން ކަރަންޓީން ވާކަށް ނުޖެހޭނެއެވެ.
އެޗްޕީއޭއިން ދެންމެ ކުރި ޓްވީޓެއްގައި ވިދާޅުވީ، މާދަމާ އިން ފެށިގެން ދިވެހިރާއްޖެއަށް އައުމުގެ 14 ދުވަސްކުރިން އިގިރޭސިވިލާތުގައި އުޅެފައިވާ އަދި އެޤައުމުގައި 12 ގަޑިއިރަށްވުރެ ގިނައިރު ޓްރާންސިޓް ކޮށްފައި އަންނަ ދިވެހިންނާއި ވާކް ވިސާގައި އަންނަ މީހުން 10 ދުވަހުގެ މުއްދަތަށް ގޭގައި ކަރަންޓީނު ކުރަން ނިންމާފައިވާ ކަމަށެވެ.
އަދި އެފަރާތްތައް ރާއްޖެ އަންނަތާ ފަސް ދުވަހަށް ފަހު އަދި 10 ދުވަހަށް ފަހު ކޮވިޑް-19 އަށް ޕީސީއާރް ޓެސްޓު ހަދަން ވެސް ވަނީ ނިންމާފައެވެ.
ޔޫކޭއިން ކޮވިޑް-19ގެ އާ ވޭރިއަންޓެއް ފެނުމުގެ ސަބަބުން، ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުން މިހާރު ވަނީ ޔޫކޭއަށް ކުރާ ދަތުރުތައް ހުއްޓާލާ ޔޫކޭއަށް އެ ގައުމުތަކުގެ ބޯޑަރުތައް ބަންދުކޮށްފައެވެ.
އިނގިރޭސިވިލާތުން އަލަށް ފެނިގެން އުޅޭ ކޮވިޑްގެ އާ ވައްތަރާ ގުޅިގެން ރިސްކް އެސެސްމަންޓެއް ވަނީ ހަދާފައެވެ. އަދި ރާއްޖެއިން ބައެއް ސާމްޕަލްތައް ބޭރަށް ފޮނުވާ ޖީންސް ސީކުއެންސީން ވަނީ ހަދާފައެވެ.
އަދިވެސް ރާއްޖެއަށް އިނގިރޭސި ވިލާތުން އަންނަ ފަތުރުވެރިން ކަރަންޓީންވާން ނުޖެހޭކަން ފާހަގަ ކޮށްލެވެއެވެ.