ޤާނޫނުން ލާޒިލު ކުރާ އުސޫލުތަކެއްގެ މައްޗަށް ފުލުހުންގެ މަސައްކަތްތައް ބައްޓަން ވެގެން ދާނެ: ސީޕީ
ރައްޔިތުންނަށް ހިދުމަތް ދިނުމުގައި ރައްޔިތުންގެ ބަސް ހޯދައި، ގުޅުން ބަދަހިކޮށް ކައުންސިލްތަކާއި އެހެނިހެން މުއައްސަސާތަކާއި އެކީ މަސައްކަތް ކުރުމަށް ޓަކައި ގާނޫނުން ލާޒިމްކުރާ އުސޫލުތަކެއްގެ މައްޗަށް ފުލުހުންގެ މަސައްކަތްތައް މާލަސްތަކެއް ނުވެ ބައްޓަންވެގެން ދާނެކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.
ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު މިހެން ވިދާޅުވީ އަޕަރ ސައުތު ޕޮލިސް ޑިވިޜަންގައި އަވަށްޓެރި ފުލުހުން ހިދުމަތް ރަސްމީކޮށް ފެށުމުގެ ގޮތުން މިއަދު ގއ. އަތޮޅު ތައުލީމީ މަރުކަޒުގައި ބޭއްވި ރަސްމިއްޔާތެއް ދެއްކެވި ވާހަކަފުޅުގައެވެ.
މިރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕޮލިސް ދެއްކެވި ވާހަކަފުޅުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު އިއްޔެ ތަސްދީގު ކުރެއްވި ފުލުހުންގެ ހިދުމަތުގެ ގާނޫނުުގައި އަތޮޅު ތެރޭގައި ފުލުހުންގެ ހިދުމަތް ލާމަރުކަޒީ އުސޫލުން ހިންގުމަށް ވަރަށް ބޮޑަށް ބާރު އަޅުއްވާފައިވާ ކަމަށާއި އެގޮތުން އަތޮޅުތަކުގައި ގާއިމްކުރެވިފައިވާ ފުލުހުން ދެމުންދާ ހިދުމަތްތައް ދިނުމުގައި ކުރަންޖެހޭ ކަންކަން މާލެއިން ކަނޑައެޅުމުގެ ފަލްސަފާއަށް ނިމުމެއް ގެނައުމުގެ މަގު މިގާނޫނުން ފަހިވެގެންދާކަމަށް ވިދާޅުވިއެވެ.
ހަމައެއާއެކު ފުލުހުން ޒިންމާދާރު ކުރުވައި އަދި ޖަވާބުދާރީ ކުރުވުމަށް ފުލުހުންގެ ހިދުމަތުގެ ވޭތުވެދިޔަ 87 ވަރަކަށް އަހަރުގެ ދިގު ތާރީހުގައި މީގެކުރިން ލިބިފައިނުވާ މިންވަރަށް މިގާނޫނުން ޖާގަ ހޯދައިދީފައި ވާ ކަމަށާއި އެގޮތުން ރައްޔިތުންގެ ބައިވެރިވުމާއެކު އުފެދިގެންދާ ޕޮލިސް ބޯޑަކީ ފުލުހުންގެ މަސައްކަތަށް ފާރަވެރިވެ ފުލުހުން ޒިންމާދާރު ކުރުވައި ޖަވާބުދާރީ ކުރުވުމަށް މިހާރަށްވުރެ ފުޅާ ފުރުސަތުތަކެއް ހޯދައިދޭނެ ބޯޑެއްކަމަށް ވިދާޅުވިއެވެ. އަދި މިއީ ކުރިއަރާފައިވާ ތަހުޒީބީ ޑިމޮކްރެޓިކް މުޖުތަމައުތަކުގައި ވެސް ކަންކުރަމުން އަންނަ ގޮތްކަން ފާހަގަ ކުރައްވައި، ރައްޔިތުންގެ ހިޔާލާއި ހުށަހެޅުންތަކުގެ އިތުރުން ޖިނާއީ އަދުލުގެ ދާއިރާތަކުގެ އެންމެހާ ފަރާތްތަކުގެ ލަފައާއި ދައުލަތުގެ އެހެނިހެން މުއައްސަސާތަކުގެ މަޝްވަރާއާއެކު ފުލުހުންގެ ހިދުމަތުގެ ގާނޫނު ވުޖޫދަށް ގެނެސް ދެއްވީތީ ރައްޔިތުުންގެ މަޖިލިހުން ކޮށްދެއްވާފައިވާ މަސައްކަތަކަށް ޝުކުރު އަދާކުރެއްވިއެވެ.
އަދި ފުލުހުންގެ މުއައްސަސާގެ އެންމެހާ މެމްބަރުން މިފަދަ ތަހުޒީބު ބަދަލުތަކަށް ހުޅުވި ރައްޔިތުން މުއައްސަސާއަށް ކުރާ އިތުބާރު އިތުރުކުރުމަށްޓަކައި ކޮންމެ ދުވަހަކު ކުރަމުންދާ މަސައްކަތްތައް ފާހަގަކޮށް ފުލުހުންނާއި ފުލުހުންގެ މުއައްސަސާގެ އެންމެހާ މުވައްޒަފުންނަށްވެސް ކޮމިޝަނަރ އޮފް ޕޮލިސް ޝުކުދު އަދާކުރެއްވިއެވެ.