ރޮވެން އުޅުމުން ކަރުނަތައް ނުހިފަހައްޓާ: ރުއިމަކީ ސިއްހަތަށް ފައިދާހުރި ކަމެއް!
ބައެއް މީހުންގެ ނަޒަރުގައި ރުއިމަކީ މީހެއްގެ ފިނޑިކަމާއިބަލިކަށިކަން ދޭހަކޮށްދޭ ކަމެކެވެ. ކުދި ކުދި ކަންކަމާ ރޯނަމަ އެ މީހަކާ ދިމާކޮށް ހެދުމަކީ ބައެއް މީހުންގެ އާދައެކެވެ. ނަމަވެސް އެފަދަ މީހުންނަށް ނުވިސްނެނީ އެވެ. އެގޮތަށް ރޯ މީހެއްގެ ހަޔާތުގައި ހިނގާފައިވަނީ ކޮންކަހަލަ ހާދިސާތަކެއް ކަން އަޅުގަނޑުމެންނަށް ނޭނގިފައި އޮވެދާނެއެވެ. ބައެއް މީހުންނަށް އިހްސާސްތައް ކޮންޓްރޯލް ކުރަން އުނދަގޫ ވެސް ވެދާނެއެވެ.
ނަމަވެސް ބައެއް މީހުންނަކީ ކިތަންމެ ރޯން ބޭނުން ވިޔަސް އަނެކާގެ ކުރިމަތީގައި ރޯން ބޭނުންނުވާ މީހުންނެވެ. ނޫނީ ކަރުނަޔާ ހަނގުރާމަކޮށް މޮޅުވާ މީހުންނެވެ. އެކަމަކު އެއީ އެންމެ ރަނގަޅު ގޮތް ނޫނެވެ. ކަރުނަތަކަށް އޭގެ މަގާމު ދޫކުރުމަށް ފުރުސަތު ދޭށެވެ. ސަބަބަކީ ރުއިމަކީ ސިއްހަތަށް ފައިދާ ހުރި ކަމަކަށް ވާތީއެވެ. މިއީ ސައިންސްވެރިންގެ ދިރާސާތަކުގެ އަލީގައި ހާމަވެފައިވާ ކަމެކެވެ.
އިހްސާސް ހަމައަކަށް އެޅުވުމަށް ފަސޭހަވުން
1. 2014 ވަނަ އަހަރު ސައިންސްވެރިން ކުރި ދިރާސާއަކުން ހަމަވެފައިވާ ގޮތުގައި ރުއިމުގެ ސަބަބުން އިހްސާސްތައް ހަމައަކަށް އެޅުވުމަށް ފަސޭހަވެއެވެ. އެހެންކަމުން މީހާ އަށް އޭގެ ސަބަބުން ހަމަޖެހުން ގެނެސްދެއެވެ.
މީހުންގެ ފަރާތުން ހިތްވަރު ލިބިގެން ދިޔުން
2. ކިތަންމެ ދުވަހެއްް ވަންދެން ވެސް ހިތުގައި ކަމެއް ރައްކާކުރެވިދާނެއެވެ. ދުނިޔޭގެ ލޯތަކަށް އެކަން ވަންހަނާ ކުރެވިދާނެއެވެ. ނަމަވެސް އޭގެ ސަބަބުން ހިތުގައި އުފެދޭ ހައިޖާނުގެ ހުޅުކޮޅު ދާނީ ދުވަހެއް ދުވަހަކަށް ބޮޑުވަމުންނެވެ. އަދި މީހާގެ ހިތާއި ނަފްސު އެކަމުގައި ގައިދުވެ މިންޖު ނުވެވިދާނެއެވެ. އެހެންކަމުން ކަރުނަތައް ނުހިފަހައްޓާށެވެ. އެހެންމީހުންގެ މަދަދަށް އެދޭށެވެ. ތިބާ އަށް އަޅާލާނެ އޯގާތެރިއެއް ލިބުމުން ވިސްނުންތަކާ ދުރުވެ ނަފްސަށް ހަމަޖެހުން ލިބޭނެއެވެ.
ހަމަޖެހުން ލިއްބައިދިނުން
3. ބައެއް ފަހަރަށް ހިތާމައެއް ކުރިމަތިވުމުން އިންތިހާ އަށް ދެރަވެއެވެ. ހިތަށް އުނދަގޫވެއެވެ. ވޭން އަޅައެވެ. ނަމަވެސް ރުއިމުގެ ސަބަބުން މިކަމަށް ލުޔެއް ލިބެއެވެ. ސައިންސްވެރިން ހާމަކުރާ ގޮތުގައި ރުއިމުގެ ސަބަބުން ހަށިގަނޑުގައި އޮކްސިޓޮކިން އަދި އެންޑޯފިން ކިޔާ މާއްދާތަކެއް އުފެދެއެވެ. މިއީ އިންސާނާ އަށް ހަމަޖެހުން ލިއްބައިދޭ މާއްދާތަކެކެވެ.
މޫޑު ރަނގަޅު ކޮށްދިނުން
4. ރުއިމަކީ މޫޑު ރަނގަޅު ކޮށްދޭ ކަމެއް ކަމުގައި ވެސް ދިރާސާ ތަކުން ވަނީ ހާމަވެފައެވެ. ކުރިން ވެސް ފާހަގަ ކުރި ގޮތަށް ރުއިމުގެ ސަބަބުން ހަށިގަނޑުގައި އުފެދޭ އޮކްސިޓޮކިން އަދި އެންޑޯފިން އަކީ ހަމަޖެހުން ލިއްބައިދޭ މާއްދާތަކެކެވެ. އެހެންކަމުން ރުއިމުގެ މޫޑު ކުރިއަށްވުރެ ރަނގަޅުކޮށް ދިނުމަށް މަގުފަހި ވެގެން ދެއެވެ.
ހާސްކަމާއި ނުތަނަވަސްކަން ފިލުވާލުމަށް ފަސޭހަވުން
6. ދިރާސާތަކުން ދައްކާ ގޮތުގައި ރުއިމުގެ ސަބަބުން ހާސްކަމާއި ނުތަނަވަސްކަން ފިލައި ދިއުމަށް ފަސޭހަވެއެވެ. އެގޮތުން މި ދިރާސާ އިން ހާމަވާ ގޮތުގައި ކަރުނަ ތިކީގައި ކޮންމެވެސް ވަރަަކަށް ހާސްކަން އުފައްދާ ހޯރމޯން އެކުލެވިގެން ވެއެވެ. އެހެންކަމުން ރުއިމުގެ ސަބަބުން ހަށިގަނޑުން މި ހޯރމޯން ބޭރުވެއެވެ. އަދި ނުތަނަވަސްކަން ކުރިއަށްވުރެ ކުޑަ ވެއެވެ.