ރައީސް ސޯލިހުގެ ހިތް ވަރަށް ބަލި، އެވަރުން ވެރިކަމެއް ނުކުރެވޭނެ: އަދުރޭ
ރައީސް ސޯލިހުގެ ހިތްޕުޅު ވަރަށް ބަލި ކަމަށާއި އެވަރުން ރާއްޖޭގެ ވެރިކަމެއް ނުކުރެވޭނެ ކަމަށް ޕީއެންސީގެ ރައީސް އަބްދުރަހީމް އަބްދުالله ވިދާޅުވެއްޖެއެވެ.
ރޭ ނައިފަރުގައި ބޭއްވި އިދިކޮޅު ޖަލްސާގައި ވާހަކަދައްކަވަމުން އަދުރޭ ވިދާޅުވީ ރައީސް ސޯލިހު ހަޔާތްޕުޅުގައި އޮތީ މުޅިން ވެސް ރުއިން ކަމަށެވެ.
އަދި އެހާ ހިތްބަލި ބޭފުޅަކަށް ގައުމުގެ ވެރިކަން ނުކުރެވޭނެ ކަމަށް އަދުރޭ ވިދާޅުވިއެވެ.
“ އެމަނިކުފާނުގެ އެންމެ ތުއްޕުޅު އިރުން ފެށިގެން މިހިސާބަށްވެސް އޮތީ މުޅިން ރުއިން. ކުޑަ އިރުވެސް ރުއީ، ފަޒުނާއާ ދިމާވެގެން ވެސް ރުއީ، އެކީގައި އުޅެމުން ވެސް ރުއީ، ކަމެއް ދިމާވުމުން ވެސް ރޮނީ. ރުއިން ނޫންކަމެއް ނެތް. ކޮން ވަގުތަކުތޯ ހެވިފައި ހުންނާނީ." އަދުރޭ ވިދާޅުވިއެވެ.
އަދުރޭ މިހެން ވިދާޅުވެފައި މިވަނީ ދިވެހިރާއްޖޭގެ އަޑުން މިއަދު ގެނެސްދިން "ބާއްޖަވެރި ހެނދުނާ" ޕްރޮގްރާމުގައި ބައިވެރިވެ ވަޑައިގެން ރައީސް ޞާލިޙު ދެއްކެވި ވާހަކަފުޅަކާ ގުޅިގެންނެވެ.
އެގޮތުން ރައީސް ޞާލިޙު ވިދާޅުވީ އެމަނިކުފާނު މާލެ އަންނަން ޖެހުނީ ކިޔަވާ ވިދާޅުވުމަށް ކަމަށެވެ. އެއިރު އުމުރުފުޅުން 10 އަހަރު ކަމަށް ވެސް ރައީސް ޞާލިޙު ވިދާޅުވިއެވެ.
“ އަޅުގަނޑު މާލެ އައިސް އެންމެ ފުރަތަމަ ކިޔަވަން ބެހެއްޓީ ފަޒޫގެ ގޭގައި، އަޅުގަނޑުގެ ބައްޕަ އާއި ފަޒޫގެ ބައްޕައާ އެއީ ވަރަށް ގާތް ދެ ރަހުމަތްތެރިން، ވިޔަފާރީގައި ވެސް ވަރަށް ގުޅުން އޮންނާނެ އަޅުގަނޑު މާލެ އައީ މާމައާއެކު، އައިސް ބޮޑުބޭބެ ކައިރީގައި ހުރެފައި މާމަ ފުރަންވީމަ އަޅުގަނޑު އެގޭގައި ބެހެއްޓީ، އަޅުގަނޑުގެ ދެ ދައްތައިން ތިބީ އެގޭގައި، އަޅުގަނޑު އެގެއަށް ގެންދިޔައީމަ އަޅުގަނޑު ނުހުރިން އެގޭގައި، ރޯން ފެށީ، ރޯން ފެށި ގޮތަށް އެރޭ 12 ޖަހަންދެން ހުއްޓާ ނުލާ ރުއީ" މެޑަމް ފަޒްނާއާ އެންމެ ފުރަތަމަ ބައްދަލުވީ ކޮންއިރަކުތޯ ޕްރެޒެންޓަރު ސުވާލު ކުރުމުން ރައީސް ޖަވާބު ދެއްވިއެވެ.