އޮކްސްފޯޑް-އެސްޓްރާޒެނެކާ ކޮވިޑް ވެކްސިން ބޭނުން ކުރަން ހުއްދަ ދީފި

މުޅި ދުނިޔެއަށް ވެސް ފެތުރިފައިވާ ނުރައްކާތެރި ވައިރަހެއް ކަމުގައިވާ ކޮވިޑް-19 އިން ރައްކާތެރިވުމަށް އިނގިރޭސިވިލާތުން އުފައްދާފައިވާ އޮކްސްފޯޑް/އެސްޓްރާޒެނެކާ ވެކްސިން ބޭނުން ކުރަން ހުއްދަ ދީފިއެވެ.
ބޭރުގެ ރިޕޯޓުތަކުން ބުނެފައިވާ ގޮތުގައި އިނގިރޭސިވިލާތުން ވަނީ އެޤައުމުގެ 50 މިލިއަން ރައްޔިތުންނަށް ވާވަރަށް އޮކްސްފޯޑް/އެސްޓްރާޒެނެކާ ވެކްސިންގެ 100 މިލިއަން މިހާރު ވެސް އޯޑަރު ކޮށްފައެވެ.
އިނގިރޭސިވިލާތުގެ ހެލްތު ސެކްރަޓަރީ މެޓް ހެންކޮކް ވިދާޅުވެފައި ވަނީ އޯޑަރު ކުރި އެ ވެކްސިން މުޅި އެޤައުމުގެ ހުރިހާ ރައްޔިތުންނަށް ޖެހޭނެ ކަމަށެވެ. މިއީ ފައިޒާ/ބައޮއެންޓެކް ބްރޭންޑުގެ ވެކްސިނަށްވުރެ ގިނަ އަދަދެއްގެ ވެކްސިން ކަމަށް ވެސް މެޓް ބުނެފައިވެއެވެ.
ކޮވިޑް-19 އިން ރައްކާތެރިވުމަށްޓަކައި އޮކްސްފޯޑް/އެސްޓްރާޒެނެކާ ވެކްސިން ބޭނުން ކުރުމަށް އިނގިރޭސިވިލާތުން ހުއްދަ ދީފައިވާއިރު، އެޤައުމުގައި މިބައްޔަށް ފައްސިވާ މީހުންގެ އަދަދު އަނެއްކާ ވެސް އިތުރުވަމުން ގޮސްފައިވާކަން ހާމަވެފައިވެއެވެ.
އެގޮތުން ރިކޯޑު ތަކަށް ބަލާއިރު އިއްޔެ ވެސް އިނގިރޭސިވިލާތުން 53،135 މީހުން ކޮވިޑް-19 އަށް ފައްސި ވެފައިވާ ކަމަށް ރިކޯޑުތަކުން ދައްކައެވެ. މިއީ އެޤައުމުގައި ކޮވިޑަށް ޓެސްޓު ކުރުމަށް ފުޅާ ދާއިރާއެއްގައި ފެށުން ފަހުން އެންމެ ގިނަ މީހުން ފައްސި ވެފައިވާ ދުވަސް ކަމަށް ވެސް ރިޕޯޓު ކޮށްފައިވެއެވެ. މީގެއިތުރުން އެޤައުމުން ބައްޔަށް ފައްސިވިތާ 28 ދުވަސް ފަހުން މިބަލީގައި މަރުވި މީހުންގެ އަދަދު ވަނީ 414 އަށް އަރާފައެވެ.